''ކްރިޝް'' ގެ އެކްޓަރ ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުސޭން ޚާން އޭނާގެ ލޯބިވެރިޔާ އަސްލާން ގޯނީއާއި ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިތިކްއާއި ސުސޭންއަށް ދެ ފިރިހެން ކުދިން ލިބުމަށް ފަހު އެދެމީހުން ވަނީ ވަކިވެފައެވެ. އެއަށްފަހު ސުސޭން ލޯބީގެ ގޮތުން ގުޅިފައިވަނީ ޓެލެވިޒަން އިންޑަސްޓްރީގެ އަލީ ގޯނީގެ ބޭބެ އަސްލާން ގޯނީއާއެވެ.

ރިތިކް ރޯޝަން ވެސް ވަނީ މިޔުޒިކްގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ސަބާ އާޒާދުއާއި ލޯބީގެ ގޮތުން ގުޅިފައެވެ. ސުސޭންއާއި އަސްލާން އަދި ރިތިކްއާއި ސަބާއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ. އެކުގައި ޕާޓީތަކަށް ދިޔުމާއި ޗުއްޓީ ހޭދަކޮށްލުމަށް ތަންތަނަށް ވެސް ދެއެވެ.

ރިތިކްއާއި ސަބާގެ ކައިވެނީގެ ވާހަކަ މީޑިއާތަކުގައި ދެކެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ކައިވެނި ކުރުމުގެ ކުރިން ރިތިކް އިތުރު ވަގުތު ބޭނުންވާ ކަމަށް މީޑިއާއަށް މައުލޫމާތު ދިން ރިތިކްގެ ގާތް އެކުވެރިއެއް ބުނެފައިވެއެވެ.

ރިތިކްއާއި ސަބާއަށް ވުރެ ކުރިން ސުސޭންއާއި އަސްލާން ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ވާހަކަތައް ފެތުރިފައިވަނީ ސުސޭންއާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ދިން އިންޓަވިއުއަކަށް ފަހުގައެވެ.

''ސުސޭންއާއި އަސްލާންއަކީ ވިސްނޭ ދެމީހުން. އަދި އެދެމީހުންނަށް މިހާރު ޔަގީންވެއްޖެ އެކުގައި ދިރިއުޅުމެއް ފަށަން ބޭނުންވާކަން. ވަރަށް ސީރިއަސްކޮށް ކައިވެންޏާއި މެދު ވިސްނަމުން ދަނީ. ދެވަނަ ކައިވެންޏެއް ކުރުމަށް ސުސޭން ވަރަށް ސީރިއަސްކޮށް ވިސްނާ. މި ދެމީހުންގެ ކައިވެނި ހަފުލާ އޮންނާނީ ވަރަށް ކުޑަ ގޮތަކަށް. އެއީ އެދެމީހުން ވެސް ބޭނުންވާ ގޮތް'' މީޑިއާއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.