"ރީމް ކިހިނެއްވެގެން ތި އުޅެނީ؟" ޔަޝާއަށް ބުނެވުނެވެ.

"ކިހިނެއްވީތަ؟" ޚައިރާންވެފައި ރީމް އެހިއެވެ.

ދެމީހުންގެ މެދުގައި ޒުވާބެއް އުފެދިގެން ހިނގާދާނެތީ ލުބާ އަވަސްގޮތަކަށް އެ ދެމެދަށް ވަނެވެ. އޮފީހުގެ ތެރޭގައި އެކަކުވެސް ޒުވާބު ނުކުރުމަށް ލުބާ ބުނެލީ ނިކަން ހިތްވަރުލާފައެވެ. އަމުރުވެރި ރާގެއްގައެވެ. ކުއްލިއަކަށް ރީމް މަޑުމަޑު ކަފަކޮޅަކަށްވެއްޖެއެވެ. އޭނާއަށް އެ ހުރެވުނީ އޮފީހުގައިކަން ހަނދާންވީއެވެ. ލުބާގެ އެކުވެރި ހިތްހެޔޮ މިޒާޖުގެ ސަބަބުން އެކަން ހަނދާނުން ކައްސައިލުމަކީ އާދައެކެވެ. އެވަރުން ވެސް ޔަޝާއަށް ހަމަޖެހުމެއް ނުލިބުނެވެ. ރީމަށް ހެދުނު ގޯސް އަންގައިދީގެން މެނުވީ އޭނާއަށް ހަމަނޭވާ ވެސް ނުލެވޭނެއެވެ. ލުބާގެ ކުރިމަތީގައި އިތުރަށް އެއްޗެއް ނުބުނުމަށް ރީމްގެ އަތުގައި ހިފައިލައިގެން ޔަޝާ ނުކުތީ ބޭރަށެވެ.

"ވީގޮތް ނޭނގެނީތަ؟" ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ރީމްގެ އަތުން ދޫކޮށްލަމުން ޔަޝާ ބުންޏެވެ. "ނޫނީ ނޭނގޭކަމަށް ހަދަނީތަ؟ ލުބާ ފަލަކޮށް ހުރީމާ އެކަމާ ބެހެމުން ގޮސް ތި ކިޔުނު އެއްޗަކާމެދު ވިސްނާލީންތަ؟ ލުބާއަށް ދަރިން ނުލިބުމަކީ ނަސީބެއްތަ؟ ބުނެބަލަ؟ އެ ނަސީބަކަށް ވާންޖެހޭނެ އެންމެ ސަބަބެއް ވެސް ބުނެދީބަލަ؟ އެހެން ބުނީމަ ލުބާ ވާނެ ދެރައާމެދު ވިސްނާލީންތަ؟ މީސްމީހުންނަށް ފާޅުގައި މަލާމާތްކުރާއިރު އެމީހުން ވާނެ ދެރައަކަށް ވިސްނައިނުލަންތަ؟"

"އޭ ބަލަ ޔަޝް. ހަމަޖެހިބަލަ. އެއީ މަޖަލަކަށް ބުނި އެއްޗެކޭ. މަ ސީރިއަސް ނޫންކަން ލުބާއަށް ވެސް އެނގޭނޭ. ތިހާ ކަންތައް ބޮޑު ނުކޮށްބަލަ." ރީމް އަމިއްލަ ދިފާޢުގައި ބުނެލިއެވެ.

"މަޖާކުރުން ވެސް އޮންނަޖެހޭނީ ހައްދެއްގެ ތެރޭގައި." ޔަޝާ އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ. "ތި ހުންނަނީ މަޖަލަކަށް ވެސް ބުނަންނުޖެހޭނޭ އެއްޗެހި. ތިކަމުން ލުބާއަށް ލިބުނު ތުރާތަކެއް އަހަރުމެންނަކަށް ނުވިސްނޭނެ. ރީމަށް މަޖަލަކަށް ވިޔަސް ތީ ލުބާ ނުހަނު ދެރަވާނެ ކަންކަން. ބައެއް ފަހަރު ރައްޓެހިންގެ ކުރިމަތީގައި ހިނިތުންވެގެން އިން ނަމަވެސް އޭނާގެ ހިތް ތިހެން ބުނެލާ ބަސްތަކަށް ރޮއެ ހަދާނެ. ވިސްނާލަބަ. މިސާލަކަށް މިއަދު ލުބާ އެ ހުރި މަޤާމުގައި ރީމް ހުރިނަމަ ރީމް ދެރައެއް ނުވާނެތަ؟ އޭރުން ރީމް ވާނީ ދިހަ ބާރަ އަހަރުވަންދެން ދަރިއެއްގެ އިންތިޒާރުގައި ހުރި އަންހެނަކަށް. ބަރުދަން ލުއިކުރަން މަސައްކަތްކޮށް އެކަމުން މާބޮޑު ނަތީޖާއެއް ހާސިލު ނުކުރެވޭ އަންހެނަކަށް. ދެން އެ ބަސްތައް އެހެންމީހަކު ރީމަށް ރައްދުކުރުމުން ރީމް ހިތުގައި ނުޖެހޭނެތަ؟"

