އެމެރިކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް އާއިލާއެއްގެ ހަމެންބަރުން މަރުވުމުން ވެސް ވެހިކަލް ދުއްވަން އިން މީހާ އަށް ދައުވާ ކޮށްފައި ނުވާތީ ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޖުލައި މަހުގެ 04 ވަނަ ދުވަހު ނިއުޖާޒީގައި އެކްސިޑެންޓް ހިނގީ އެއް އާއިލާއެއްގެ ހަމެންބަރުން ދަތުރު ކުރަމުން އައި އެސްޔޫވީއެއްގައި ޓްރަކެއް ޖެހިގެންނެވެ. ޓްރަކް، އެސްޔޫވީގައި ޖެހުނީ ނުބައި ލޭނަކުން ދުއްވާފައި އައިސްކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށްދެއެވެ.

އެހެންކަމުން ޓްރަކް ދުއްވަން އިން މީހާ ވަނީ ޤަވައިދާއި ހިލާފުވެފައެވެ. ޓްރަކް ދުއްވަން އިނީ އެލްވިން ނަމަކަށް ކިޔާ 44 އަހަރުގެ ފިރިހެނެކެވެ. ކުދިކުދި ބައެއް އަނިޔާތައް ވުން ފިޔަވައި އިތުރު ކަމެއް އޭނާ އަކަށް ނުވެއެވެ.

އެކްސިޑެންޓުން ސަލާމަތްވީ މަރުވި އާއިލާގެ އެންމެ މެންބަރެކެވެ. އެކްސިޑެންޓްގައި މަރުވީ ފަސް ކުދިންނާއި ކުދިންގެ ބައްޕަ އެވެ. ސަލާމަތްވީ ކުދިންގެ މަންމަ އެކަންޏެވެ.

ކުދިންގެ މަންމަ ވަނީ ޓްރަކް ޑްރައިވަރުގެ މައްޗަށް ދައުވާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

"އަހަރެންގެ ފިރިމީހާ އާއި ދަރިންގެ ގާތިލްގެ މައްޗަށް ދައުވާކޮށް އިންސާފު ނުލިބެނީސް އަހަރެންގެ ނަފްސަށް ހަމަޖެހުމެއް ނުލިބޭނެ." ކުދިންގެ މަންމަ ބުންޏެވެ.

ޑްރައިވަރުގެ މައްޗަށް ދައުވާ ނުކުރަނީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި ތަޙްޤީޤު ފުރިހަމަ ކުރަން މަސްތަކެއް ވެސް ހޭދަވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު