އާދައިގެ މީހަކަށް ގޯހެއް ހެދުމާއި ގައުމެއްގެ ވެރިޔަކަށް ގޯހެއް ހެދުމާއި ތަފާތެވެ. އާދައިގެ މުއައްސަސާއަކަށް ގޯހެއް ހެދުމާއި، ގައުމުގެ އެންމެ މަތީ މުއައްސަސާއަށް ގޯހެއް ހެދުން ވެސް ތަފާތެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، އަދި ރައީސްގެ އޮފީސް ވެސް ހިންގާ ވައިޓް ހައުސް އިން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި އެމެރިކާގެ ނަން ނުވަތަ "ޔުނައިޓެޑް ސްޓޭޓްސް" ލިޔުނު އިރު ލިޔުމުގެ ކުށެއް އޮތުމުން އެކަން މައްސަލައަކަށް ވެގެން އުޅެނީ އެހެންވެގެންނެވެ.

ހުކުރު ދުވަހު ޓްރަމްޕް ދެއްކި ވާހަކައެއް، ވާހަކަ ދެއްކި ގޮތައް ޓްވީޓް ކުރިނަމަވެސް ލިޔުމުގައި ވަނީ ކުށެއް ލިޔެވިފައެވެ.

އެމެރިކާގެ އިޤުތިޞާދު ފާއިތުވި ދިހަ އަހަރަށްވުރެ ދެގުނަ ބާރުމިނުގައި ކުރިއަށްދާނެ ކަމަށް ބުނެ ކުރި ޓްވީޓްގައި ގޯހެއް ލިޔެވިފައި ވުމުން ފަހުން ވަނީ ޓްވީޓް ޑިލިޓް ކޮށްފައެވެ.

ޑިލިޓްކޮށްލި ޓްވީޓްގެ ސްކްރީން ޝޮޓް
ޑިލިޓްކޮށްލި ޓްވީޓްގެ ސްކްރީން ޝޮޓް

ސްޕެލިން ނުބައިކޮށް ލިޔެވޭނަމަ އެކަން އެނގޭނެ ގޮތްތައް ހުއްޓާ މިފަދަ ގޯހެއް ހެދުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ނޫސްތަކުގެ ސުރުހީ އިން މިކަން ވަނީ ޖާގަ ހޯދާފައެވެ.

އެމެރިކާގެ ނަން ރަނގަޅަށް ލިޔަން ނޭނގޭ އޮފިޝަލުން އެންމެ މަތީގައި ތިބެގެން އެމެރިކާ ރަނގަޅަށް ކުރިއަށް ދާނީ ކިހިނެއްތޯ ބައެއް މީހުން ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް އާއި ސުވާލު ކޮށްފައިވެއެވެ.

ޓްރަމްޕް ވެރިކަމާއި ހަވާލުވި ފަހުން ވަރަށް ގިނައިން ޓްވީޓް ކުރެއެވެ. ވަރަށް ބޮޑެތި މައްސަލަތަކުގައި އެމެރިކާ ސަރުކާރުން ނިންމާ ގޮތްވެސް ޓްރަމްޕް ފުރަތަމަ ހާމަކުރަނީ ޓްވިޓާ މެދުވެރިކޮށެވެ. މިހާރު ޓްވިޓާގައި އެންމެ ހަރަކާތްތެރި ލީޑަރަކަށް ޓްރަމްޕް ވެފައި ވަނީވެސް އެހެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު