އެޕިސޯޑް: 2

"ނޫން.." ކުއްލިއަކަށް ފަރީޝާ ދުރަށް ޖެހިލިއެވެ.

"ކިހިނެއްވީ؟" އާދަނު އޭނާގެ އަތުން ފަރީޝާގެ މޫނުގައި އަތް ކާއްތާލިއެވެ.

"ތިހެން ނުހަދާ! އަހަރެން ބޭނުމެއް ނޫން.. އަހަރެންގެ ނިކަމެތި ކަމުގެ ފައިދާ ތިފަދަ ގޮތަކަށް ނުނަގާ!" ފަރީޝާ ދިޔައީ ފަހަތަށް ޖެހެމުންނެވެ.

"ކޮބާތަ މައްސަލަ އަކީ؟ ބަލަ އަހަރެން މިއައީ ލާރި ހިފައިގެންނޭ." އާދަނު ހިފައިލީ ފަރީޝާގެ އަތުގައެވެ.

"ހެޔޮ ނުވާނެ! އަހަރެން ބޭނުމެއް ނޫން.. ތި ލާރިއެއް ބޭނުމެއް ނޫން.. އަހަރެން މި ނިކަމެތި ޙާލައިގެން ދޫކޮށްލާ! އަހަރެން މީ 40 އަހަރުވެފަ ހުރި ދޮށީ އަންހެނެއް. އަހަރެން.." ފަރީޝާގެ އަނގައިގަ އަތް އަޅައިލަމުން އާދަނު ފަރީޝާ ތަތްކޮށްލީ ފާރަށެވެ. އެއާ އެކު ފަރީޝާގެ ޙަޔާތުގައި އޭނާއަށް ގުނަން ޖެހުނީ އަނިޔާއިން ފުރިގެންވާ ވަގުތުކޮޅެކެވެ. އާދަނު ބޭނުންވާ ކަންތައްކޮށް ނިންމާލުމަށްފަހު، ފަރީޝާގެ މޫނު މައްޗަށް 500 ރުފިޔާގެ ނޫޓު ޖެހުމަށްފަހު އޭނާ ކޮޓަރިން ނުކުތެވެ. ފަރީޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ރޮމުން ރޮމުން ގޮސް ފަރީޝާއަށް ހުރި ތަނަށް ތިރިވެވުނެވެ. އޭނާގެ ނިކަމެތި ޙާލަތު ހިތަށް އަރާފައެވެ.

"އަހަރެން މީ ހާދަ ބަދު ނަސީބު މީހެކޭ.." ފަރީޝާ އޭނާގެ މޫނުމަތީގައި އަތް އެޅިއެވެ.

ދަންވަރުގެ ހިމޭން ވަގުތެވެ. ފަރީޝާއަށް ނިދިފައި އޮތީ ގޭގެ ތަޅުންގަނޑު މަތީގައެވެ. އާދަނުގެ އަނިޔާގެ ޝިކާރައަކަށް ވުމުން އެކަމާ ދެރެވެގެން ތިރިވެވުނު ގޮތަށް ފަރީޝާއަށް ނިދުނީ ރޮއިރޮއި އޮއްވައެވެ. ކުއްލިއަކަށް ފަރީޝާއަށް އިވެން ފެށީ ތުއްތު ތުއްތު ކުއްޖެއް ކުކުރޭ އަޑެވެ. ފަރީޝާ ދެލޯ ހުޅުވާލަމުން ތެދުވެއްޖެއެވެ. ފަރީޝާ ހިނގާފައި ގޮސް ވަނީ ކޮޓަރި އަށެވެ. އެއީ އަޑު އަންނަ ދިމާ ކަމަށް ވުމުންނެވެ. އެނދުގައި އޮތީ ކުޑަކުޑަ މައުސޫމް ފުރާނައެކެވެ. އެއީ ފަރީޝާގެ ދަރިކަން ފަރީޝާއަށް އެނގުނީ ވެސް ދެނެވެ. ފަރީޝާއަށް ހަމަ ރޮވެނީއެވެ. ވަނީ ކީއްކަން އޭނާއަށް ނޭނގެއެވެ. ވަޅި ނެގުމާ އެކު ފަރީޝާ ވަޅި ދިއްކޮށްލީ އެނދުގައި އޮތް އޭނާގެ ކުޑަކުޑަ ފުރާނައަށެވެ.

"ނޫން.. އަހަރެން އެހެން ނުހަދާނެ.. އެހެން ހަދާކަށް ނުވާނެ.." ނިދާފައި އޮތް ފަރީޝާއަށް ހަމަ ރޮވެނީއެވެ. ނިދީގައި ރޮމުން ބުނަމުން ދިޔައީ އެހެން ހަދަން ނުވާނެ ވާހަކައެވެ. ފަރީޝާއަށް އަނެއްކާ ވެސް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ދަރިފުޅާ!" ފަރީޝާ މުޅި ގޭތެރެއަށް ބަލައިލިއެވެ. އިސްތަށިގަނޑު ހޭވި މޫނަށް އެޅިފައި ވުމުން ފަރީޝާއަށް ރަނގަޅަކަށް ތަނެއް ނުފެނެއެވެ. ވަރަށް އަވަހަށް މޫނުމަތިން އިސްތަށިތައް ނަގަމުން ފަރީޝާ ދުވެފައި ގޮސް ހުޅުވައިލީ އެނދު ދަށުގައި އޮތް ކުޑަ ފޮށްޓެކެވެ. އެ ފޮށީގެ ތެރެއިން ފަރީޝާ ނެގީ ކުޑަކުޑަ ހުދު ކުލައިގެ ފޮތިކޮޅެކެވެ. އަދި އެ ފޮތިކޮޅުގައި ފަރީޝާ ބޮސް ދޭން ފެށިއެވެ.

