ޓެކްނޮލޮޖީގެ ގޮތުންނާއޮ ދަތުރުފަތުރުގެ ގޮތުން މިހާ ފަހި ޒަމާނެއްގައި، އެއް ތަނުން އަނެއް ތަނަށް މުދާ ފޮނުވުމަށް އެހާ ގިނަ ދުވަސް ނަގާފާނެކަމަށް އެކަކުވެސް ހީ ނުކުރާނެއެވެ. އެއީ، އޮސްޓްރޭލިޔާ އިން އެމެރިކާއަށް ގެންދާ އެއްޗެއްކަމުގައި ވީނަމަވެސް އެވެ.

އެހެންނަމަވެސް، އަވަށްޓެރި އިންޑިޔާގެ އެއް އަވަށުން އަނެއް އަވަށަށް ފޮނުވި މުދާތައް، މަންޒިލަށް ވާސިލުވުމަށް އަހަރުތަކެއް ވަނީ ނަގާފައެވެ. އެއީ އެންމެ އަހަރެއްވެސް ނޫނެވެ. އެކަމަށް ތިން އަހަރާއި ބައި ނަގާފައިވެއެވެ.

އަންދްރަ ޕްރަދޭޝްގެ ވިޝަކަޕަތުނަމް އިން އުއްތަރަ ޕްރަދޭޝްގެ އަވަށަކަށް މުދާ އުފުލުމަށް މިހާ ދިގު މުއްދަތެއް ނެގިއިރު، މި މުދާތައް ފޮނުވާފައިވަނީ ރޭލު މެދުވެރިކޮށެވެ. ރޭލު މެދުވެރިކޮށް ފޮނުވާފައިވަނީ، ގިނަ އަދަދެއްގެ ގަސްކާނާ ކަމަށް މައުލޫމާތު ލިބެއެވެ.

"އިންޑިއަން ޕޮޓަޝް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކު، 2014 ވަނަ އަހަރުގެ ތެރޭގައި ރޭލަށް މި މުދާތައް ބަރުކުރިއިރު، މުދާތައް ގެންދާ ދުރުމިނުގައި އޮތީ 1400 ކިލޯމީޓަރެވެ. އަދި، ތިން އަހަރާއި ބަޔަށްފަހު މުދާތައް އުއްތަރަ ޕްރަދޭޝް އަށް ފޯރިއިރު، ހުރީ ކުނިވެސްވެފައެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި، މި މުއްދަތުގެ ތެރޭގައި، ޕޮޓާޝް ކުންފުނިން، މި ރޭލު ހޯދުމުގެ އެތައް މަސައްކަތެއް ކޮށްފައިވެއެވެ. އެގޮތުން، ރޭލާ ބެހޭ ވުޒާރާއަށްވެސް މައްސަލަ ހުށަހަޅައިގެން ބަލާފައިވެއެވެ. އެހެންނަމަވެސް، އެކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށްވެއެވެ.

އެކުންފުންޏާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެރޭލު ދިޔައީ އެކި ސްޓޭޝަންތަކުން ދަތުރު ކުރަމުންނެވެ. އަދި، ރޭލު ޓްރޭސް ކުރަން، ކަމާ ބެހޭ ފަރާތް ނުކުޅެދުނުކަމަށްވެސް ބުނެފައިވެއެވެ.

ލިބުނު މުދާތަކާ ހަވާލުވާން ކުންފުނިން ދެކޮޅު ހަދާފައިވާއިރު، މިގޮތަށް ކަންތައް ދިމާވީ ކީއްވެގެންކަން ސީދާ ބުނަން ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު