އެޕިސޯޑް: 3

"ސޮރީ.." ނިޒްދާ ވަރަށް އަވަހަށް އެހެން ބުނެ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްލިއެވެ. ނިޒްދާގެ ހުނުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ކަން އެތާގަ ތިބި އެންމެންނަށް އެނގުނެވެ. ޚުދު އެކަން ޔާއިންއަށް ވެސް އެނގުނެވެ. ފާތުން ހިތްހަމަ ނުޖެހިގެން ނިޒްދާއަށް ބަލައިލިއެވެ. ޔާއިން އަނެއްކާ ވެސް އިސްެޖެހިއެވެ.

"އެބަ އަންނަން.." އެހެން ބުނެ ނިޒްދާ ސޯފާއިން ތެދުވެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނިޒްދާގެ ފަހަތުން ފާރިޝް ވެސް ދިޔައެވެ.

"ސާބަސް ނިޒޫ.." ކޮޓަރީގެ ދޮރު ލައްޕާލުމާ އެކުގައި ފާރިޝް ވާހަކަދައްކަން ފެށީ ހިތްހަމަ ނުޖެހޭ ރާގެއްގައެވެ.

"ތިހެން ހެދުން އަހަންނަން އެއްވެސް ސަޅިއެއް ނޫން އިނގޭ! ތީ ވަރަށް ކަޑަ ކަމެއް.. ނިޒޫގެ ފަރާތުން އަހަރެން އެއްވެސް ވަރަކަށް އެކްސްޕެކްޓް ނުކުރާ ކަންކަން ތި ފެންނަނީ.." ފާރިޝް އެހެން ބުނުމާ އެކުގައި ނިޒްދާ އައިސް ފާރިޝްގެ ކުރިމަތީގައި ހުއްޓުނެވެ.

"ސޮރީއޭ ދެން.. އެއްފަހަރު ބުނެފީމެއްނު." ނިޒްދާ ހުރީ އަދިވެސް ހިނި އަތުވެފައެވެ.

"ނިޒޫ އަދިވެސް ސީރިއަސް ނުވޭ. އެތާކު އަހަރެންނަށް މަޖާ ކަމެއް ނުވޭ!" ފާރިޝް ބަލަން އިނީ ނިޒްދާގެ މޫނަށެވެ.

"ހެހެ! އެއީ ފާރިޝްއަށް މަޖާކަމެއް ނޫނަސް އަހަރެންނަށް ވެދާނެ ދޯ މަޖާ ކަމަކަށް.. ބަލާބަލަ ޔާއިންއަށް.. ބޮޑު އަންހެނެކޭ ތަފާތެއް ނެތް. އޭނަ ގާތު އަލަކަށް ނޫނޭ މަންމަ މީހަކާ ރައްޓެހިވާން ވެސް ބުނީ.. އަހަރެން ހީއެއް ނުވޭ އޭނަ އަންހެނުން ދެކެ ލައިކް ވާހެން. ވެދާނެ ދޯ އަނެއް އަތު ސޮރެއް ކަމަށް.. ހެހެ.." ނިޒްދާ ދެއްކި ވާހަކަތަކުން ފާރިޝް ހައިރާން ވިއެވެ. އަދި ރުޅި ވެސް އައެވެ.

"އަހަރެން މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ. ތީ ހަމަ ނިޒޫ ބުނި އެއްޗެއްތަ؟ ޕިސްޕިސް.. އެއީ ނިޒޫގެ ކޮއްކޮއޭ.. ތި ކަހަލަ ހުތުރު ތުހުމަތެއް ކޮއްކޮއަށް ކޮށްލަން ކެރުނުކަން ދޯ؟ ތީ އަހަރެން ދަންނަ ނިޒޫގެ ސިފަތަކެއް ނޫން.." އެހެން ބުނެ ފާރިޝް ކޮޓަރިން ނުކުތީ ނިޒްދާ ދެކެ ހިތްހަމަ ނުޖެހިގެންނެވެ. "މަންމާ މިދަނީ ދެން އިނގޭ!" ސިޓިންގރޫމަށް ނުކުމެ، ފާރީޝް އެގެއިން ވެސް ނުކުމެގެން ދިޔައީއެވެ. ފާރިޝް ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ފާތުން އާއި ޔޫނުސްއަށް އެނގުނެވެ.

މެންދުރުގެ ހޫނުކަން ފިލައި ހަވީރުގެ ފިނި ވައިރޯޅިތައް ހަނާ އަޅަން ފަށައިފިއެވެ. ފެންވަރާ ރީތިވެގެން ނިޒްދާ ގުޅައިލީ ފާރިޝްއަށެވެ.

"ފާރިޝް އައިމް ސޮރީ.. މިއަދު ވީ ކަންތަކާ.." ފާރިޝް ފޯނު ނެގުމާ އެކުގައި ނިޒްދާ ފުރަތަމަ ވެސް އެދުނީ މާފަށެވެ. އެއީ ފާރިޝް ހިތްހަމަ ނުޖެހިފައިކަން އެނގޭތީއެވެ. ފާރިޝް "އިޓްސް އޯކޭ' އޭ ބުނެ ފޯނު ކަނޑައިލިއެވެ. ނިޒްދާއަށް ސިއްސައިގެން ގޮސް ފޯނަށް ބަލާލިއެވެ. މިއިން ދުވަހަކުވެސް ފާރިޝް އެހެން ކަންތައް ކޮށްފައި ނުވާތީއެވެ. ނިޒްދާ އަނެއްކާވެސް ފާރިޝްއަށް ގުޅާލިއެވެ.

