ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، އަދޮ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހުރީ ބޮލީވުޑު ފިލުމެއް ކުޅެން ތައްޔާރަށް ކަމަށް ނިކް ބުނެފިއެވެ.

ބޮލީވުޑް ފިލުމުތައް ބެލުމަށް ޝައުގުވެރިވާ ނިކް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބޮލީވުޑް ފިލުމުތަކަކީ ވަރަށް ޝައުގުވެރި އަދި މާނަ ފުން މެސެޖުތަކެއް ފޯރުކޮށްދޭ ފިލުމުތަކެއް ކަމަށެވެ.

ބޮލީވުޑުން ރަނގަޅު ފިލުމެއްގެ ފުރުސަތު ލިބިއްޖެ ނަމަ އެ ފިލުމެއް ކުޅެން ތައްޔާރަށް ހުރި ކަމަށް ވެސް ނިކް ބުނެފައިވެއެވެ.

ޕްރިޔަންކާ އާއެކު އުޅެން ފެށި ފަހުން ބޮލިވުޑް ފިލުމުތަކާ ބެހޭގޮތުން ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ ކަމަށް ވެސް ނިކް ބުނެފައިވެއެވެ.

އަދި ބޮލީވުޑު ފިލުމެއްގައި މަސައްކަތް ކޮށްލުމަކީ އޭނާ ކުރަން ވަރަށް ބޭނުން ވެފައި ހުރި ކަމެއް ކަމަށް ވެސް މި އިންޓަވިއުގައި ނިކް ބުންޏެވެ.

ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ނިކްގެ ވަރަށް ގިނަ ރަހުމަތްތެރިން ތިބޭނެ ކަމަށާއި އެއީ ވަރަށް ރަނގަޅު އިންޑަސްޓްރީ އެއް ކަމަށް ވެސް ނިކް ބުނެފައިވެއެވެ. ބޮލީވުޑުގެ މިޔުޒިކާއި ބެހެގޮތުން ސުވާލު ކުރުމުން ނިކް ބުނެފައިވަނީ ބޮލީވުޑު ލަވަތަކާއި ހިންދީ ލަވަތަކަކީ ވަރަށް ހިތްގައިމު ލަވަތަކެއް ކަމަށެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގައި ވެސް ޖެހީ ބޮލީވުޑު ލަވަތައް ކަމަށެވެ.

މިހާރު ވެސް ނިކްގެ ގޭގައި ޕާޓީއެއް އޮންނަ ނަމަ ޕާޓީގައި ޖަހަނީ ބޮލީވުޑް ލަވަ ކަމަށް ވެސް ނިކް ބުނެފައިވެއެވެ.

ނިކްއާއި ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.