އެޕިސޯޑް: 8

ނިޒްދާ އާއި ފާރިޝްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ނިޒްދާ ވެސް އިނީ އުފަލުން ފޮޅިފައެވެ. ފާރިޝްގެ ދެލޮލުގެ ތެރެއިން ފެންނަ ފެނަކީ އޭނާ އުފާވެފައިވާ މިންވަރެވެ. ފާރިޝް ވަރަށް ލޯތްބާއި އެކު އެހާމެ ބާރަށް ނިޒްދާގެ ގައިގައި ބައްދައިގަތުމަށްފަހު އުރާލިއެވެ. ހޮސްޕިޓަލުގައި އެވަގުތު ތިބި މީހުން އެމީހުންނަށް ބަލާ ވެސް ހެދިއެވެ.

ނިޒްދާމެން ގެއަށް އައުމާ އެކު މުޅި ގެ ގުގުމާލީ ނިޒްދާ ބަނޑު ބޮޑު ވާހަކައިންނެވެ. ޔޫނުސް އާއި ފާތުން މުސްކުޅި ވަނީ ކަމަށް ބުނެ، ނިޒްދާ ގޭތެރޭގައި ލަވަ ކިޔާ ނަށަނީއެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ޔާއިން ވެސް އުފަލުން ހުއްޓެވެ. ޔާއިން ވެސް ހުރީ އިވުނު ޚަބަރުން ވަރަށް ބޮޑަށް އުފާވެފައެވެ. ހިތްހަމަ ޖެހިފައެވެ.

"މަންމަ ހާދަ އުފާވެއްޖީމޭ.. ވަރަށް އުފާވެއްޖެ.. އަލްޙަމްދުﷲ.."

ފާތުންގެ ދެއަތުން ފާރިޝް އާއި ނިޒްދާގެ އަތާއި ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

***

ރޭގަނޑުގެ އަނދިރިކަމުން މުޅި ކައުނު ބައްދާލައިފިއެވެ. އެނދުގައި އޮތް ފަރީޝާގެ ކަޅި ހުއްޓިފައި ވަނީ ގޭގެ ފުރާޅު ހިޔާ ކުރަން އަޅާފައިވާ ފިލާތަކަށެވެ. ސީލިންގ ނެތުމުން އެފިލާތައް ހާމައަށް ފެންނަން ހުރެއެވެ. ފަރީޝާގެ ހިތަށް ވަނީ ވަރަށް ތަދުވެފައެވެ. ވަރަށް އަސަރު ކޮށްފައެެވެ. ކޮންމެ ރެޔަކު ފިރިހެނެއްގެ އަނިޔާގައި ވުމަށް ވުރެ، މިދުނިޔެ ދޫކޮށް ދިޔުން ވެސް މާ ރަނގަޅު ވާނެކަމަށް ފަރީޝާގެ ސިކުނޑި އޭނާއަށް ވިސްނައި ދޭން ހާލަތަށް އޭނާ ގޮސްފިއެވެ. އެ ފިލާތަކަށް ބަލަހައްޓައިގެން ފަރީޝާ އޮތީ ގޮތް ހުސްވެފައެވެ.

ހަރުގަނޑެއް ޖައްސާފައި އެ ފިލާތައް ބޭނުންކޮށްގެން ދަންޖެހި މަރުވާންވީ އޭ ފަރީޝާގެ ހިތް އޭނާއަށް އަންގައި ދެމުން ދިޔައެވެ. ދިރިއުޅުމުގައި ފަރީޝާ އަކީ ފިރިހެނުންގެ ޖިންސީ އެދުން ފުއްދަން ހުރި އިންސާނެއް ހެއްޔެވެ؟ މީހުންގެ މަލާމާތާ ފުރައްސާރަ ނޫން އިތުރު އެއްޗެއް ނުލިބެއެވެ. ލިބުނު ހަމައެކަނި ނަސީބު ކަމަށްވާ ދަރިފުޅު ވެސް ދޫކޮށްލީ އަމިއްލަ އަށެވެ. އެއްވެސް މީހެއްގެ ދުލުން ހެޔޮ ބަހެއް ނުލިބޭތާގަ، އެންމެންގެ ފަރާތުން ލިބެނީ އަނިޔާއެވެ. މި ދުނިޔޭގައި ފަރީޝާއަށް އަޅާލާނެ އެއްވެސް އިންސާނެއް ނެތެވެ. ދުނިޔޭގައި ބިކަ ޙާލުގައި ޖެހިފައިވާ އިންސާނެއްހެން މުޅި ޙަޔާތް ހޭދަކޮށްލުން ނޫން އިތުރު ގޮތެއް ފަރީޝާގެ ނެތެވެ. ހުރިހާ ޙާލަތަކަށް ރުހިގެން، ވާ ކޮންމެ ކަމެއް ނުވާ ކަމަކަށް ހަދައިގެން މުޅި އުމުރު ވޭތު ކުރުން ނޫން ފަރީޝާއަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ހެޔޮ އެދިގެން ފަރީޝާއަށް މީހަކު ދިއްކޮށްލާ އަތުގައި ވެސް އޮތީ އަނިޔާއެވެ. ވަހުޝީ ކަމުގެ ނުބައި ނުލަފާ ރޭވުމެވެ. މިކަން މިހެން ހުރުމާ އެކުގައި ދުނިޔޭގެ އާދަތައް މަތިން ފަރީޝާ ވަނީ މުޅިން ފޫހިވެފައެވެ. ނިކަމެއްޗެއްގެ އާދޭސްތަކަކީ އެއްވެސް މީހެއްގެ ކަންފަތުން ޖާގަ ނުލިބޭނެ އެއްޗެއްކަން ފަރީޝާއަށް ވިސްނެން ފެށީ އޭނާގެ ޙަޔާތުގައި ކަންތައް ވަމުންދާ ގޮތުންނެވެ.

"ފާރިޝް ބްރޯ.."

ސިޓިންގރޫމުގައި އިނީ ޔާއިން އާއި ފާރިޝް އެކަންޏެވެ. ވަގުތުގެ ބޭނުން ހިފައިގެން ޔާއިން ދައްކަން ބޭނުންވާ ވާހަކައިގެ މައުލޫ ފާރިޝްއަށް ހިއްޞާކޮށްލިއެވެ. އެދެމީހުން އެވާހަކަތައް ކުރިއަށް ގެންދިޔައީ ވަރަށް ސިއްރުންނެވެ. އެއްވެސް މީހަކަށް ނީއްވޭނެހާ ސިއްރުންނެވެ.

"އޯކޭ.. މައްސަލަ އެއް ނޯއްނާނެ.."

އެހެން ބުނެ ފާރިޝް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަވަގުތު ނިޒްދާ އިނީ ކޮޓަރީ ފާރުގަ ތަތް ކޮށްފައިވާ ކައިވެނީގެ ފޮޓޯތަކަށް ބަލާށެވެ.

"ކިހާ ރީތި ފެމިލީ ފޮޓޯއެއް.. މި ފޮޓޯ ތަކަށް އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ.." ނިޒްދާ އޭނާގެ މައިންބަފައިންނާ އެކުގައި ނަގާފައިވާ ފޮޓޯތަކަށް އިޝާރަތްކޮށްފައި ބުނެލިއެވެ.

"ޔާއިން ނެތެއްނު؟ ފުލް ފެމިލީ ފޮޓޯއަކަށް ނުވާނެ.." ފާރިޝް ބުނެލިއެވެ.

"ވާނެ.. ފުލް ފެމިލީ ފޮޓޯ މިނެގުނީ ވެސް އެހެންވެ.. ޔާއިން ނުދިޔާމަ. އޭނަ ދިޔަނަމަ މި ފުރުޞަތު އަހަންނަށް ގެއްލުނީ.." ނިޒްދާ އަނެއްކާ ވެސް ދައްކަން ފެށީ ފާރިޝް ހިތްހަމަ ނުޖެހޭނެ ވާހަކަތަކެކެވެ.

"ޔާއިން އެވެރަށް ލޯބިވާ އިރު ނިޒޫގެ ހިތުގަ ކޮއްކޮއަށް އެއްވެސް ލޯތްބެއް ނެތް.. އަސްލު ބުނަން! އަހަރެން ހަމަ ހައިރާންވޭ.... ރީޒަން އެއް ދެއްކެނީ އެއް ނޫން.. ވެގެން އުޅޭ ގޮތެއް ބުނެވެނީ އެއްނޫ..... އައި ނޯ އޭ.. ޔޫ ހޭޓު ހިމް ކަން. އެކަމް ޔޫ އާރ ރޯންގ އިނގޭ... އަދި އެކަން އެނގޭނެ ނިޒޫ އަށް. ޔާއިންއާ ވާހަކަދައްކާލީމަ އެބަ އެނގޭ ޔާއިންގެ ހިތުގަ ނިޒޫ އަށް އޮތީ ކޯއްޗެއްކަން." ފާރިޝް އެހެން ބުނެ ވަނީ ފާޚާނާއަށެވެ. ނިޒްދާގެ ހިތަށް ފާރިޝް ދެއްކި ވާހަކައިން އެއްވެސް އެއްޗެއް ނާރައެވެ. އޭގެ ބަދަލުގައި ނިޒްދާ މަޑުމަޑުން ބުނެލީ ޖެހޭނީ ލޯބި ވާން ނޫންތާއެވެ.

***

ކުއްލިއަކަށް އެނދުގައި އޮތް ފަރީޝާ އެނދުން ތެދުވިއެވެ. ހިތުގެ ތެރެއަށް ވަދެގެން ދިޔަ ކުފުރުގެ ވިސްނުމުގެ ތެރެއިން ފަރީޝާ ގޮސް ނެގީ ހަރުގަނޑެވެ. އަދި ފޮތިގަނޑަކާ އެކުގައި ފަރީޝާ ހަރުގަނޑަށް އަރަން ފެށިއެވެ. އެހާ އުސްކޮށް އެތަން ހަދާފައި ނުވުމުން ހަރުގަނޑުން އަރާލާ އިރަށް ފަރީޝާގެ އަތް އެ ލަކުނޑި ތަކުގައި ޖެހެއެވެ. ލަކުނޑީގައި ވާ ގަނޑު އައްސާލުމަށްފަހު ފަރީޝާ ބަލައިލީ އެ ވާފަށަށެވެ.

"ﷲއަކްބަރު ﷲއަކްބަރު.." ފަރީޝާގެ ކަންފަތުގައި ވަގުތުން ޖެހުނީ އިޝާ ނަމާދުގެ ބަންގީގެ އަޑެވެ. ވަގުތުން ފަރީޝާ ޖެހިލުންވިއެވެ. ކުރަން އުޅޭ ކަންތަކުގެ ބޮޑު ކަމުން ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ.

(ނުނިމޭ)