"އެނގޭ ވަރަށް ރުޅި އައިސްފަކަން ތިހުރީ.. އެކަމު އާދެބަ މިގޭ ކައިރިއަށް.. އަހަރެން ތިރިއަށް މިފައިބަނީ.." ނިޒްދާ އެހެން ބުނެ ތިރިއަށް ފޭބިއެވެ. ފާރިޝް އެގޭ ކައިރިއަށް ދިޔައީ އެއްވެސް ޙާލެއްގައި ނިޒްދާ ގޮވައިގެން ދުއްވާލާ ދާހިތަކުން ނޫނެވެ. ނިޒްދާގެ ކަންތައް ހުންނަ ގޮތުންނާ، ކަންކަން އިސްލާހު ނުކުރާތީ ފާރިޝް ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ކުރިއަށް އޮތް ތަނުގައި ވާން އުޅޭ އަނބިމީހާގެ ފަރާތުން ދުވަހަކަށްފަހު ދުވަހެއް ފެންނަނީ ހައިރާންވާ ކަންކަމެކެވެ. އެއީ ފާރިޝް އެއްވެސް ގޮތަކަށް ދެކެން ބޭނުންވާ، ނުވަތަ އެނގެން ބޭނުންވާ ކަމެއް ނޫނެވެ.

ސައިކަލު ބުރުގައި ވެސް އެނޫން ވާހަކައެއް ނުދައްކައެވެ. ފާރިޝް ކިޔާ ކޮންމެ އެއްޗަކަށް ނިޒްދާ "ސޮރީ" ބުންޏަސް، ޙަޤީޤަތުގައި ނިޒްދާގެ ހިތުގައި އެ ބުނާ "ސޮރީ ފީލިންގްސް" އެއް ނެތެވެ. އެޔަށް ވުރެ ޔާއިންގެ ކަންކަމުގައި ނިޒްދާގެ ހިތް ހަރެވެ.

ދުވަސްތައް ދައުރު ވަމުން ގޮސް، ނިޒްދާ އާއި ފާރިޝްގެ ކައިވެނީގެ ތާރީޚް ގާތްވެއްޖެއެވެ. މާދަމާ އަކީ ނިޒްދާ އާއި ފާރިޝް ގުޅުމުގައި ކައިވެނީގެ ގޮށްޖަހާލާ ދުވަހެވެ. އެދެމީހުންގެ ކައިވެންޏަށް ދެފަރާތުގެ ޢާއިލާއިން ވެސް ދިޔައީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އަދި އިތުރަށް މާދަމާ އަކީ ނިޒްދާގެ 28 އަހަރުވާ އުފަން ދުވަސް ކަމުން ނިޒްދާއަށް އެތައް ގޮތަކުން ވެސް މާދަން ޚާއްޞަ އެވެ.

ގޭތެރެއަށް ހީވަނީ އީދެއް ލައިގަނެގެން އުޅޭހެންނެވެ. ސިޓިންގރޫމްގެ ތެރެއިން ވެސް އަޑު އެހާ ގަދައެވެ. ފާތުން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ނާސިރާ އާއި އޭނާގެ ފިރިމީހާ އާއި އެދަމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ހައިފާ ވެސް އެގެއަށް ގެނައީ މާދަމާއަށް ތައްޔާރު ވަމުންދާ ކައިވެނީގެ ހަފްލާއަށެވެ.

"ދޮރު ހުޅުވޭ ދޯ؟" ޔާއިން އޮތް ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނިޒްދާ އެތެރެއަށް ވަނެވެ.

"ކިހިނެއްވީ ދައްތާ؟" ޔާއިން ހައިރާން ކަމާ އެކުގައި ބަލައިލީ ނިޒްދާގެ މޫނަށެވެ.

"އަސްލު ވަރަށް ދެރަވޭ އިނގޭ މިހެން ބުނަން ވެސް.. އެކަމު، މައި ވެޑިން ދޯ؟ ޔާއިން ނުދާންވީނު ދޯ އަހަރެންގެ ވެޑިންގއަށް. އަސްލު އަހަރެން ބޭނުމެއް ނޫން ޔާއިން އެ ތަނުން ފެންނާކަށް.. ގެޓް ވޭ ދޯ މިބުނަން އުޅޭ އެއްޗެއް؟ ނިޒޫ ބޭނުން ނުވޭ ޔާއިން ފެނިފަ މައި މޫޑް އޮފް ވާކަށް. ދެން އަނެއްކޮޅުން ތީ މައި ޔަންގާ ބްރަދާ އޭ ކިޔާ އަޑު ބަޔަކަށް އިވެއްޖިއްޔާ އަނެއްކޮޅުން އަހަރެން ލަދުން ހަލާކު ވާނެ.. ސޮރީ އަސްލު މިހެން ބުނަން ޖެހުނީމަ. ހޯޕް މަންމަމެން ގާތު ނުބުނާނެ ކަމަށް.." ދިގު ފަތިވަރެއް ދަމާލުމަށްފަހު ނިޒްދާ ކޮޓަރިން ނުކުތެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަމީރާ

    ވަރަށް ރީތި ވާހަކައެއް

    1
    1
  2. ލީލާ

    ފަރީޝާއަށް ދޯ މި ވާހަކަ ނިސްބަތް ކޮށްފަ މިއޮތީ