އެޕިސޯޑް: 4

މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ފެށިގެން ދިޔައީ ނިޒްދާ އާއި ފާރިޝްގެ ޙަޔާތުގައި މުޅިން އެހެން ސޮފުހާއެކެވެ. އެމީހުންގެ ލޯބީގެ ގުޅުމަށް މާތް ނަމެއް އިތުރު ވެގެން ދިޔައީއެވެ. ކައިވެނީގެ ބަރަކާތުން އެމީހުންގެ ގުޅުން އިތުރަށް ފުރިހަމަވެ ފައްކާވީއެވެ. ކައިވެނީގެ ފޯރުގަދަ ޙަފްލާއަށް މުޅި ޢާއިލާ ތައްޔާރު ވަމުން ދަނީއެވެ.

ކޮޓަރި ތަޅުލައިގެން އެތައް އިރަކު އޮވެފައި ކޮޓަރީގެ ތަޅު ނައްޓާލުމަށްފަހު ޔާއިން ގޮސް ޖައްސައިލީ އެނދުގައެވެ. ފާތުން އާއި ޔޫނުސްގެ ހިތުން ޔާއިން ވެސް ފޯރިއާ އެކުގައި މިރޭގެ ހަފްލާއަށް ތައްޔާރު ވަނީއެވެ. ނަމަވެސް ޔާއިން އޮތީ ބަލިވާ ކަމު ހަދައިގެންނެވެ. ދައްތަގެ އުފާވެރި ރޭ ޔާއިންގެ ސަބަބުން ހަރާބު ވާކަށް ޔާއިން ނޭދެއެވެ.

ހަވީރު ފަސްދީ މަޑުމަޑުން އަނދިރިކަން ދުނިޔެ ވަށައިލިއެވެ. ފާތުން ވަރަށް ޗާލު ވެގެން ގޮސް ހުޅުވައިލީ ޔާއިން އޮތް ކޮޓަރީގެ ދޮރެވެ. އެއާ އެކު ފާތުންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ހައިރާންކަމާ އެއްވަރަށް ފާތުން ހީކުރީ ޔާއިންއަށް ނިދުނީ ކަމަށެވެ.

"ދަރިފުޅާ! ބަލަ ދަރިފުޅާ! ނިދަނީތަ؟ ދައްތަގެ ވެޑިންއޭ މިރޭ އޮތީ.. ސާބަސް.. މަންމަމެން ހީކޮށްގެން މިހުންނަނީ..." ފާތުން ހިފައިގެން ހުރީ އެނދުމަތީގައި އޮތް ޔާއިންގެ އަތުގައެވެ.

"މަންމާ! އަހަރެން ބަލިކޮށޭ މިއުޅެނީ.. ވަރަށް ބޮޑަށް ގައި ތަން ތަނަށް ތަދުވާތީ.. އަހަރެން ވެސް ބޭނުން ވެއޭ ދައްތަގެ ވެޑިންއަށް ދާން، އެކަމު މިހާ ބަލިކޮށް ކިހިނެއް ދާނީ.."

ޔާއިން ދައްކަމުންދާ ވާހަކަތަކުން ފާތުން ކުއްލިއަކަށް ބަސް ހުއްޓުނެވެ.

"އެކަމު ދަރިފުޅާ! ދައްތައަށް ތިކަން އެނގޭތަ؟ ދައްތަ ކިހާ ދެރަވާނެ ދަރިފުޅު ނުދިޔާމަ.." އެވަގުތަކީ ކޮޓަރީގެ ދޮރުމައްޗަށް ނިޒްދާ އައިސް ހުއްޓުނު ވަގުތެވެ.

"ޔާއިން ނުދަނީތަ؟ އަޅެ ކީއްވެތަ؟"

ނިޒްދާ ގޮސް ހުއްޓުނި ޔާއިން އޮތް އެނދާ ގާތުގައެވެ. ނިޒްދާގެ ސުވާލަށް ޖަވާބު ދިނީ ފާތުންނެވެ. ޔާއިން ބަލިވެގެން ކަމާއި ޔާއިންއަށް ވެޑިންއަށް ނުދެވޭނެ ވާހަކަ ފާތުން ބުނީ ދެރަވެފައި ހުރެގެންނެވެ.

"ސޯ ސޭޑް.." ނިޒްދާ އެހެން ބުނެ ބަލައިލީ ޔާއިންއަަށެވެ. ފާތުން މަޑުމަޑުން ހިނގާފައި ކޮޓަރިން ނުކުތެވެ.

"ތޭންކްސް ޔާއިން.." އެހެން ބުނެ ނިޒްދާ ވެސް ކޮޓަރިން ނުކުތެވެ.

