ޔަޝާގެ ހިތުގެ ތެރޭގައި ބިރުވެރިކަން އުފަންވެއްޖެއެވެ. ނުބައި ވަސްވާސްތަކުން ސިކުނޑި ހިޞާރުކުރަން ފަށައިފިއެވެ. ގެއާ ހަމައަށް ދެވުނުއިރު ވެސް އެ ކަމަށް ނިމުމެއް ނައެވެ. އެކަމާ ނުވިސްނަން ހުރި ނަމަވެސް ސިކުނޑި އެކަމަށް އެއްބާރުލުން ނުދެނީއެވެ. އޭނާއަށް ސިފަވަމުން ދިޔައީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަނިޔާވެރި ގޮތްގޮތަށް މަރާލެވިފައިވާ މީހުންނެވެ. އޭނާއަކީ ނޫސްވެރިޔަކަށް ވާތީ އެފަދަ މަންޒަރުތައް ސިފަކުރެވޭ މިންވަރަށް މަޢުލޫމާތު ލިބިފައިވެއެވެ. އެފަދަ ގޮތެއް ފައިރޫޒަށް މެދުވެރިވުމަށް ހުވަފެނެއްގައި ވެސް ޔަޝާ ނޭދޭނެއެވެ. ޝަދަފަށް އެވަރުގެ ބޮޑު ކުށެށްކުރަން ކެރިދާނެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމާއެކު އަނެއްކާ ވެސް އޭނާގެ ހަނދާނަށް އައީ މާޒީގެ ތަސްވީރެކެވެ. އެޔާއެކު އޭނާގެ ކަންބޮޑުވުން އިތުރުވެގެން ދިޔަކަން އެ މޫނުގެ ކުލަވަރު ބަދަލުވިގޮތުން އެނގޭހާވެއެވެ.

ޔަޝާއަށް މިއަދު ފައިރޫޒް ފެނުމަކީ ވެސް ނާދިރުކަމެކެވެ. އުޅެންޖެހޭނީ ނުހަނު އަވަދިނެތިކަމަށްވާތީއެވެ. ޔަޝާ ގެއަށް ވަދެ އެކަނިމާ އެކަނި އޮންނަންވެއްޖެނަމަ ބޭކާރު ފިކުރުތަކާ ޚިޔާލުތަކުން އޭނާ ބޯހާސްކޮށްފާނެއެވެ. އެކަމުން މިންޖުވުމަށް މަސައްކަތުގެ މާހައުލު އިޚްތިޔާރުކުރުން އެއީ އެންމެ ބުއްދިވެރި ގޮތްކަމަށް ޔަޝާއަށް ވިސްނުނެވެ. މާބަނޑު ދުވަސްވަރު ބޭކާރު ފިކުރުކުރާން ވެއްޖެނަމަ އެކަމުގެ ގެއްލުން ތުއްތު ދަރިފުޅަށް ކުރާނެއެވެ. އެހެންވުމަށް އޭނާ ނޭދެއެވެ. ވުމާއެކު ޔަޝާ ގެއަށް ވަނުމުގެ ވިސްނުންދޫކޮށްލީއެވެ. އޮފީހަށް ގޮސް މަސައްކަތްކުރުމުގެ މަޤުޞަދުގައެވެ.

"ޔަޝް. ޔަޝް." ޔަޝާއަށް އޮފީހުގެ ދޮރު ރަނގަޅަށް ހުޅުވައިނުލެވެއެވެ. އޮފީހުގައި އުޅޭ ރީމް ދުވަމުން ކަހަލަ ގޮތަކަށް އައިސް ޔަޝާގެ އަތުގައި ހިފައިލައިފިއެވެ. ބޮޑު ޚަބަރެއް ދޭން އުޅޭފަދަ ޝުޢޫރުތަކެއް އެ މޫނުގައިވިއެވެ. ޔަޝާގެ ސަމާލުކަން ރީމަށް ހުއްޓައިލިއެވެ.

"ކުޑަ ބޮސް އެބަ ރޮއޭ." ރީމް ވަރަށް ސިއްރުސިއްރުން ބުނެލިއެވެ. ރީމް ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދީގެން ހިމޭންވެފައި ހުރި ޔަޝާއަށް ސިހުމެއް ލިބިއްޖެއެވެ. ކުޑަ ބޮސްގެ ނަމުން މުޚާތަބު އެ ކުރީ ލުބާއަށް ވީތީއެވެ.

"މަ މި އައީ ސިއްރުސިއްރުން ބަލާލާފައި." ރީމް އިތުރަށް ބުނެލިއެވެ.

ރީމްގެ ވާހަކަތަކަށް ރައްދުދިނުމުގެ ވިސްނުމެއް ޔަޝާގެ ނެތެވެ. އަތުގައި އޮތް ދަބަސް އެންމެ ކައިރީގައި ހުރި މޭޒު މައްޗަށް ޖަހާފައި ޔަޝާ ހިނގައިގަތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އޮފީހުގެ އެއް ކަނުގައި ހުންނަ ބިއްލޫރި ކެބިންއަށް ޔަޝާ ވަނެވެ. އިޒުނަ ވެސް ހޯދުމެއްނެތިއެވެ. ލުބާ ނިކަން އަވަސްއަވަހަށް ދެލޯ ފޮހެލިތަން ޔަޝާއަށް ފެނުނެވެ. އުފާވެރި ހިނިތުންވުމެއް ލުބާ ރައްދުކޮށްލީ އެއަށްފަހުއެވެ.

"އަހަރެން ހީކުރީ މިއަދު ސަލާމް ފޮނުވީމާ އޮފީހަށް ނާންނާނެކަމަށް." ލުބާ ބުނެލިއެވެ.

"ކޮން ޕްލާސްޓިކް ހިނިތުންވުމެއްދޭކަށްތަ؟ ހަމަ މިހާރު ބުނޭ ވީގޮތް." ޔަޝާ ފުރަތަމަ ވެސް ކޮށްލީ އަމުރެކެވެ. އޭނާގެ ރާގު ހުރިގޮތުން ވެސް އެ ދެމީހުންގެ މެދުގައި އޮތީ ނުހަނު ގާތް ގުޅުމެއްކަން އެނގޭހާވެއެވެ.

ޔަޝާގެ އަބުއިކަން އެކުލެވިފައިވި މޫނަށް ބަލާލާފައި ލުބާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އަދި އޭނާގެ ކުރިމަތީގައި ހުރި ގޮނޑިއަށް އަތުން އިޝާރާތްކޮށްލިއެވެ. ޔަޝާ ގާތުގައި އިށީނުމަށް ބުނެލިއެވެ.

"އަހަންނަކީ ބޮސް. އަމުރު ހިނގާނީ މަތިން ތިރިއަށް. ތިރިން މައްޗަކަށް ނޫން." ލުބާ ބޮޑުވެލާފައި ބުނެލީ ސަމާސާ ރާގެއްގައެވެ. ހިނދުކޮޅެއް ކުރިން އޭނާ ކަމަކާ ހިތާމަކުރިކަން ހަނދުމަ ވެސް ނެތް ފަދައަކުންނެވެ. ނޫނީ އެކަން ޔަޝާއަށް ސިއްރުކުރުމުގެ ވިސްނުމެއް އޭނާގެ އޮތީއެވެ.

"ތީ ބޮސްއަކަސް މަށެށް ޖެހިލުމެއްނުވޭ. ޖައިލަމްއާ ދެމީހުން މައްސަލައެއް ޖެހުނީތަ؟ އޮފީހުގައި އިނދެގެން ރޯވަރުގެ ކޮންކަމެއް ދިމާވީ." ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ޔަޝާ އަހާލިއެވެ. މިފަހަރު އެ އަޑުގައި އިންތިހާ ދަރަޖައަށް ކަންބޮޑުވުން އެކުލެވިފައިވިއެވެ. ކުއްލިއަކަށް ލުބާގެ މޫނުން ސަމާސާގެ ކުލަ ފަނޑުވެގެން ދިޔައެވެ. އެހިނދު އެ މާހައުލަށް ހަމަ ހިމޭންކަންވެރިވިއެވެ.

ލުބާގެ ހާލަތު ޔަޝާއަށްވުރެ ބޮޑަށް އެނގޭނެ އިތުރު އަންހެނަކު ނުހުންނާނެއެވެ. އެދެމެދުގައި އުމުރުގެ ގޮތުން ބޮޑު ފަރަގެއް ހުރި ނަމަވެސް ދެމީހުންގެ ޚިޔާލާ ފިކުރު ނުހަނު އެއްގޮތެވެ. އެ ސަބަބާހުރެ އެމީހުންވެފައި ވަނީ ނުހަނު ގާތް ދެއެކުވެރީންނަށެވެ. އެއްބަނޑު އެއްބަފާވަންތަ ގުޅުމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެމީހުންގެ ވެސް ދިރިއުޅުމުގެ ކަންކަން އެކަކު އަނެކަކާ ހިއްސާކުރެއެވެ. އުފަލާއި ހިތާމައިގެ ދަނޑިވަޅުތަކުގައި ވެސް ޚިޔާލާއި ލަފާ ހޯދައެވެ. އެކަމަކު ވަދީފާގެ ވިސްނުން ހުރި ގޮތް އެއީ ޔަޝާއަށް ބުނެނުދެވި އޮތް ޙަޤީޤަތެކެވެ. އަށް އަހަރު ދުވަސް ކުރިން ޖައިލަމާއި ލުބާގެ ކާވެނި ކުރެވިފައި ވަނީ ވަދީފާގެ ނުގަބޫލުގައިކަން އެއީ ޔަޝާއަށް އެނގޭކަމެކެވެ. ވަދީފާގެ ރުންކުރު މިޒާޖަކީ ވެސް ޔަޝާއަށް އައު ކަމަކަށް ނުވާނެއެވެ. އެހެނަސް ޝަދަފް ގެއިން ނުކުތުމަށްފަހު ވަދީފާއަށް އައި ބަދަލުގެ ވާހަކަތައް ލުބާ ނުދައްކައެވެ. އެއްވެސް މީހެއްގެ ގާތުގައި މައިދައިތަގެ ގޯސް ވާހަކައެއް ބުނަން ލުބާގެ ހިތް ނޭދޭތީއެވެ. ޚުދު އޭނާގެ ފިރިމީހާ ގާތު ވެސް މެއެވެ.

"ލުބާ ނުބުނެފިއްޔާ ވަދީފައްތަ ގާތު އަހާނަން؟" ލުބާގެ ފަރާތުން ޖަވާބެއް ނައުމުން ޔަޝާ ބުނެލިއެވެ.

ވަދީފާއާ ހަމައަށް އެއްވެސް ކަމެއް ގެންދިޔުމަށް ލުބާ ބޭނުންނުވާނެކަން ޔަޝާއަށް އެނގެއެވެ. ލުބާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ވަދީފާއާ ހަމައަށް އެކަން ހިނގައްޖެނަމަ މަސްލަޙަތު އިތުރަށް ވާނީ ގޯހެވެ. އޭރުން ޔަޝާގެ ގާތުގައި ކުޓުވިކަމުގެ އިލްޒާމު ލުބާގެ ބޮލުގައި އެޅޭނެއެވެ. މައިދައިތަ އިތުރަށް ރުޅިއަރުވަން ލުބާގެ ހިތެއް ނޭދޭއެވެ. ކޮންމެގޮތެއްވި ނަމަވެސް ވަދީފާއަކީ މިއަދު ލުބާގެ މަންމަގެ މަޤާމުގައި ހުރި މީހާއެވެ.

"ދެން އެނގޭނުން އަހަރެން ކަހަލަ އަންހެނަކު ރޯނީ ކޮންކަމަކާކަން." ލުބާ ވިސްނާލާފައި ބުންޏެވެ. "މިކަމަށް ނިމުމެއް ނެތް. މިއަދު މާ ބޮޑަށް ދެރަވީ. ޔަޝްއަށް ވެސް އެނގޭނެ މިތަނަށް އައިސް ރޮވޭނީ ވަރަށް ބޮޑުވަރުވީމާކަން."

"ކިހިނެއްވީ." ޔަޝާ އިތުރު ތަފްސީލު ބޭނުންވިއެވެ.

"ކިހިނެއްވީހޭ؟ ތި ސުވާލު ތި ކުރަނީ ވީގޮތް ނޭނގިގެންތަ؟" ފުލުހުންގެ އިދާރާގައި ހުރި ޖައިލަމް ބޭނުންވީ ހަޅޭލަވައިގަންނާށެވެ. ފައިރޫޒަށް އެތައް ފަހަރަކު ގުޅުމުން ވެސް އޭނާގެ ކޯލަށް ޖަވާބު ނުދިނީތީއެވެ. އެންމެފަހުން ފައިރޫޒާ ބައްދަލުކުރުމަށް ފުލުހުންގެ އިދާރާއަށް ޖައިލަމަށް އަންނަން ޖެހުނީމައެވެ. ބައިގަޑި އިރެއްހާއިރު އިންތިޒާރުގައި ބައިންދާފައި، ފައިރޫޒް އައިސް ފަރުވާކުޑަ ގޮތަކަށް ކިހިނެއްވީތޯ ސުވާލުކުރުމުން ޖައިލަމް ހިތްހަމަނުޖެހުނީއެވެ.

"ނޭނގުނޭ." ފައިރޫޒް ހަމަޖެހިލާފައި ބުނެލިއެވެ.

އެމީހުން ތިބީ ފުލުހުންގެ އިދާރާގައި ހުންނަ، ހާއްސަ ބައްދުވުންތައް ބާއްވައި ކޮޓަރީގައެވެ. ޖައިލަމް އިށީނދެގެން އިން ގޮޑިން މަޑުމަޑުން ތެދުވިއެވެ. ކުރިޔަށް ފިޔަވަޅެއް އަޅައިލިއެވެ. ދަތްތަކަށް ބާރުކޮށްލަމުން އިންޒާރީ ގޮތަކަށް ފައިރޫޒާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރިކަން ފައިރޫޒަށް އަންގައިލުމުގެ ބޭނުމުގައެވެ.

"މުޅި ރަށުތެރެ ހަލަބޮލިކޮއްލާނެ އިތުރު ގޮތެއް ނުފެނުނީތަ؟ މަޖިލީސް އިންތިހާބު ބޯމަތިވެފައި އޮއްވައި ތިކުރި ކަމަކުން އެތައް ބައެއްގެ ހިތްހަމަނުޖެހުން ސަރުކާރަށް އަމާޒުވެގެންދާނެ. އަހަރުމެންނަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހޭނެ. އެވަރު ފައިރޫޒަށް ނުވިސްނުނީމާ ދެރައީ. މަ މާލޭ ކޮޅަށްވެސް ގުޅައިފިން. އެކޮޅުންވެސް ބުނީ މިކަމަކީ ފައިރޫޒްގެ އަމިއްލަ ނިންމުމެއްކަމަށް. އެމީހުންވެސް މި ދަނޑިވަޅުގައި މިގޮތް ބޭނުންނުވާކަން. އެހެންވީމާ އެވަރަކުން ފައިރޫޒަށް މި ގުޅަނީވެސް މިކަން މީޑިއާއަށް އެހާބޮޑަށް ތިލަނުކުރުމަށް އެދެން. އެކަމަކު ފައިރޫޒަށް މަ ގުޅާކަން އެނގިހުރެ މާލޭން އެއްވެސް ހުއްދައެއް ވެސް ނުހޯދާ މިކަން މުޅި ރާއްޖެއަށް ފަތުރާލައިފި."

"މީ ޖައިލަމްމެންނާ ބެހެވޭނެ ވެސް ކަންކަމެއް ނޫނޭ." ފައިރޫޒްގެ ތުންފަތް މަތިން ލުއި ހިނިތުންވުމެއް ފައުޅުވިއެވެ.

ޖައިލަމްގެ ލޭތައް ކެކިގަތެވެ. ފައިރޫޒް ދިން ފިނި ޖަވާބުގެ ސަބަބުންނެވެ.

"މީ ހޭންޖެހޭވަރުގެ ކަމެއްނޫނޭ. މިކަމުގެ ހުރި ނުރައްކާ ފައިރޫޒަށް ނުވިސްނެނީތަ؟ ތި ކުޅެވެނީ އަލިފާނާކަން ނުވިސްނެނީތަ؟" ޖައިލަމް ބުނެލިއެވެ.

ފުލުހުންނަކީ މިނިވަން ބައެކެވެ. އެމީހުންގެ މަޤްޞަދަކީ މުޖުތަމަޢުގެ އަމަންއަމާންކަން ބެލެހެއްޓުމެވެ. އެ މަޤުޞަދު ޙާޞިލުކުރުމަށް ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަކީ ނުހަނު ބޭނުންކަމެކެވެ. ފައިރޫޒް ނިންމިނިންމުމެއް ނިންމީ އެ ނިޔަތުގައެވެ. އެކަމުގެ ސަބަބުން އޭނާއަށް އަތުވެދާނެ އިންޒާރުތައް އެނގިހުރެއެވެ. ރަށުގެ ކައުންސިލްގެ ރައީސްގެ ހައިޘިއްޔަތުން ފައިރޫޒްގެ މަސައްކަތަށް ޖައިލަމް ވެސް ވާންޖެހޭނީ އުފަލެވެ. ދޭންޖެހޭނީ އެއްބާރުލުމެވެ. އެކަމަކު ޖައިލަމްގެ ކިބައިން އެ ހިތްހަމަޖެހުމެއް ނުފެނެއެވެ. އެއްބާރުލުންދިނުމުގެ ވިސްނުން ހުރިހެނެއް ވެސް ހިޔެއްނުވެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟

"ޖައިލަމް ތިހާ ކަންބޮޑެއް ތި ވަނީ ކީއްވެގެންތަ؟" ސަބަބު އެނގެން ފައިރޫޒް ނުހަނު ޝައުގުވެރިވިއެވެ.

ޖައިލަމްގެ ތުނި ތުނބުޅިއާއި މަތިމަހުގައި އަތް ހިންގައިލިއެވެ. ނުހަނު ފިކުރު ބޮޑުވެފައި ހުރި މީހެއް ފަދައިންނެވެ. އެއަށްފަހު އޭނާ ކޮންމެވެސް ވާހަކައެއް ބުނަން އުޅުނެވެ. އެކަމަކު އޭގެކުރިން ފަރާތްފަރާތަށް ކަޅި ހިންގައިލިއެވެ. އެތަނުގައި ސީސީޓީވީ ކެމެރާއެއް ކަހަލަ އެއްޗެއް ހުރިތޯ ބެލުމުގެ ނިޔަތުގައެވެ. އޭނާ ދައްކަންއުޅޭ ވާހަކަ އިތުރު މީހަކަށް އެނގެން ބޭނުންނުވާތީއެވެ. އެކަން ފައިރޫޒަށް ވިސްނުނެވެ. އެތަނުގައި އެފަދަ އެއްޗެއް ނުހުންނާނެކަން ފައިރޫޒް ހާމަކުރީ އެހެންވެއެވެ. ބުނަން ބޭނުންވާ އެއްޗެއް ލަސްނުކޮށް ބުނުމަށް އޭނާ އެދުނެވެ. މިއަދަކީ ބުރަ ދުވަހެއްކަމަށް ބުނަމުންނެވެ.

ލުބާ ކިޔާދިނީ ހެނދުނު ވަގުތު ހެދި ޓެސްޓުތަކުގެ ނަތީޖާގެ ވާހަކައެވެ. މިފަހަރު ބޯއެނބުރުމާއި މޭނުބައިކުރުން ފަދަ ކަންކަން މެދުވެރިވިކަމެވެ. އެހެނަސް ނަތީޖާ ނައްސިވެ، އޭނާގެ އުންމީދުތައް ފުރިހަމަނުވެ ފެނަށްވެގެން ދިޔަކަމެވެ. އެމީހުންގެ ކާވެނީގައި އެއްވެސް މަޤުޞަދެއް ނުވާކަމަށް ލުބާ ބުނިއިރު ފެންކަޅިވާން ފަށައިފިއެވެ. ޖައިލަމަށް ވެސް ލުބާގެ ފަރާތުން ދެވެނީ ނުހަނު ބޮޑު އަނިޔާއެކޭ ބުނި ހިނދު އެ ކަރުނަތައް އޮހިގެންފިއެވެ. ޖައިލަމް ވެސް އޭނާ ދޫކޮށް ހިނގައިދާނެތީ ކަންބޮޑުވާ ވާހަކަ ލުބާއަށް ބުނެވުނީ ވެސް ލައްކަ ހިތްވަރުންނެވެ. އެއަށްފަހު ވަދީފާގެ ދުލުން ފޮނުވައިލި ޒަހަރެއްފަދަ ބަސްތައް ލުބާގެ ހިތުގައި ރައްކާކޮށްގެން އިނދެ ގިސްލައި ރުއީއެވެ. ގިސްލުން ބާރުވާން ފެށުމާއެކު އަނގަމަތީ އަތް އަޅައިލީއެވެ. ޔަޝާއަށް ދުރުގައި ނީދެވުނެވެ. ކުއްލިއަކަށް ތެދުވެގެން އައިސް ލުބާގެ ބޮލުގައި ހިފަހައްޓައިލިއެވެ. އަދި އޭނާގެ ގައިގާ ޖައްސައިލަމުން ލުބާގެ ބޮލުގައި ފިރުމައިލިއެވެ.

"ޖައިލަމް ކަހަލަ ފިރިއަކު ލިބުނުކަން އެއީ ލުބާގެ ނަސީބު. އޭނާއާމެދު ގޯސްކޮށް ނުވިސްނައްޗޭ. ދަރިއަކު ބޭނުންވާނެ އެންމެންވެސް އެކަމަކު ބައެއް މީހުންނަކީ ނުހަނު ކެތްގަދަ މީހުން. އެކަމުގެ ލާމަސީލު މިސާލެއް ތި ދެމަފިރިންނަކީ. އަހަރެން ވަރަށް އުފާވޭ ޖައިލަމް ކަހަލަ ފިރިއަކު ލުބާގެ ހަޔާތަށް އައީތީ. އޭނާ ނުވާނެ ކުރީގެ ފިރިމީހާ ކަހަލަ އަނިޔާވެރި ލުބާގެ އިޙްސާސްތައް ނުދަންނަ މީހަކަށް. އެހެން މިބުނީ ޖައިލަމް ލުބާއާ އިނީވެސް ލުބާގެ ހާލަތު ރަނގަޅަށް އެނގިހުރެކަމަށްވާތީ. އަނެއްކޮޅުން ލުބާއަކީ ކުދިން ނުލިބޭ އަންހެނެއް ނޫނޭ. އެހެން ހިތަށް ނާރުވައްޗޭ. ލުބާގެ ހުރި ބައްޔެއްގެ ސަބަބުން އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހެނީ. އެހެންވީމާ ތި އުންމީދުތައް ލުބާ ހީވެސް ނުކޮށް ހުއްޓައި ވެސް ފުރިހަމަވެގެން ހިނގައިދާނެ. އަހަރުމެންނަށް ނޭނގޭނީ އެކަން ހާސިލުވާނެ ވަގުތެއް. ﷲ އިރާދަފުޅާއެކު ވަރަށް އަވަހަށް ތި އުނގު ފަޅުފިލުވައިދޭނެ ލޯބިލޯބި ކުއްޖެއް ލިބޭނެ. އެ ނަސީބު ނުހަނު ގާތުގައި އޮތުމަކީ ވެސް އެކަށީގެންވާކަމެއް. ލުބާ އެހާ ގޯސްކޮށް ނުވިސްނައްޗޭ."

ޔަޝާގެ ވާހަކަތައް މެދުކަނޑައިލީ ތަޤްރީރު ހުއްޓައިލުމަށް ލުބާ ބުނުމުންނެވެ. އޭނާއަށް އެވާހަކަތަކަކީ އައު ވާހަކަތަކެއްނޫންކަމަށް ބުނެލީ ގަދަކަމުން ހީނލަމުންނެވެ. ޔަޝާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ކުއްލިއަކަށް ޔަޝާ އިން ހާލަތު ހަނދާނަށް އައެވެ. އޭނާ ހެދި ޓެސްޓްތަކުގެ ނަތީޖާ ފައްސިވިކަމެވެ. އެކަން އެނގިއްޖެނަމަ ވާނެ ގޮތަކަމާމެދު ވިސްނައިލެވުނެވެ. ލުބާ އިތުރަށް ދެރަވެދާނޭ ހިތަށް އަރާފައި ޔަޝާ ބޭނުންވީ އެކަން ދުވަސްކޮޅަކަށް ސިއްރުކޮށްލާށެވެ.

ލުބާ ކަރުނަތައް ފޮހެލަމުން ހަމަޖެހިލައިފިއެވެ. ޔަޝާއާ ވާހަކަތައް ހިއްސާކޮށްލެވުމުން ހަމަޖެހުން ލިބިއްޖެކަމަށް ބުނެލިއެވެ. އަދި ލޮލުގައި ރައްކާކޮށްފައިވާ ކަރުނަތައް ބަންޑުންކޮށްލެވުމުން ނަފްސަށް ލުއިކަމެއް އިޙްސާސްވެއްޖެކަމަށް އޭނާ ބުންޏެވެ.

"މިއަދު ކޮންކަމެއް ކުރަންވީ؟ ސަލާމް ފޮނުވީ ބޮލުގައި ރިއްސާތީ. އެކަމު ގޭގައި އޮތަސް މިކަމަށް ނެތް ސަލާމަތެއް. ޑްރަގް ކަންތަކުގެ ހުރިހާ ޚަބަރެއް ނިމުނީތަ؟ އިތުރަށް ކަމެއް އޮތިއްޔާ ބުނޭ މަސައްކަތްކޮށްލަން ބޭނުން."

ޔަޝާ އޮފީހަށް އައި ބޭނުން ބުނެދިނުމުން، ލުބާ ކުރަން ހުރި މަސައްކަތްތައް ކިޔައިދިނެވެ. ހައްޔަރުކުރެވުނު މީހުންނާ ގުޅޭގޮތުން ބޮޑު ރިޕޯޓެއް އެކުލަވައިލުމަށް ޔަޝާއާ ހަވާލުކުރެވުނެވެ. އޭގައި ކުއްވެރިންގެ ކުރީގެ ރެކޯޑުތައް ހިމެނުމަށް ސަމާލުކަން ދިނުމަށް ލުބާ އެދުނެވެ. އެ މަސައްކަތް ފެށުމަށް އޭނާ ކެބިން އިން ނުކުންނަން ދިޔައެވެ. މިފަހަރުވެސް ޔަޝާއަށް ރަނގަޅަށް ދޮރު ހުޅުވައިނުލެވެއެވެ. ރީމް ދޮރުފަތް ތަންމިނަށް ހުޅުވައިލަމުން ބޮޑު ސުވާލެއް އޭނާއާ ކުރިމަތިކޮށްފިއެވެ. އެ ސުވާލަށް ޖަވާބު ނުދީ ޔަޝާ ފަހަތަށް އެނބުރިފައި ބަލައިލީ ލުބާއަށެވެ. ލުބާގެ މޫނުގެ ކުލަވަރުތައް ދެނެގަތުމަށެވެ. ލުބާވެސް ރީމްއެކޭ އެއްފަދައިން ސުވާލު އުފެދިފައި ޔަޝާއަށް ބަލަހައްޓައިގެން އިނީއެވެ.