"ދަރިފުޅާ! މަންމައަށް މާފު ކުރޭ!" ފަރީޝާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހިތަށް ވަރަށް ބޮޑަށް ތަދުވެގެން ފަރީޝާ ރޮމުން ދިޔައިރު، އޭނާގެ ލޮލުން ވެއްޓެމުންދާ ކަރުނަތައް އެ ފޮތިކޮޅަށް ޖެހެމުން ދިޔައެވެ.

"މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ! އިންތިހާއަށް ލޯބިވޭ! ދަރިފުޅަށް މިހާރު އެނގޭނެ މަންމަ ދަރިފުޅު ދެކެ ލޯބިވާ މިންވަރު.." ފަރީޝާގެ އަޑުގައި ވަނީ މައިވަންތަ ލޯބިން މަހުރޫމް ވުމުން މައަކަށް އަޅާނެ ވޭނީ އަސަރު ތަކެވެ.

"މަންމަ ކުށެއް ނުކުރަން.. ދަރިފުޅާ ދޭތެރޭ މަންމަ ކަންތައް ކުރި\ީ މައަކަށް ކަންތައް ކުރެވޭނެ އެންމެ ރަނގަޅަކަށް... އެކަމު ވެސް.." ފަރީޝާ ރޮމުން ވާހަކަދައްކަމުން ދިޔައީ އެ ފޮތިކޮޅަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާއަށް ފެންނަ ހުވަފެންތަކާއި ސިކުނޑިއަށް ދޭތެރެ ދޭތެރެއިން ވަންނަ ޚިޔާލު ތަކުން ފަރީޝާއަށް ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ނަފުސު ދެކެ ރުޅި އާދެވެއެވެ. އަމިއްލަ ނަފުސަށް ޝަކުވާ ކުރެވެއެވެ. ތަޤުދީރުގައި ހަމަ އެންމެ ސަފުުހާއެއް ވެސް ފަރީޝާއަށް އުފަލެއް ލިޔެވިފައި ނެތީބާއޭ އަބަދުވެސް އޭނާގެ ހިތާ އޭނާ ސުވާލު ކުރެއެވެ.

"ނޫން.. މާތްﷲގެ ނިޔާ އެންމެ ފުރިހަމަ ވާނީ.. ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް.. އިންޝާﷲ... އަދި އުފާވެރިކަން މި ނިކަމެތި ހިތަށް ވެސް ލިބޭނެ.." ފަރީޝާ ތެދުވެގެން ގޮސް އެނދުގައި ޖައްސައިލިއެވެ.

އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. "ޔާއިން.. އާދޭ ދަރިފުޅާ!" ޔާއިން އޭނާގެ ކޮޓަރިން ނުކުތުމާއެކު، ފާތުން ގޮވާލިއެވެ. އެވަގުތު ޔާއިންގެ މައިންބަފައިންނާއި، ނިޒްދާ އަދި އޭނާގެ ވާން އުޅޭ ފިރިމީހާ ވެސް އިނީ ސިޓިންގރޫމްގައެވެ. ޔާއިން މަޑުމަޑުން ހިނގާފައި އައިސް އިށީންނީ ސޯފާގައެވެ.

"ކޮބާ ބްރޯ. ކިހިނެއް؟" ފާރިޝް ހީނލަމުން ބަލައިލީ ޔާއިންއަށެވެ. ޔާއިން ޖަވާބެއްގެ ގޮތުގައި ދިނީ ލުއި ހިނިތުންވުމެކެވެ.

"ދަރިފުޅާ! ދެން އޮތީ ދަރިފުޅުގެ ދުވަސް.. ދަރިފުޅު ވެސް އިންނާނެ މީހަކު ހޯދާ. މިހާރު ދައްތަ ވެސް މީހަކާ އިންނަނީ.." ފާތުންގެ ކަނާއަތުން ޔާއިންގެ ބޮލުގައި ފިރުމާލިއެވެ. އެންމެންގެ ތެރޭގައި އެހެން ބުނުމުން ޔާއިން ލަދުން "މަރުނުވީ" ހަމަ ކިރިޔާއެވެ. މުޅި މޫނުމަތި ބްލަޝްވެ، ލަދުރަކި ކޮށް ހީނލައިގެން ހަމަ އިނީއެވެ. ޔާއިންގެ މޫނުމަތީގެ ކުލަވަރުތައް ފެނި ނިޒްދާ އިނީ އޭނާގެ ހިނިގަނޑު ހިފަހައްޓައިގެންނެވެ. ޔާއިންގެ ފަރާތުން ފެންނަ ލަދުވެތިކަން ނިޒްދާއަށް ވެފަ ވަނީ ބޮޑު ޖޯކަކަށެވެ. ހިނިގަނޑު ހަށިގަނޑު އެތެރޭގައި ހިފަހައްޓައިގެން ނިޒްދާއަކަށް މާކަގިނަ އިރަކު ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް ހުރެފައި ނިޒްދާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ފާތުން އާއި ޔޫނުސްއަށް އެކީ އެއްކޮށް ބަލާލެވުނީ ނިޒްދާއަށެވެ. އިސްދަށަށް ޖަހައިގެން ލަދުން އިން ޔާއިން ވެސް އިސް ނެގިއެވެ. (ނުނިމޭ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރާ

    ވަރަށް ރީތި މިވާހަކަ. ކޮންމެ ދުވަހަކުވެސް ގެނެސްދެއްޗޭ 😍

  2. ކިނާ

    ވަރަށް ރީތި