***

ކައިވެނީގެ ޚަފްލާ ފެށިގެން ކުރިޔަށް ދަނީއެވެ. ދަރުބާރު ގޭގައި ކުރިއަށްދާ ކައިވެނީގެ ޚަފްލާ ވަނީ ތަފާތު އެކި ކުލަތަކުން ދިއްލާ އަޅާފައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ކަމެވެ. ނިޒްދާ އެންމެ އުފާވީ ޔާއިން އޭނާގެ ކައިވެނީގެ ޚަފްލާއަށް ނައިތީއެވެ. އެއީ ނިޒްދާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ނިޒްދާ އޭނާގެ މައިންބަފައިންނާ އެކު ފޮޓޯތައް ނަގަމުން ދިޔައެވެ.

ފާރިޝްއާ އެކު އަދި ފާރިޝް ނުލާ ވެސް އެތައް ފޮޓޯއެއް ނިޒްދާ ނަގަމުން ދިޔައެވެ. ކެމެރާމަން އެންމެ ބޮޑަސް ބިޒީ ވެގެން ދިޔައީ ނިޒްދާ އާއި އޭނާގެ މައިންބަފައިންނާ އެކުގައި ފޮޓޯތައް ނެގުމަށެވެ. ފާރިޝްއާ އެކުގައި ފޮޓޯތައް ނެގުމަށްވުރެ، ނިޒްދާގެ ޝައުގުވެރިކަން ހުއްޓިފައި ވަނީ ފާތުން އާއި ޔޫނުސްއާ އެކުގައި ފޮޓޯ ނަގާށެވެ.

"ސާބަސް ދަރިފުޅާ! ހާދަ ވަރަކަށް.. ތިއުޅެނީ ފޮޓޯ އަލްބަމެއް ހަދަންތަ؟" އެންމެ ފަހުން ފާތުންއަށް ވެސް އެކަން އަޅައިގަނެގެން އެހެން ބުނެލިއެވެ. ނިޒްދާ ރައްދުގައި ލުއިކޮށް ހީނލުން ނޫން ކަމެއް ނުކުރެއެވެ.

"ދެން މަންމަ ދަނީ އިނގޭ ދަރިފުޅާ! ކޮއްކޮ ބަލިކޮށް އުޅޭތީ.." ނިޒްދާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވީ ކައިވެނީގެ ޚަފްލާގެ މެދު ތެރެއިން ފާތުން ބުނި ވާހަކައިންނެވެ.

"އެކަމު މަންމާ.." ނިޒްދާ ބަލައިލީ ފާތުންއަށެވެ.

"ބައްޕަ ހުންނާނެ ދޯ؟ މަންމަ މިގަޑީ ގޮސްލީ.." ފާތުން އެހެން ބުނެ ދެކުދިންނާ ސަލާމް ކޮށްލުމަށްފަހު އެތަނުން ނުކުތެވެ. ނިޒްދާގެ މުޅި މޫނުމަތި އެއްކޮށް ބަނަވިއެވެ. ފާތުން ދިޔުމާ އެކުގައި ނިޒްދާގެ ހަށިގަނޑުގެ ތެރެއަށް ވަދެގަތީ ބުނެދޭން ނޭނގޭ ފަދަ ރުޅިގަނޑެކެވެ. ނަމަވެސް އެކަން ދައްކަން އުޅެންޏާ އެ މަންޒަރު ކެމެރާގެ ދުރުމީގެ ލެންސުން ޖާގަ ހޯދާފާނެތީ ނިޒްދާ ހަމަޖެހޭތޯ މަސައްކަތް ކޮށްލިއެވެ.

"ކިހިނެއްވީ؟" ނިޒްދާގެ ހަރަކާތްތައް ހިމޭން ވުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ފާރިޝްއަށް ރޭކާލިއެވެ. ފާރިޝް އެހެން އެހުމާ އެކުގައި ނިޒްދާގެ އިޙްސާސްތަކަށް ބަދަލު އައެވެ. ހިތުގެ ތެރޭގައި އުފެދިފައިވާ ރުޅިގަނޑު ބަދަލުވީ ހިތާމައަށެވެ. ނިޒްދާ ދެލޯ ވަގުތުން ފެން ކަޅިވިއެވެ.

"އެބަ އަންނަން.." އެހެން ބުނެ ނިޒްދާ ހިނގައިގަތީ ފާާޚާނާއާ ދިމާއަށެވެ. ނިޒްދާގެ ފަހަތުނން ފާރިޝް ވެސް ހިނގައިގަތެވެ. ކޮންމެ ވެސް ކަމެއް ނިޒްދާއަށް ވެއްޖެކަން ފާރިޝްއަށް ޔަޤީން ވުމުންނެވެ. (ނުނިމޭ)