"ޔަޝް ބަނޑުބޮޑުތަ؟" ރީމް ސުވާލުތަކުރާރުކޮށްލިއެވެ.

"ކިހިނެއްވީ؟" ޔަޝާ ނުރުހުންވެފައި ހުރެ، ކުރީ ސުވާލެކެވެ. އޭނާ ރީމްގެ ސުވާލަށް ޖަވާބުދޭން ބޭނުންނުވީއެވެ. އެކަން ރީމަށް އިޙްސާސްވީ ހެނެއް ހިޔެއްނުވެއެވެ. އަނެއްކާ ވެސް ބަނޑުބޮޑުތޯ އަހައިފިއެވެ. އެމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ލުބާ އިނުމުން، އެއްޗެއް ބުނަން ޔަޝާއަށް ނުހަނު އުނދަގޫވިއެވެ. އެހެންކަމުން އޭނާ ހިމޭންވެފައި ހުރީއެވެ. ދެން ރީމް ދައްކައިލީ އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ކިޓެވެ. އެއީ ޔަޝާ ގަނެގެން އައި ކިޓުކަން އެނގުމާއެކު ކުއްލިއަކަށް ކިޓް ޖަހައިގަތެވެ.

"މީހުންގެ އެއްޗެހި ހުއްދަ ވެސް ހޯދުމެއްނެތި ހާވާން ވެސް ފެށީތަ؟" ޔަޝާ ހިތްހަމަނުޖެހުނެވެ. ރީމަށް އެ ކިޓު ފެންނާނީ ޔަޝާގެ ދަބަސް ހާވައި ބެލީމައިކަން ޔަޤީންވާތީއެވެ.

"އަދިވެސް އާނއެކޭ ނޫނީ ނޫނެކޭ ވެސް ނުބުނޭ. އެހެންވީމާ މި ބަލަނީ އާނއެކޭ ކަމަށް. އަޅޭ.. ކޮންގްރެޓްސް. ވަރަށް ބޮޑަށް މަރުހަބާ." ޔަޝާގެ ގައިގާ ރީމް ބައްދައިލަމުން އުފާވެފައި ބުނެލިއެވެ.

އަނެއްކާ ވެސް ޔަޝާއަށް ވައްކަޅިން ލުބާއަށް ބަލައިލެވުނެވެ. ގަބުވެ ހުއްޓުން އަރާފައި ލުބާ އިނީއެވެ. އެތަނުގައި ހިނގަމުންދާ ކަންތައް ނަގައިގަންނަން ދަތިވެފައި އިން ކަހަލައެވެ. އޭނާ ގާތުގައި އެކަން ޔަޝާ ހިއްސާކޮށްފައިނުވާތީއެވެ. ހަމަ ޙަޤީޤަތުގައި ވެސް ޔަޝާ ބަނޑުބޮޑީ ހެއްޔެވެ؟ ލުބާ މަޑުމަޑުން ކޮޅަށް ތެދުވީ އެ ސުވާލު ދުލުކުރިޔާ ހަމައަށް ގެންނަމުންނެވެ. ރީމް ދުރަށް ޖެހިލުމާއެކު ޔަޝާ އެ ސުވާލުގެ ޖަވާބު ދިނެވެ. އޭނާއަށް ވަރަށް ބޮޑަށް ހީވާކަމުގައި ބުނެލީ ނުހަނު މަޑުމަޑުންނެވެ. ލުބާގެ މޫނަށް ވެރިވެގެންދާނެ ކުލަވަރުތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރެއެވެ.

ފައިރޫޒްގެ ޚަބަރެއް ނުވެގެން ބައްދުލުވުމަށް ޙާއްޞަ ކޮޓަރިއާ ދިމާއަށް ޖަނާން ދިޔައެވެ. ފައިރޫޒާ ދެއްކި ވާހަކަތަކެއް ދައްކާފައި، ޖައިލަމް ނުކުމެގެން ދިޔަ މަންޒަރު ޖަނާނަށް ފެނުނެވެ. އެ މޫނުން ހާސްކަމާއި، ކަންބޮޑުވުން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާން ހުއްޓެވެ. އޭގެ އިތުރުން ހިތްހަމަނުޖެހުން ވެސް ހިސާބަކަށް ފެނުނެވެ. ނުހަނު ހަލުވިކޮށް ހިނގާލާފައި ދިޔަ ޖައިލަމަށް ބަލަހައްޓައިގެން ހުއްޓައި ފައިރޫޒް ދޮރު ހުޅުވާލައިފައި ނުކުތެވެ.

"ސަރ. މި ފެންނަނީ ކޮންކަމެއް. އޮޕަރޭޝަނުގެ ކަމެއްގައިތަ؟" ޔަޤީނުވެފައި ޖަނާން އަހައިލިއެވެ.

"އާނ. އެބޭފުޅާ ހިތްޕުޅާނުވާ ކަމެއް މިކުރެވެނީ. މިކަމުގެ ސަބަބުން މަޖިލިސް އިންތިޚާބުގައި ނާކާމިޔާބު ވެދާނެތީ ބިރުފުޅު ގަންނަނީ. އެހެންވީމާ ހައްޔަރުކުރެވުނު މީހުންނަށް ދަޢުވާނުކޮށް އިންތިޚާބު ނިމޭންދެން މަޑުކޮށްލަދޭށޯ. ރިކުއެސްޓެކޯ މިކުރީ. އެކަމާ އެއްބަސްނުވީމާ މަށަށް އިންޒާރު ވެސް ދީފައި އެ ދިޔައީ. މިހާރު ވެސް މީސްމީހުން މަށަށް ލޮޓިއެއްދޭން ރާވާކަމަށް ވެސް ބުނި. ރޭގަނޑު ވަގުތު ބޭރު ތެރެއިން ނުފެންނަން ވެސް ބުނި. އެވަރުން ވެސް މި އަޒުމަށް ގުޑުމެއް ނޭރީމާ ރުޅި އައިސްގެން އެ ނައްޓައިލީ."

ޖައިލަމް ދެއްކި ވާހަކަތަކުން މުހިންމު ކަންކަން ފައިރޫޒް ހިއްސާކޮށްލިއެވެ. ޖަނާން ހިނިތުންވެލީއެވެ. އެކަންކަމަކީ އެމީހުންނަށް އައު ކަންކަމެއް ނޫނެވެ. އަބަދުވެސް ސަރުކާރުގެ ކޮންމެވެސް ފަންތިއެއްގެ ބޭފުޅެއްގެ ނުފޫޒެއް އެމީހުން ކުރާ ކަންކަމަށް ނައިސްނުދާނެއެވެ. އެހެނަސް ފައިރޫޒަކީ އެފަދަ ކަންކަމަށް ޖެހިލުންވާނެ ފުލުހެއްނޫނެވެ. މިފަހަރުގެ އޮޕަރޭޝަން ވެސް އެކަމުގެ ހެތްކަކަށް ފުދެއެވެ. މުއްސަންޖެއް ނިކަމެއްޗެއް ބެލުމެއްނެތި، އެކަށީގެންވާ މިންވަރަށް ހެކިތައް ލިބުނު އެންމެން ވެސް ހައްޔަރަށް ގެނެވުނެވެ. އެކަމުން ފައިރޫޒްގެ ވަޒީފާއަށް ނުވަތަ ނަފްސަށް އޮވެދާނެ ނުރައްކަލަކަށް ބެލުމެއްނެތިއެވެ. އެފަދަ ވެރިއެއްގެ ދަށުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާތީ ޖަނާން ނުހަނު ފަޚުރުވެރިވެއެވެ.

ކަންތައްވެގެން ދިޔައީ ޔަޝާ އުންމީދުކުރި ގޮތާ ޚިލާފަށެވެ. އޭނާ ބަނޑުބޮޑުކަން އެނގުމާއެކު ލުބާއަށް ތުރާތަކެއް ލިބިދާނެކަމަށް ހީކުރެވުނު ހީކުރުންވީ ކުށްހީއަކަށެވެ. އެ އަސަރުތަކެއް ލުބާގެ ކިބައިން ފާޅެއްނުވެއެވެ. އޭނާ ވަރަށް އުފަލުން ހުރެ ޔަޝާއަށް މަރުޙަބާ ކިޔެވެ. އެކަން ސިއްރުކުރީތީ ޝަކުވާ ކުރިއެވެ. ޔަޝާ ސަބަބު ބުނެ ދޭން އުޅުނެވެ. އެހެނަސް އޭގެކުރިން ލުބާ އަމިއްލައަށް އެކަން ވެސް ހާމަކޮށްފިއެވެ. އޭނާއަކީ ދުވަހަކު ވެސް ޔަޝާއަށް ލިބޭ އުފަލަށް ހަސަދަވެރިވާނެ އަންހެނެއް ނޫންކަމަށް ބުނެލިއެވެ. އުފާތަކާއި ހިތާމަތަކުގައި ވެސް މަދަދުގާރެއްގެ ގޮތުގައި ހުންނާނެކަން ހަނދާންކޮށްދެމުންނެވެ.

"އޯވވވވވ... ބެސްޓީސް. އަހަންނަށް ވެސް މިކަހަލަ ބެސްޓު ފުރެންޑެއް ލިބޭނަމަ." ރީމް ދެއަތް ދެއަތާ ޖޯޑުކޮށްލަމުން ކޯތާފަތުގައި އަތްތިލަ ޖައްސައިލީ ތުއި ގޮތަކަށެވެ. ޔަޝާއާއި ލުބާ އެކަކު އަނެކަކަށް ބަލާލައިފައި ހީނގަތެވެ.

"ދެން އިސާހިތަކު ލުބާއެކޭ އެއްވަރަށް ޔަޝް ވެސް ފަލަވެދާނެ. ދުވަސްކޮޅަކުން ޔަޝް އިންނާނީ ހަތަރެސްކަން ފޮއްޓަކަށްވެފައި ކަންނޭނގެ. ނޫނީ ލުބާ ކަހަލަ ރުނބައަކަށް ވެސް ވެދާނެ."