އެއީ މުޅީން ވެސް ތެދު ވާހަކަކަން ރީމް ޤަބޫލުކުރެއެވެ. އެހެނަސް އޭނާގެ މަޤުޞަދަކީ އެއްވެސް ހާލެއްގައި ލުބާ ދެރަކޮށްލުމެއް ނޫނެވެ. ހިތުގައި ޖެއްސުމެއް ވެސް ނޫނެވެ. އެފަދަ ގޮތެއް ލުބާއަށް ވީކަމަކަށް ވެސް ރީމަށް ޤަބޫލެއް ނުކުރެވެއެވެ. އެ ވާހަކަތަކުން ލުބާއަށްވުރެ ބޮޑު އަސަރެއް ކޮށްފައި މިހުރީ ޔަޝާއަށެވެ. އަސަރު ކުރަންޖެހޭ ސަބަބެއް ނެތަސް އެކަންވީ އެހެންނެވެ. ރީމަށް ވިސްނުނު ގޮތުގައި ޔަޝާ މާ ބޮޑަށް ކަންތައް ބޮޑުކޮށްލަނީއެވެ. ރައްޓެހިންގެ މެދުގައި އެފަދަ ސަމާސާތައް ކުރުމަކީ އެމީހުންގެ މެދުގައި އޮންނަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ރީމް ބުނެލިއެވެ.

"ތިޔަށް އިނގިރޭސި ބަހުން ކިޔަނީ ބުލީ.. ތި ކުރަނީ ބުލީ." ޔަޝާ ބުނެލިއެވެ.

"މީ ދެން ތިހާވަރުކުރަންޖެހޭ ކަމެއްތަ؟ މަޖަލަކަށް ވެސް އެއްޗެއް ބުނެވޭކަށް ނެތެއްނު. ސަމާސާކޮށްލުމަކުން އޭގައި ގޯހެއްނެތް. ލުބާއަށް ނާންނަ ފޯރިއެއް ޔަޝްއަށް ވެސް އަންނާކަށް ނުޖެހޭ." ގޮތްދޫނުކުރާ ކަހަލަ ރާގެއްގައި ރީމް ބުނެލިއެވެ.

"މަޖާކުރަންވީ މީސްމީހުންނަށް ބުލީނުކޮށް." ޔަޝާ ވަގުތުން ރައްދު ދިނެވެ. "ސަމާސާއަކަށް ވެސް އެހެން މީހުން ހިތުގައި ޖެހޭ ބަސްތައް ބުނުން އެއީ ރަނގަޅު ކަމެއްނޫންކަން ޚުދު ރީމް ވެސް މިކަން ޤަބޫލުކުރާނެ."

"އެންމެ ރަނގަޅޭ. މަމީ އެންމެ ގޯސްމީހާ. މީގެފަހުން ތި މީހުން ވެސް މަޖަލަކަށް ހަދާފަ ވެސް މަށާ ދިމާއަށް ހިކިތޮޅި އޭ ބުނެގެންނުވާނެ. އެ ބުލީއަށް ވަންޏާ މިވެސް ހަމަ ބުލީ."

