އެޕިސޯޑް: 7

"ނޫން.."

ފަރީޝާ ހަޅޭލަވައިގަންނަން ހުޅުވާލި އަނގަ މަތީގައި އެމީހާ އެޅީ އޭނާގެ ދެއަތެވެ. ވައިހައްކަޅަ އަރާފައިވާ ޖަނަވާރެއް ފަދައިން އެމީހާ ޖެހިގަތީ ފަރީޝާގެ ގަޔަށެވެ. އަނެއްކާ ވެސް ފަރީޝާގެ ޙަޔާތުގައި އޭނާ ގުނަން ޖެހުނީ އިންތިހާއަށް ބޮޑެތި އަނިޔާ ތަކެވެ. ގަދަ ބާރުން ފަރީޝާގެ އިއްފަތްތެރިކަން އެމީހާ ވެސް ފޭރިގަތީއެވެ. އެއްވެސް އުފަލެއް އަރާމެއް ފަރީޝާއަކަށް ނެތެވެ. ހުރިހާ އުފަލެއް އެމީހާ ލިބިގަތުމަށްފަހު، އެމީހާ އެގެއިން ނުކުތީ ދުވަމުން ކަހަލަ ގޮތަކަށެވެ.

***

ވޭތުވެގެން ދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ހައިފާ އާއި ޔާއިންގެ ގުޅުން ވެސް ދިޔައީ ރަނގަޅު ވަމުންނެވެ. އެ ދެމީހުން އެކަކު އަނެކަކަށް ދަނެ، ދެމީހުންގެ ހިތުގައި ވެސް ނިކަން ގަދަ ލޯތްބެއް ވަނީ އުފަންވެފައެވެ. މިއީ ޔާއިން ދުވަހަކު ވެސް އުއްމީދުކޮށްގެން ހުރި ދުވަހެއް ނޫނެވެ. ޔާއިން ދުވަހަކުވެސް އޭނާގެ ޙަޔާތަށް މިވަރުގެ އުފަލެއް ލިބިދާނެެ ކަމަށް ހީވެސް ނުކުރެއެވެ. ހައިފާއާ އެއް ވަރަށް އޭނާގެ މައިންބަފައިން ވެސް ޔާއިންއަށް ވަރަށް ހެޔޮކޮށް ހިތައެވެ. ޔާއިން ދެކެ ނުލާހިކު ލޯބިވެއެވެ. އެމީހުން ޔާއިންއަށް ކިޔަނީ ވެސް ދަރިފުޅެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔާއިން ހައިފާއަށް މިވަރަށް ލެނބިގެން ދިޔައީ އެތައް ސަބަބު ތަކާ ގުޅިގެންނެވެ. ހައިފާގެ ފަރާތުން ޔާއިން އަށް ލިބޭ ލޯތްބެވެ. ޔާއިންއަށް ކުރާ އިތުބާރެވެ. ޔާއިންއަށް އަޅާލާ އޯގާތެރި ވެއެވެ. ރަނގަޅު ނުރަނގަޅު ކިޔާދެއެވެ. ޔާއިންއަށް ވުރެ ހައިފާ 1 އަހަރު ބޮޑު ނަމަވެސް، ބަލާބެލުމަށް ހީވަނީ ހައިފާ އަކީ ކުޑަ ކުއްޖެއް ހެންނެވެ. ހުންނަ ގޮތުންނެވެ. ހައިފާ ހުންނަނީ ކުރުކޮށެވެ. ދޮނެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ހުންނަ އިރު އޭނާ ވަރަށް "ކިޔުޓު"އެވެ.

***

"ނިޒޫ.."

އެނދުގައި އޮތް ނިޒްދާގެ ބުރަކަށީގައި ފާރިޝް ފިރުމާލަމުން ގޮވާލިއެވެ.

"ނިދަނީތަ އަދިވެސް... ތީ މެންދުރު ނިދަން ޖެއްސި މީހާއެއްނު؟"

ފާރިޝް އެހެން ބުނުމާ އެކު، ނިޒްދާ އޭނާގެ ދެލޯ ހުުޅުވާލިއެވެ.

"ގަޑިން ކިހާއިރެއްތަ؟" ނިޒްދާ އާ ފުރެމުން އަހައިލިއެވެ.

"މިހާރު އެ 8 ޖަހާ ބޮޑު ވަނީ.. ތެދުވޭ!"

ފާރިޝް ޖައްސައިލީ ނިޒްދާގެ ފައި އޮތް ކޮޅާ ދިމާލުގައެވެ.

"ވަރަށް ބޮލަށް ތަދުވާތީ.. ހޮޑު ވެސް އެބަ ލަވާ.."

ނިޒްދާ އެހެން ބުނުމާ އެކު، ފާރިޝް ފުންމައިގަތެވެ.

"ކީކޭ؟ ހިނގާ ޓެސްޓު ކުރަން.. ތި ވާނީ ނިޒޫ ޕްރެގް ވީކަމަށް.."

ފާރިޝް ހިފައިލީ ނިޒްދާގެ އަތުގައެވެ. ނިޒްދާ މޫނުމަތީގައި ބާލިސް އަޅައިލިއެވެ. އަދި ނިދާލަން ބޭނުން ކަމަށް ބުނެއެވެ.

