ޗައިނާގެ އައިސްކްރީމް ބްރޭންޑެއް ކަމަށްވާ "ހަމޭސް އޮފް އައިސްކްރީމް" ގެ ބައެއް ފްލޭވާތައް ހޫނުކުރުމުންވެސް ނުވިރޭތީ އެތައް ބަޔަކު އިންޓަނެޓްގައި އެ ކުންފުންޏަށް ފާޑު ކިޔައިފިއެވެ.

މި ބްރޭންޑުގެ އައިސްކްރީމްތައް ލައިޓަރުން ހޫނުކުރުމުން ވެސް އަނދައިގެން ނުދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު އަނެއް ވީޑިއޯއެއްގައި އެ އައިސްކްރީމްތައް 31 ޑިގްރީ ސެލްސިއަސް (88 ޑިގްރީ ފެރެންހައިޓް) ގެ ކޮޓަރިއެއްގައި ގަޑިއެއްހާއިރު ބެހެއްޓުމުންވެސް ނުވިރި ހުރި މަންޒަރު ވަނީ ފެނިފައެވެ.

ދައުރުވަމުންދާ މި ވީޑިއޯތަކާ ގުޅިގެން އެތައް ބަޔަކު މި އައިސްކްރީމްތައް ގަނެ މިއީ އަސްލު ވާހަކައެއްތޯ ދަނީ އަމިއްލައަށް ތަޖުރިބާ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ މީހުން މި އައިސްކްރީމް ގަންނާނެ ގޮތް ހެދުމަށް ޖައްސާ ގޭމެއް ކަމަށެވެ.

ބައެއް ފަރާތްތަކުން މި އައިސްކްރީމް މިހާރު ގަންނަމުންދާއިރު މިއީ އަގުވެސް އެހާ ބޮޑު އައިސްކްރީމެއް ކަމަށްވެއެވެ. އެގޮތުން މީގެ އަގު ދިހަ ޑޮލަރަށް ނުވަތަ 160 ރުފިޔާ އަށް އަރައެވެ.

މި އައިސްކްރީމް ގިނައިރު ވަންދެން ނުވިރި ހުންނަނީ އޭގައި ހުންނަ ކެމިކަލް މާއްދާތަކުގެ ސަބަބުން ކަމަށް ބުނަމުންދާއިރު އައިސްކްރީމް އުފައްދާ މި ކުންފުނިން ބުދަ ދުވަހު ބުނީ އެ ކުންފުނީގެ އުފެއްދުންތައް ހުރީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގައުމީ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

"ބޭކިން، ޑްރައިނުވަތަ ހީޓިން އައިސްކްރީމް އިން އައިސްކްރީމްގެ ކޮލިޓީ އަށް އިންސާފު ކުރުމަކީ ސައިންޓިފިކް ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އެ ބްރޭންޑުން ބުންޏެވެ.

ނެޝަނަލް ފުޑް އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ވަންގް ސިލޫ ވިދާޅުވާގޮތުގައި މި ބްރޭންޑުގެ އައިސްކްރީމްގެ ބާވަތްތަކަކީ ރައްކާތެރި ބާވަތްތަކެކެވެ.