މޫނު ކުނިކޮށްލާފައި ރީމް ހިތްހަމަނުޖެހިފައި ހުރެ އެތަނުން ދިޔައީއެވެ. ޔަޝާއަށް ދެއަތަށް ބޯ ހޫރުވައިލެވުނެވެ. އެންމެ ގާތުގައި އުޅޭ މީހުންނަށް ވެސް އެހެންމީހުންގެ އިޙްސާސްތަކަށް އިޚްތިރާމްކުރަން ނޭނގޭތީއެވެ. ބަސްބުނުމުގެ ކުރިން އަނެކާއަށް ކޮށްފާނެ އަސަރަކާމެދު ވިސްނާލާނެނަމަ ކޮންފަދަ ހެއްޔެވެ؟

އެކުވެރި މަރުޖީނާއާއެކު އުޅުމަށްފަހު، ވަދީފާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އޭރު ގޭތެރެ އޮތީ ފަޅަށެވެ. ފެންޑާގައި ހުރި ބޮކިތައް ނުދިއްލާ ހުރުމުން ގޭގައި މީހަކު ނޫޅޭކަން ދެނެގަނެވުނެވެ. ޖައިލަމް ވެސް ގެއަށް ނާންނަނީކަން އެނގުމުން މާޔޫސްވާ ގޮތްވިއެވެ. އޭނާ ބޭރުގައި އުޅެފައި އަވަހަށް ގެއަށް އައީ ވެސް ޖައިލަމްއާ ވާހަކަތަކެއް ދައްކާލުމުގެ ގަސްދެއް އޮވެގެންނެވެ. މަރުޖީނާގެ ޚިޔާލާ މަޝްވަރާއާއެކު މޮޅު ރޭވުންތަކެއް ސިކުނޑިއަށް ވައްދައިގެންނެވެ.

ޖައިލަމް އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ތަނަވަސް ފެންޑާގައި ހުރި ބޮޑު ސޯފާގައި ވަދީފާ އިށީނެވެ. ޓީވީ ހުޅުވާލުމަށްފަހު ސްޓާރ ޕްލަސް އަޅުވައިލިއެވެ. އެ ގަޑީގައި އަންނަމުން ދިޔައީ މައިދައިތައާއި ޅީދަރިފުޅުގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ދައްކުވައިދޭ ޑްރާމާއެކެވެ. އެފަދަ ސިލްސިލާތައް ބެލުމަށް ވަދީފާ ނުހަނު ޝަޢުޤުވެރިވެއެވެ. ޅީދަރިފުޅު މައިދައިތައާ ވާހަކަ ދައްކާއިރު ހަތަރުކަޅި ހަމަކުރަންޖެހިލުންވުން އެއީ އޭނާގެ ހިތަށް ނުހަނު ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ސަބަބަކީ އޭނާ ވެސް އެފަދަ ނުފޫޒު ގަދަ މައިދައިތައަކަށް ވުމެވެ. ނުވަތަ އެފަދަ މައިދައިތައަކަށް ވާން ހިތްއެދުމެވެ. އެއީ ވަދީފާގެ ދިރިއުޅުން ބައްޓަންކުރަން ބޭނުންވާ ގޮތް ވެސް މެއެވެ. އޭނާ ލުބާއާމެދު ކުޑަކޮށް ވެސް ހިތްހަމަ ނުޖެހޭތީއެވެ.

ވަދީފާ ޓީވީއަށް ނަޒަރު ސީދާކޮށްލައިގެން އިން ނަމަވެސް އިރުއިރު ކޮޅުން ބޭރުން އިވޭ އަޑުތަކަށް ސަމާލުކަން ދެއެވެ. އިންޖީނެއްގެ އަޑު އިވުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ގޭގެ ބޮޑު ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާ އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނީއެވެ. އަތުގައި އޮތް ރިމޯޓު ސޯފާ މައްޗަށް އެއްލާލައިފައި ދޮރާ ދިމާއަށް އޭނާ ހިނގައިގަތީ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފައި އުފުލައިލަމުންނެވެ. ނިކަން ހަލުވިކޮށް ގޮސް ދޮރު ކަނީގައި އަތް ޖައްސައިލަމުން ބޭރަށް ނަޒަރެއް ދިނެވެ. އޭރު ގޯތިތެރެއަށް ވަދެގެން އައި ރަތް ކުލައިގެ ކާރު ފެނިފައި ވަދީފާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ކާރުގ ގަރާޖަށް ވެއްދުމަށްފަހު އިންޖީނު ނިއްވައިލުމާއެކު އޭނާ ދުވެފައި ގޮސް ކުރިން ވެސް އިންތަނުގައި އިށީނދެއްޖެއެވެ.

ޖައިލަމްގެ އެއް އަތުން ނިތްކުރިމަތީގައި ފިރުމަމުން ގެއަށް ވަނެވެ. ނިތްކުރިއާއި ނޭފަތް މަތީގައި ރިއްސަމުން ދާތީ އޭނާގެ ދެލޯ ވަނީ ކުޑަވެފައެވެ. އެ ސިކުނޑި ވަނީ އެތަކެއް ޚިޔާލުތަކުން ބަރުކޮށްފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރަށް ގެންދެވުމުންނެވެ. އެއާއެކު މަސްތުވާތަކެތީގެ އަޅުންނަށް ވެފައިވާ ޒުވާނުންތައް ހިމޭނުން ނުތިބޭނެކަން ޖައިލަމް ދަނެއެވެ. މުޅި ރަށުތެރެ ހަލަބޮލިވެގެންދާނެކަން ޔަޤީނެވެ. އެއީ ސަރުކާރުގެ ފަރާތުން ކުރިމަތިވާނެ ފިއްތުންތަކުގެ އިތުރަށް ސަމާލުވާންޖެހޭނެ މުހިންމު ކަމެކެވެ. ފައިރޫޒަށް އެކަން ވިސްނައިދިނުމަށް ޖައިލަމް ނުހަނު މަސައްކަތްކުރިއެވެ. އެހެނަސް އެދެވޭ ކާމިޔާބެއް ވަނީ ނުލިބިއެވެ. ވުމާއެކު އޭނާއަށް މުޅި ދުވަސް ހޭދަކުރަން ޖެހުނީ ނުތަނަވަސްކަމާއި ބޯހާސްކަމެއްގެ ތެރޭގައެވެ.

"ޖައިލަމް............" ވަދީފާ ގޮވައިލިއެވެ. ޖައިލަމް އަޅާވެސް ނުލައި، އޭނާ ހުރަސްކޮށްފައި ދާން ފެށުމުންނެވެ.

ޖައިލަމް އަތްތިރި ކޮށްލަމުން ވަދީފާއަށް ނަޒަރެއްދިނެވެ. ޙަޤީޤަތުގައި އޭނާ ފިކުރު ބޮޑުވެފައި ހުރުމުގެ ސަބަބުން މަންމަ އެތަނުގައި އިންކަން ވެސް ނޭނގުނީއެވެ.

"މަންމަ ކިހިނެއްވެފަ ތީނީ؟" ލުއި ހިނިތުންވުމެއް ދެމުން ޖައިލަމް އަހައިލިއެވެ.

"މަންމަ ވާހަކައެއް ދައްކަން ބޭނުންވޭ. ވަގުތު އޮތިއްޔާ މަންމަ ގާތުގައި މިތާ އިށީނދެބަލަ." ވަދީފާ އެއް އަތުން ސޯފާގައި ޖަހައިލަމުން ބުނެލިއެވެ. ޖައިލަމް ކިޔަމަންތެރިކަމާއެކު އައިސް މަންމަ ގާތުގައި އިށީނެވެ. އޭރުވެސް މަންމަ ދައްކަން އުޅޭ ވާހަކައަކީ ޝަދަފްގެ ވާހަކައޭ އޭނާގެ ހިތްބުނަން ފަށައިފިއެވެ. އެހެނަސް ވަދީފާ ދައްކަން ފެށީ މުޅީން އެހެން ވާހަކައެވެ. ކުއްލިއަކަށް ލިބުނު ސިހުމަކާއެކު ޖައިލަމްގެ މޫނުން ކަންބޮޑުވުމުގެ ލިސާންތައް ފާޅުވެލިއެވެ. ލުބާ ގޭގައި ނޫޅެނީތޯ އޭނާއަށް ސުވާލުކޮށްލެވުނީ ފަރާތްފަރާތަށް ބޯ އަނބުރައި ހޯދައި ބަލަމުންނެވެ. އެއިން އެއްވެސް ވާހަކައެއް ލުބާގެ ކަންފަތާ ހަމައަށް ދިޔުމަށް އޭނާގެ ހިތް ނޭދޭތީއެވެ.

"ލުބާ ގޭގައި އުޅޭތޯއެއްނޫން ބަލަންވީ. ދަރިފުޅު މިކަމާމެދު ފުންކޮށް ވިސްނާލަބަ. އުމުރު ދުވަހު ތިގޮތަށް ނޫޅެވޭނެ. މަންމަ މިހާރު މީނީ މުސްކުޅިވެފަ. މިއަދުކަމެއް ނޫނީ މާދާމާކަމެއް ނޭނގޭ ދަރިފުޅުމެން ދޫކޮށްފައި މަންމައަށް ދާންޖެހޭނީ. އޭގެކުރިން މަންމަގެ މި އެދުން ފުރިހަމަކޮށްދީ." ޖައިލަމްގެ ކޮނޑުމަތީގައި ފިރުމަމުން ވަދީފާ ވާހަކަ ދެއްކިއެވެ.

ޖައިލަމަށް ބުނާނެ އެއްޗެއް ނުވިސްނިގެން ދެއަތަށް ބޯ ހޫރުވައިލެވުނީއެވެ. މަންމަ އެ އެދޭ އެދުން ފުރިހަމަކޮށްދެވެން ނެތުމުންނެވެ. ގޭތެރެ ފަޅުފިލުވާލަދޭނޭ މާމަ ދަރިއަކު ހޯދައިދިނުމަށް ވަދީފާ އެދެނީއެވެ. ޖައިލަމް ދެވަނަ ކާވެންޏެއްކުރުމަށް ނަސޭޙަތްތެރިވަނީއެވެ. ލުބާ ވަރިކުރުމަށް ޖައިލަމް އެއްބަސްނުވާނެކަން އެނގޭތީއެވެ. ލުބާ ވަރިކުރުމަށް ބޭނުންނުވާއިރު، އެކަމަށް އޮތް ހަމައެކަނި މަގަކީ އިތުރު ކާވެންޏެއްކުރުންކަމަށް ވަދީފާ ބުންޏެވެ.

"މަންމާ ތިކަމެއް މަށަކަށް ނުވާނެ." އޯގާތެރިކަމާއެކު ޖައިލަމް ބުންޏެވެ. "ލުބާ ހިތުގައި ޖައްސާފައި މަށަށް ހަމަނިދި ވެސް ނުލިބޭނޭ. މަންމައަށް ވެސް އެކަން އެނގޭނެ. ލުބާނޫން އިތުރު އަންހެނަކު މި ހަޔާތަށް ގެންނާކަށް ބޭނުމެއްނޫން. މަންމާ ތި ވިސްނުން ދޫކޮށްލާ. އަހަރުމެންނަށް އަދި ދަރިންވެސް ލިބޭނެ. މަންމަ އެދުވަހަކަށް އިންތިޒާރުގައި ހުރެލަދީ. ތި ވާހަކަތައް ލުބާގެ ކަންފަތާ ހަމައަށް ނުގެންދާތި. ޕްލީޒް. އޭރުން ލުބާގެ ހިތް ހުއްޓިދާނެ."

"އެކަމު ޖައިލަމަށް މި މަންމަ ހިތުގައި ޖައްސާފައި ހަމަ ނިދި ލިބޭނުން." ކުއްލިއަކަށް ވަދީފާގެ ރާގުގަނޑު ބަދަލުވެއްޖެއެވެ. "މި މަންމަގެ ހިތް ހުއްޓިދާނެތީ ކަންބޮޑެއް ވެސް ނުވޭނުން. އެހެންނުން ވާނީ މި މަންމަ މީ އެއްވެސް މީހެއް ނޫންވިއްޔާ. އަބަދުވެސް އެ ލުބާ... ލުބާ... ލުބާ. މިހާރު ބޯ ފަޅައިގެންދާ ވަރުވޭ. ޝަދަފް ގެއަށް ގެންނާށޭ ބުނީމާ އެކަންވެސް ކުރީކީ ނޫން. އެކަނިމާއެކަނި މިހެން އިނދެ ބޯ ގޮވާވަރުން މާމަދަރިއެއް ހޯދަން ބުނީމާ އެކަން ވެސް ކޮށްނުދޭނަމޭ ތި ބުނަނީ ދިމާއަށް. ހުރިހާ ވެސް މީހަކީ އެ ލުބާއެއްނު. މަވެސް މިގެއިން ދާންވީ ކަންނޭނގެ. އާނ... ތި ދެމީހުންގެ ހިތްހަމަޖެހޭނީ މަވެސް މިގެއިން ނުކުމެގެން ދިޔައީމާ."

ވަދީފާ ރުޅިއައިސްފައި ބަނދިވަރުތައް ދަމަމުން ކޮޅަށް ތެދުވުމާއެކު ޖައިލަމް އެ އަތުގައި ހިފައިލިއެވެ. އަޑުމަޑުކުރުމަށް ޖައިލަމް އެދުނެވެ.

"އަޑެއް މަޑެއް ނުވާނޭ." ވަދީފާ ބާރަށް ބުނެލިއެވެ.

