ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އިން ކުރިއަށް ގެންދާ އޮޕަރޭޝަންތައް 2030 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ފަހު 2031 ވަނަ އަހަރު އެ ސްޓޭޝަން ޕެސިފިކް ކަނޑަށް ވައްޓާލަން ނިންމާފައިވާ ކަމަށް ސްޓޭޝަންގެ މަސައްކަތްތައް އެންމެ އިސްކޮށް ކުރާ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފިއެވެ.

އައިއެސްއެސް ކަނޑަށް ވައްޓާލަން ނިންމިކަން އިއުލާން ކުރީ ނާސާ އިން ތައްޔާރުކުރި ރިޕޯޓެއްގައެވެ. އައިއެސްއެސްގެ މަސައްކަތް ނިންމާލަން ތައްޔާރުވަމުންދާކަން އިއުލާން ކުރިއިރު ގިނަ ދުވަސްވެ ހަލާކުވަމުން ދާތީ އާއި ޒަމާނީ ޓެކްނޮލޮޖީތައް އެ ސްޓޭޝަންގައި ނެތުމުން ސްޓޭޝާންގެ ރައްކާތެރިކަމާއިމެދު ބައެއް ތަޖުރިބާކާރުން މިހާރު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

1998 ވަނަ އަހަރު ޖައްވަށް ފޮނުވި ސްޓޭޝަނަށް ފުރަތަމަ އެސްޓްރޮނޯޓުން ދިޔައީ 2000 ވަނަ އަހަރުގެ ނޮވެމްބަރ މަހުއެވެ. އޭރު ނާސާ އާއި އަދި ޖައްވީ ސްޓޭޝާން އުފެއްދުމުގައި ބައިވެރިވި އެހެން ގައުމުތަކުން ބުނެފައި ވަނީ ސްޓޭޝަންގެ އުމުރަކީ 15 އަހަރު ކަމަށެވެ.

ނާސާ އިން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި ޖައްވީ ދިރާސާތައް ކުރާނީ ވިޔަފާރި އުސޫލުން ޖައްވީ ސްޓޭޝަންތަކަށް ފައިސާ ދައްކައިގެންނެވެ. ޖައްވީ ސްޓޭޝަންތައް ވިޔަފާރި އުސޫލުން ހިންގޭ ފެންވަރު ހުރި ކުންފުނިތައް މިހާރު އެބަހުރި ކަމަށާއި އެހެންކަމުން ވިޔަފާރި އުސޫލުން ޖައްވީ ދިރާސާތައް ކުރުން އެއީ ނާސާ އަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެއިދާރާ އިން ބުނެއެވެ.

ޖައްވީ ސްޓޭޝަން ވައްޓާލަން ހަމަޖެހިފައި ވަނީ ޕެސިފިކް ކަނޑުގައި އޮންނަ "ޕޮއިންޓް ނީމޯ" ސަރަހައްދަށެވެ. މިއީ މީގެ ކުރިން ވެސް ވަރަށް ގިނަ ރޮކެޓާއި އަދި ސެޓްލައިޓްތައް ވެސް ވައްޓާލާފައިވާ ސަރަހައްދެކެވެ. މިސަރަހައްދު މަޝްހޫރުވެފައި ވަނީ "ޖައްވީ އުޅަނދުތަކުގެ ސަހަރާގެ" ނަމުންނެވެ. 1971 ވަނަ އަހަރުން ފެށިގެން މިހާތަނަށް 300 އަށްވުރެ ގިނަ ޖައްވީ ކުނިބުނި މިސަރަހައްދަށް ވައްޓާލާފައިވެއެވެ.

އެމެރިކާ އިން ޖައްވީ ސްޓޭޝަން ހިންގުން ހުއްޓާލާއިރު ޗައިނާ އިން މިދިޔަ އަހަރު ވަނީ ޖައްވުގައި ސްޓޭޝަނެއް ގާއިމު ކޮށްފައެވެ. ޗައިނާގެ އެސްޓްރޮނޯޓުން މިހާރު އެ ސްޓޭޝަންގައި ގާއިމުވެ ތިބެއެވެ.