***

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އިން ޔާއިން ގޮވައިލީ އޭނާގެ މަންމަ ފާތުންއަށެވެ. ފާތުން އައިސް އިިށީންދެލީ ޔާއިން މޫނާ ދިމާވާ ގޮތަށް އިން ގޮނޑީގައެވެ.

"ކީކޭ ދަރިފުޅާ!"

ފާތުން ހިނިތުންވެގެން އިނެވެ.

"މަންމައަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގެ! ހައިފާ އަަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފި.. ހައިފާ އެކަންޏެއް ނޫން.. ހައިފާގެ މައިންބަފައިން ވެސް.. ހަމަ އަހަރެންގެ ދެވަނަ މައިންބަފައިން އެއީ.."

ޔާއިން އުފަލުން އިނދެ ދައްކަމުންދާ ވާހަކަތަކުން ފާތުން އިނީ އިންތިހާއަށް އުފާވެ ފައެވެ. ފާތުންގެ ސަބަބުން ޔާއިންއަށް ބޮޑު އުފަލެއް ލިބުނީތީއެވެ.

"އިތުރު ކަންތައްތަކާ ވިސްނާކަށް ނުލިބޭ ޓައިމެއް ވެސް.. ހައިފާ އަބަދުވެސް ބަހައްޓަނީ އަހަރެން އުފަލުން.. ހައިފާއާ އެކުގަ އުޅޭ އިރު ވަގުތު ދާގޮތެއް ވެސް ނޭނގެ.. އަހަރެން ބޭނުން ވަނީ ލަސްނުކޮށް ހައިފާއާ މެރީ ކުރަން.."

ޔާއިން އެވާހަކަތައް ދައްކަމުން ދާއިރު ވެސް އޭނާގެ އަނގައިގަ ހުރި ހުރިހާ ދަތެއް ވަނީ ފައުޅު ވެފައެވެ.

"މަންމަ ވަރަށް އުފާވެއްޖެ! ދަރިފުޅު ތިހާ އުފަލުން ހުންނާތީ! މަންމަގެ ދުޢާ އަކީ ދަރިފުޅު އަބަދުވެސް އުފަލުގަ ހުރުން.." ފާތުން ވަރަށް ލޯބިން ގޮސް ޔާއިންގެ ގައިގައި ބައްދައިގަތެވެ.

މުޅިން އައު ދުވަހަކެވެ. ޔާއިން ކައިވެނި ކުރަން އުޅޭ ޚަބަރު އިވިފައި ނިޒްދާގެ މޭ ކަރައިގަތެވެ. އެއީ ނިޒްދާ އަޑު އަހަން ބޭނުން ނުވާ ވާހަކައެއް ކަހަލައެވެ. ހައިފާ ކަހަލަ މުއްސަނދި ކުއްޖަކާ ޔާއިން ގުޅޭތީ އެކަން ނިޒްދާއަށް ހަޖަމު ކުރަން އުނދަގޫ ވީއެވެ.

"މަންމަގެ ރަންދަރި އިންނަން މަހުޖަނެއްނު އެ ހޯދީ.. އަހަރެން މިހެން އެއްޗެއް ކީމަ ފާރިޝްއަށް ވެސް ގޯސް ވާނީ އަހަރެން.."

ލޯގަނޑު ކުރިމަތީގައި ހުރެ ނިޒްދާ ވާހަކަދައްކަމުން ދިޔައީ އެނދުގައި އޮތް ފާރިޝްއަށް އިއްވުމުގެ ބޭނުމުގައެވެ.

"އެހެންނު ވާނީ.. އަހަރެން ނުދައްކާނެ ރަނގަޅު ވާހަކައެއް.. އަހަރެން އަބަދުވެސް ކުރާނީ ޝަކުވާ.."

ނިޒްދާގެ ވާހަކަތައް ނީއްވޭ ކަމަށް ހަދާފައި ފާރިޝް ހަމަ އިނީއެވެ.

"ނިމެން ވެއްޖެތަ؟ އަވަސް ކޮށްބަލަ!" ފާރިޝް ބަލައިލީ ނިޒްދާއަށެވެ.

"ހޫމް! އަހަރެން ދެއްކި ވާހަކަ ނުވިއެއްނު އެއްޗަކަށް... ހުއް.. ވަރަށް ފޫހިވޭ.." ނިޒްދާ ތުން އަނބުރާލިއެވެ. އެ ގަޑީ ނިޒްދާ ތައްޔަރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ.

ހޮސްޕިޓަލްގެ ވެއިޓިން ލިސްޓުގައި އިނދެފައި ނިޒްދާގެ ނަން ގޮވާލުމާ އެކު ފާރިޝް އާއި ނިިޒްދާ އެއްކޮށް ހިނގައިގަތީ ރިޕޯޓު ބަލައި ދިޔުމަށެވެ.

"ކޮންގްރާޓްސް.. ޕްރެގް.."

ނަރުސް ރިޕޯޓު ދިއްކޮށްލަމުން ބުނެލިއެވެ. (ނުނިމޭ)