ފައިސާ ދައްކާ ގޮތަށް މަޝްހޫރު ސޯޝަލް މީޑިއާ މެސެޖިން އެޕް ޓެލެގްރާމްގެ ޕްރިމިއަމް ހިދުމަތް މި މަހު ފަށަން ނިންމައިފި އެވެ.

ޓެލެގްރާމްގެ ސީއީއޯ ޕަވޭލް ދުރޯވު ވިދާޅުވީ ޕްރިމިއަމްގެ ހިދުމަތުގެ ޓެސްޓިން މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި ޕްރިމިއަމް ހިދުމަތާއެކު މިހާރު ލިބޭ ހިދުމަތްތަކަށް ވުރެ ފައިދާ ހުރި އިތުރު ހިދުމަތްތައް ލިބޭނެ ކަމަށެވެ.

އެގޮތުން ވަރަށް ބޮޑެތި ސްޓިކާ ތަކާއި އަދި ބޮޑެތި ފައިލްތައް ވެސް ޕްރިމިއަމް ހިދުމަތުގެ ތެރެއިން ލިބޭނެއެވެ. އަދި ސްޕީޑްވެސް މަތިވާނެ އެވެ. ޓެލެގްރާމްގެ މިހާރު ފައިލެއް ފޮނުވެނީ އެންމެ ބޮޑުވެެގެން 1.5 ޖީބީއާ ހަމައަށެވެ.

ޕެވޭލް އިތުރަށް ވިދާާޅުވީ ޕްރިމިއަމްގެ ހިދުމަތް ފެށި ނަމަވެސް މިހާރު ހިލޭ ލިބޭ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ޕްރިމިއަމްގެ ދަށުން ނަގަން ނިންމާފައި ވަނީ ކިހާ ވަރެއްގެ ފައިސާއެއް ކަމެއް ޓެލެގްރާމްއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިމިއަމް ކަސްޓަމަރުންގެ އަތުން މަހަކު 4.99 އެމެރިކާ ޑޮލަރު ނަގަން ޓެލެގްރާމް އިން ވަނީ ނިންމާފައެވެ.

ޓެލެގްރާމްއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ޑައުންލޯޑުކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އެޕެކެވެ. މިހާރު ވެސް 500 މިލިއަން މީހުން ޓެލެގްރާމް ބޭނުންކުރެ އެވެ.

ޕެވޭލް ވިދާޅުވީ ޓެލެގްރާމްއިން ސަބްސްކްރިޕްޝަން މޮޑެލްއަކަށް ދާން ނިންމީ އިޝްތިހާރުތަކަށް ވުރެ ބޮޑަށް ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަތުން ފައިސާ ހޯދައިގެން ޓެލެގްރާމް ހިންގުމުގެ ގޮތުން ކަމަށެވެ.