ރީމް މަޖަލަކަށް ހަދާފައި ދައްކަންފެށި ވާހަކައަކުން އެ އުފާވެރި ވަގުތުކޮޅުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ރީމް ވިސްނައިނުލައި ލުބާގެ ބިޔަ ހަށިގަނޑަށް މަލާމާތް ރައްދުކުރީއެވެ. ލުބާގެ އުމުރާ އަޅާބަލާއިރު އޭނާގެ ބަރުދަން ވަނީ އިތުރުވެފައެވެ. އަދި އޭނާއަކީ ކުރު މީހެއްކަމުން އިތުރަށް ފަލަކަމަށް ދައްކައެވެ.

"ދެން ތިބުނީ މަ ފަލައޭތަ؟" ލުބާ ގަދަކަމުން ހިނިތުންވެލީއެވެ. ރީމްގެ ބަސްތަކުން އޭނާއަށް އުނދަގޫ ވިކަން ސިއްރުކުރުމުގެ ބޭނުމުގައެވެ.

"ނޫނޭ. ފަލައެއްނޫން އެއްގޮތަކަށް ވެސް." ޔަޝާގެ ކޮނޑުގައި ރީމްގެ ކޮނޑުން ޖަހައިލަމުން ހީނލާފައި ބުންޏެވެ. "ލުބާގެ ކުއްޖަކު ނެތްކަން ވެސް ނަސީބެއް ކަންނޭނގެ. އެހެންނަމަ ހޯދާވެސް ނުފެންނާނުން. މިހާރު ވެސް ވެއްޓުނަސް ނަގާފައި ޖަހާނެ ކޮޅެއްވެސް ނޭނގޭނެ. ހެހެހެ. އަނެއްކާ އަހަރުމެން ދެމީހުންނަށް ވެސް ލުބާ އުފުލާ ނުލެވޭނެ. އެހެންވީމާ ލުބާ ފަލަ މީހަކަށް ނުކިޔާނެ. އަހަރުމެން މާ ހިކީ. އެހެންވެ ލުބާ ފަލަކަމަށް ދައްކަނީ. ދަރިއަކު ނެތްކަން ހަމަ ނަސީބެއް. ހެހެހެ.. ދޯ ޔަޝް."

ލުބާގެ މެއަށް ހީވީ ތޫނު ކަށިތަކެއް ހަރައިލީހެންނެވެ. ކުދިން ނުލިބުމަކީ އެއްވެސް މީހަކަށް ލިބޭނޭ ނަސީބެއް ނޫނެވެ. އެއީ ނުހަނު ހިތްދަތިކަން ގެނުވާކަމެކެވެ. ފުރަތަމަ ވެސް އޭނާގެ ހިތަށް އެރީ އެހެންނެވެ. އެ ލަފްޒުތަކުން އޭނާގެ ހިތްފިތިގެން ދިޔަ ކަހަލައެވެ. ހިނދުކޮޅެއްގެ ތެރޭގައި ދެލޮލަށް ބާރުވާން ފެށީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. އޭނާ އަވަސްއަވަހަށް އެސްފިޔަ ތަޅުވައިލީއެވެ. ގަދަކަމުން ހިނިތުންވެލީއެވެ. އެ އިޙްސާސްތައް ސިއްރުކުރާން އޭނާ ނުހަނު މަސައްކަތްކުރިއެވެ. އެހެނަސް އެ މޫނުމަތި ބަނަވެގެން ދިޔަތަން، ފަރުވާތެރިކަމާއެކު ބަލަންހުރި ޔަޝާއަށް ފެނުނެވެ. ޔަޝާގެ ނުތަނަވަސްކަންވީ އިތުރެވެ. ލުބާގެ ހާލަތާއި އިޙްސާސްތައް އޭނާއަށް ވިސްނޭތީއެވެ. ޔަޝާއާ ޚިލާފަށް ލުބާ ޤަވާޢިދުން ކަސްރަތުކުރެއެވެ. ނަމަވެސް ބަރުދަން ލުއިވެގެން ދިޔުމަށް ހުރަސް އަޅަނީ އޭނާގެ ހަށިގަނޑުގައިވާ ބައްޔެވެ. ކާންޖެހޭ ބޭސްތަކެވެ.

ލުބާގެ ބައްޔަކީ ބިސްރަވާގައި ސިސްޓު އުފެދޭ ބައްޔެވެ. ނުވަތަ ޕޮލިސިސްޓިކް އޯވަރީ ޑިސްއޯޑަރއެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުން އިންސުލިން އުފައްދާ މިންވަރަށް އެ ބޭނުން ނުކުރެވެނީއެވެ. އެއާއެކު އިންސުލިން ލެވެލް މާ މައްޗަށް ގޮސް ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަކޮށްދެނީއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވުމާއި، އިސްތަށި ގިނަވުންފަދަ އަލާމާތްތައް ފާޅުވެއެވެ. އަދި މައްސަރު ކަންތައް އޮޅުންބޮޅުންވެ، މާބަނޑުވުމަށް ހުރަސްއަޅައެވެ. އެކަންކަން ރީމަށް ވެސް އެނގިހުރެ އެގޮތަށް ދިމާކުރުމުން ޔަޝާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

"ރީމް ކިހިނެއްވެގެން ތި އުޅެނީ؟" ޔަޝާއަށް ބުނެވުނެވެ.

(ނުނިމޭ)

ނޯޓު؛- މި ވާހަކަ ގެނެސްދޭނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 09:00 ގައެވެ.