"މަންމާ ރުޅި މަޑުކޮށްފަ މިކަމާމެދު ފުންކޮށް ވިސްނާލަބަ. ލުބާއަށް ކުރާނެ އަސަރު މަންމައަށް ވެސް އެނގޭނެ." މާޔޫސްވެފައި އިނދެ ޖައިލަމް ބުނެލިއެވެ.

ޖައިލަމްގެ އަތް ފޮޅުވައިލަމުން ވަދީފާ ދުރަށް ޖެހިލިއެވެ. އަނގައިން ނުރުހުމުގެ އަޑެއް ލައްވައިލަމުންނެވެ.

"އާނ. އަބަދުވެސް ލުބާ ހިތަށް އަރާނެ އެއްޗަކާމެދު ވިސްނަންވީ. މި މަންމަ ދެރަވިޔަސް ތި ދަރިއަށް ވަރިހަމަވާނެ. މި މަންމަ މި ކިޔަނީ ލުބާ ވަރިކުރާށެކޭ ނޫން. މި ބުނަނީ މާމަ ދަރިއެއް ހޯދާ ދޭށޭ. އެކަމަކު މި އެދުމުގައި ވެސް ތި ޖަހަނީ ކޮޅުފައިން. އެހެންވީމާ މި މަންމައާމެދު ނުވިސްނާ މީހުންނާމެދު މަންމަ ވެސް ވިސްނާކަށް ނެތިން. ޖައިލަމް ގާތުގައި މަންމަ މި އެދެނީ ދެ ކަމަކު. ފުރަތަމަ ކަމަކީ ޝަދަފް އަނބުރާ މިގެއަށް ގެނައުން. ދެވަނަ ކަމަކީ ޖައިލަމް ދެ އަނތްބަށް މީހަކާ އިނުން. އެވަރު ވެސް ނުވަންޏާ ހޯދުނުގޮތަކަށް ހޯދައިގެން މަށަށް މާމަ ކިޔާނެ ދަރިއަކު ގެނެސްދީ. މިތަނުން ކޮންމެވެސް އެއްކަމެއްކޮށްދީ. ނޫނީ ދެން މިގެއިން ނުކުންނާނެ މީހަކަށް މި މަންމަވުމަކީ ވެސް އެކަށީގެންވާ ކަމެއް."

ޖައިލަމް ދޭނެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ވަދީފާ އެތަނުން ދިޔައީ އަވިއްސެއް ހެންނެވެ. އޭނާ ބޭނުންވާ ގޮތަށް ކަންތައްވާނެކަމަށް އުންމީދުކޮށްގެން ހުރެއެވެ. އޭނާގެ މަޤުޞަދަކީ ޖައިލަމް އިތުރު ކާވެންޏަކަށް އެއްބަސްކުރުވުމެއް ނޫނެވެ. ޝަދަފް އަނބުރާ އެގެއަށް ގެނައުމެވެ. ލުބާގެ ހިތުގައި ޖެހޭވަރުކަމެއް ޖައިލަމަށް ކުރަން ނުކެރޭނެކަން އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ވީއިރު އޭނާއަށް ދެން އޮންނާނެ ހަމައެކަނި ގޮތަކީ ޝަދަފް ގެއަށް ގެނައުންކަން ވަދީފާގެ ހަވަނަ ހިއްސު ބުނެދިނީއެވެ.

މަންމަ ދެއްކި ވާހަކަތަކާމެދު ވިސްނާލުމަށް ޖައިލަމް އިނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިސް އޮބާލައިގެންނެވެ. އޭނާ ފިކުރުކުރަންޖެހޭ ކަންތަކުގެ ލިސްޓަށް އިތުރުކަމެއް އިތުރުވީއެވެ. އެ މަންޒަރު ބަލަން ފެންކަޅިވެފައި ލުބާ ހުރީ ގެއަށް ވަންނަން އައި ގޮތަށް ދޮރުމަތީގައެވެ. އޭނާ ބިރުންއުޅުނު ކަންތަކާ ވެސް އެންމެފަހުން ކުރިމަތިލާން ޖެހުނީއެވެ. ބަތްތަށީގެ އެއްފަޅި ކެއުމަށް ނަފްސު ތައްޔާރުކުރަންޖެހޭ ވަގުތު އައިސް ޖެހެނީއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ގަޑިން މެންދަމުން އަނބުރާ 2 ޖެހީއެވެ. މުޅި ދުވަހު އަވަދިނެތި އުޅުމަށްފަހު ފައިރޫޒަށް ހަމަނޭވާލާނެ ފުރުޞަތެއް ލިބުނީ އަދިކިރިޔާއެވެ. ލިބުނު ވަގުތުކޮޅުގައި އަވަހަށް ލޯބިވާ އަނބިމީހާގެ ގާތަށް ދިޔުމަށް ފައިރޫޒް ބޭނުންވިއެވެ. މުޅި ދުވަހު ޔަޝާގެ ސޫރަ ވެސް ނުފެނި އުޅެން ޖެހުމުންނެވެ. އޭނާގެ ޖީބުގައި އޮތް ފޯނު ނަގަމުން މަގު މައްޗަށް ނުކުތެވެ. މަޑުމަޑުން ސައިކަލާ ދިމާއަށް ދިޔައީ އެ ފޯނަށް ބަލަމުންނެވެ. ޔަޝާ އެންމެ ފަހަރަކު ވެސް ގުޅާފައެއް ނެތެވެ. މުޅިންވެސް ކޮށްފައި ހުރީ މެސެޖެވެ. ހަނދާންވާކަމަށާއި، އަވަހަށް ގެއަށް އައުމަށް އެދިފައެވެ. އަވަދިނެތި އުޅުން ނަމަވެސް ރަނގަޅަށް ކައިގެން އުޅުމަށެވެ. އެންމެފަހުގެ މެސެޖުގައި އޮތީ ނުނިދާ އިންތިޒާރުގައި އިން ވާހަކައެވެ. "ސަރޕްރައިޒެއް" ދޭން އެބައޮތްކަން ވެސް ހާމަކޮށްފައި އޮތެވެ. ފައިރޫޒްގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުވިއެވެ.

ފައިރޫޒް ސައިކަލަށް އަރައި ސްޓާޓްކުރަން އުޅެއުޅެ އެކަމެއް ނުވިއެވެ. ރަނގަޅަށް ބަލައިލިއިރު ސައިކަލުގެ ބުރަކި ނަރުތައް ހުރީ ބުރިކޮށްލާފައެވެ. ހިންގުނު އޮޕަރޭޝަންގެ ހަސްކާ އަންނަން ފެށީކަން އޭނާއަށް ވިސްނުނެވެ. ފަރާތް ފަރާތަށް އެނބުރި ބަލައިލެވުނީ ނުރައްކަލުގެ ސިގުނަލްތަކެއް ފެނޭތޯއެވެ. މީހުން މަދު ވަގުތެއްކަމުން އެކަހަލަ ކަމެއް ނެތްކަމަށް ނިންމާފައި އޭނާ ފައި މަގުގައި ހިނގައިގަތީއެވެ. ޔަޝާގެ ނަންބަރަށް ގުޅައިލަމުން ފޯނު ކަންފަތުގައި ޖައްސައިލަމުންނެވެ.

"ހަލޯ. ފައިރޫ ގެއަށް އަންނަނީތަ؟" ޔަޝާގެ އަޑުގައި އެއްވެސް ގޮތަކަށް ނިދީގެ އަސަރެއް ވެސް ނުވާކަން ފައިރޫޒަށް ފާހަގަވިއެވެ.

"އާނ. މިދަނީ." ފައިރޫޒް ބުންޏެވެ. "މިރޭ ނުވެސް ނިދާ ރެއެއްތަ؟ ނިދީގެ އަސަރެއް ވެސް ނެތް."

"އާނ. ސަޕްރައިޒެން އެބައޮތޭ. އަވަހަށް އާދޭ. މިހާރު ކިހާއިރެއް ފައިރުއަށް އިންތިޒާރުކުރާތާ. އަހަންނަށް އެނގޭ މިހާއިރަށް ފުރީވާނެކަން. އެހެންވެ މި އިންނަނީ ނުނިދާ." ޔަޝާގެ އަޑުގައިވާ އުފާވެރިކަމުން ފައިރޫޒްގެ ހިތަށް ފިނިކަން ގެނެސްދިނެވެ.

"މިހާރު ވެސް ސަރޕްރައިޒް ލިބިއްޖެއޭ." ހީނލާފައި ފައިރޫޒް ބުންޏެވެ. "ގެއަށްދާން ވެގެން އައިރު ސައިކުގެ ނަރުތައް ހުރީ ބުރިކޮށްލާފައި."

"ދެން ތި އަންނަނީ ހިނގާފައި." ޔަޝާ ކަންބޮޑުވެއްޖެއެވެ. ޝަދަފް ދިން އިންޒާރުގެ މަތިން ހަނދާންވީމައެވެ.

"އާނ. ޖަނާން ވެސް ގެއަށް ހިނގައްޖޭ. އެހެންވެ ޔަޝްއަށް ގުޅައިގެން ހުރެ ހިނގާލާފައި ދާނީއޭ ހިތަށް އެރީ. މިކަމާ ކަންބޮޑު ނުވޭ. ގެއަށް ދެވެންދެން ފޯނުގައި ހުރެލާނީ. އޭރަށް މާ ގިނަ ވަގުތެއް ނުވާނެ ގެއާ ހަމައަށް ފޯރާކަށް. ވަރަށް މިސްވޭ ވައިފީ. ދެން ބުނެބަލަ ތި ދޭން އުޅޭ ސަޕްރައިޒެއް. ގެއަށް ދެވެންދެން ވެސް ކެތެއްނުވާނެ."

ފައިރޫޒްގެ ވާހަކަ އެ ހިސާބަށް ދިޔައިރު ނުހަނު ބާރު ދުވެލީގައި ކާރެއް އަންނަތަން ފެނުނެވެ. އެ ކާރު އައިސް ކުއްލިއަކަށް މަޑުކުރީ ފައިރޫޒާ ދާދި ގާތުގައެވެ.

"މި ކޮން ކަމެއްބާ؟" ފައިރޫޒަށް ސުވާލު އުފެދި ހުއްޓުން އަރާފައި ހުރެވުނީއެވެ.

"ކިހިނެއްވީ އަނެއްކާ؟" ޔަޝާ އެހިއެވެ.

"ރަތް ކުލައިގެ ކާރެއް." ފައިރޫޒަށް ބުނެވުނީ އެވަރަށެވެ. އެ ކާރުގެ ކުރީ ޝީޓުން މޫނު ނިވައިކޮށްގެން ތިބި ދެމީހުން ނުކުތުމާއެކު ފައިރޫޒް ނުތަނަވަސްވެގެން ދިޔަ ހިނދު އަނގަ ބެދިއްޖެއެވެ. އޭނާގެ ސިކުނޑިން ނުރައްކަލުގެ އިންޒާރުތަކެއް ދިނުމުންނެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީއެވެ. އޭރު އޭނާގެ ފަހަތުގައި ވެސް އިތުރު ދެމީހުން ތިބިކަމެއް އޭނާ ނުދެނަ ހުއްޓެވެ. މަދަދަށް އެދި ގޮވައިލާނެ މީހެއް ވެސް އެ މަގުން ފެންނަން ނެތުމުން ފައިރޫޒް ނިކަން ހާސްވެއްޖެއެވެ. ޔަޝާ ގާތުގައި ހަމައެކަނި ބުނެލެވުނީ ބަޔަކު މީހުން އޭނާއާ ދިމާކޮށްފިކަމެވެ. އިތުރު ބަހެއް ނުބުނެވުނެވެ. އޭނާއަށް ދުއްވައިގަތުމަށް ވެސް ފުރުޞަތެއް ނުލިބުނެވެ. ފަހަތުގައި ހުރި ދެމީހުން އޭނާގެ އަތުގައި އޮތް ފޯނު ޖަހައިގަތުމާއެކު އޭނާގެ ބޮލަށް ގޯންޏެއް ކަހަލަ އެއްޗެއް މަހާލީއެވެ. އޭނާ ހަޅޭއްލަވައި ގަންނަމުން ތެޅިފޮޅި ގަތެވެ. އެހެނަސް އެ ދަންތުރައިން ފައިރޫޒަކަށް ސަލާމަތެއް ނުވެވުނެވެ. ހަތަރު މީހުންވެގެން އޭނާ ބިއްމައްޗަށް ވައްޓައި، އޮބި އަޅުވައިލީ އަތެއް ފައެއް ގުޑުވައި ނުލެވޭ ވަރަށެވެ. އޭނާގެ ދެއަތާ ދެފައި ބަނދެގެން ގޮސް ކާރުގެ ޑިކީއަށް އެރުވިއިރު އޭނާ ލެވި ހަޅޭކުގެ އަޑު އިވުނު މީހެއް ހުރިހެނެއް ހިއެއްނުވެއެވެ.

(ނުނިމޭ)