ސިއެރާ ލިއޯންގެ ފޯވާޑް މުހައްމަދު ބުޔާ ޓުރޭ އާ ކްލަބާ ގުޅެން، އޭނާގެ އަމިއްލަ ކައިވެނި ޕާޓީއަށް ނުދެވުނެވެ.

ޓުރޭއަށް އަމިއްލަ ކައިވެންޏަށް ނުދެވުނީ ސްވިޑެންގެ މަލްމޯއާ މިދިޔަ ޖުލައި މަހު ގުޅުމަށް ޓްރާންސްފާގެ ކަންކަން ނިންމުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިގޮތުން އުމުރުން 27 އަހަރުގެ ސްޓްރައިކަރު ޓުރޭ ވަނީ އޭނާގެ ކައިވެނި ޕާޓީގައި އޭނާގެ ބަދަލުގައި ބޭބެ ހާޒިރުވެ ދިނުމަށް އެދިފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅޭގޮތުން ޓުރޭ ބުނީ، އޭނާއަށް ވަޒީފާގެ އިތުރުން ކައިވެނިވެސް މުހިންމު ކަމަށާއި، ނަމަވެސް ކައިވެނި ހަފްލާއަކީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން ވަޒީފާގެ ކަންތައް ވެޑިން ކަޓުވާލުމަށްފަހު ކުރިޔަށް ގެންދިޔައީ ކަމަށްވެސް ޓުރޭ ވަނީ ބުނެފައެވެ.

ޓުރޭގެ ވެޑިން މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ކައިވެނި ހަފްލާގައި ޓުރޭގެ ބަދަލުގައި ބައިވެރިވެފައި ވަނީ އޭނާގެ ބޭބެ އެވެ. އަދި އޭނާ ކައިވެނި ކޮށްފައި ވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.

މަލްމޯއަށް ޓުރޭ ފުރަތަމަ މެޗު ކުޅެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔުރޮޕާ ލީގު ކޮލިފައިންގައި ޑުޑެލަންގްއާ ދެކޮޅަށެވެ. އެ މެޗުން މަލްމޯ ވަނީ 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޓުރޭ ވަނީ މީގެ ކުރިން ޗައިނީސް ސުޕަ ލީގުގެ ކްލަބްތައް ކަމަށްވާ ހެެބެއި ޗައިނާ ފޯޗުން އަދި ހެނަން ސޮްގްޝަން ލޮންގްމެންއަށް ވެސް ކުޅެފައެވެ.