އަލޫ އަރުޖުންގެ ''ޕުޝްޕާ: ދަ ރައިޒް'' ގެ މަގުބޫލު ލަވައެއް ކަމުގައިވާ ''ސްރިވައްލީ'' ގެ ފައިވާން ސްޓެޕްގެ ހަގީގަތަކީ ކޮބައިކަން ބޮލީވުޑުގެ އެކްޓަރ އަމީތާބު ބައްޗަން ކިޔައިދީފިއެވެ.

އަމީތާބު ހުށަހަޅައިދޭ ޝޯ ''ކޯން ބަނޭގާ ކްރޯރް ޕަތީ'' ގެ ސާދަ ވަނަ ސީޒަންގެ އެޕިސޯޑެއްގައި ''ސްރިވައްލީ'' ލަވައިގައި އަލޫ އަރުޖުންގެ ފައިވާން ސްޓެޕްއަކީ ކޮރެޔޯގްރަފާ ބުނެގެން ހަދާފައިވާ ސްޓެޕްއެއް ތޯ ނުވަތަ ލަވައިގެ ތެރެއިން އަލޫ އަރުޖުންއަށް ހެދުނު ގޯހަކުން އައި ސްޓެޕެއް ތޯ މީހަކު ކުރި ސުވާލަށް އަމީތާބު ވަނީ ޖަވާބު ދީފައެވެ.

މި ސުވާލަށް ޖަވާބުދެމުން އަމީތާބު ބުނެފައިވަނީ އޭނާ އެ ލަވަ ބެލުމަށްފަހު ފައިވާން ސްޓެޕާއި މެދު ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށާއި އަދި އެ ސްޓެޕް އައި ގޮތާއި ބެހޭގޮތުން ބަލަން ބޭނުންވި ކަމަށެވެ.

އެހެންކަމުން ހައިދްރަބާދުގައި ''ޕުޝްޕާ'' ގެ ޑައިރެކްޓަރާއި އެކު ޝޫޓިންއެއްގައި އުޅެމުން ޑައިރެކްޓަރާއި ފައިވާން ސްޓެޕާއި ބެހޭގޮތުން ސުވާލު ކުރިއެވެ.

''ސްރިވައްލީ'' ލަވައިގައިވާ ފައިވާން ސްޓެޕަކީ ކޮރެޔޯގުރާފަ ބުނެގެން ހަދާފައިވާ ސްޓެޕެއް ނޫން ކަމަށާއި އެއީ އެ ލަވައިގެ ޝޫޓިންގ ތެރެއިން އަލޫ އަރުޖުންގެ ނޭނގިގެން އަލޫ އަރުޖުންގެ ފައިވާން ނެއްޓުމުން، އެކަން ސްޓެޕަކަށް ހެދީ ކަމަށް ޑައިރެކްޓަރާއި ހަވާލާދީ އަމީތާބު ވަނީ ބުނެފައެވެ. އަދި އެ ސްޓެޕަކީ މަގުބޫލު ސްޓެޕަކަށް ވެގެން ދިޔަ ކަމަށް ވެސް ޑައިރެކްޓަރ ބުނި ކަމަށް އަމީތާބު ބުނެފައިވެއެވެ.

މި ސްޓެޕް ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ގިނަ ބަޔަކު ވީޑިއޯ ހަދި ސްޓެޕްއަކަށެވެ.