ތުރުކަމިނިސްތާންގެ އަންހެނަކު ބިއުޓީ ސެލޫނަކަށް ދިއުމުން އޭނާގެ ފިރިމީހާ އެކަމާއި ހިތްހަމަނުޖެހިން އަނބިމީހާއަށް ހަމަލާދީ އަނބިމީހާއަށް އަނިޔާކޮށްފިއެވެ.

އަނބިމީހާ ސެލޫނަކަށް ދިއުމުން އެކަމާއި ފިރިމީހާ ރުޅި އައިސްގެން އަނބިމީހާއަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އަނބިމީހާ ސެލޫންގައި އިންދާ އެތަނަށް ފިރިމީހާ ވަދެ އަނބިމީހާއަށް ހަމަލާ ދިނެވެ. އަނބިމީހާގެ ކަންކަށިމަތީގައި އަތުން ޖެހުމަށްފަހު ފައިން ވެސް ފިރިމީހާ ވަނީ އަނބިމީހާއަށް ހަމަލާ ދީފައެވެ.

މިމާރާމާރީ ހިންގިއިރު ސެލޫންގެ ތެރޭގައި އިތުރު މީހުން ތިބި ނަމަވެސް އެއްވެސް މީހަކު އަންހެން މީހާ ހިމާޔަތް ކުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

ތުރުކަމިނިސްތާނަކީ ކުރިން ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެއީ ވަކި މިނިވަން ގައުމެއްގެ ގޮތުގައި އިއުލާން ކުރީ 1991 ވަނަ އަހަރު އެވެ. ތުރުކަމިނިސްތާންގައި އަންހެނުންނަށް އެކަށީގެންވާ މިންވަރެއްގެ ހައްގުތައް ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

ތުރުކަމިނިސްތާން ސަރުކާރުން ވެސް އެގައުމުގެ އަންހެނުންގެ ހައްގުތައް ހިފަހައްޓާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.

ތުރުކަމިނިސްތާންގައި އަންހެނުން ރީތި ވުމުގެ ބައެއް ހިދުމަތްތައް ދިނުން އޮންނަނީ ވެސް މަނާ ކޮށްފައެވެ. އޭގެތެރޭގައި ބޮލުގައި ކުލަ ޖެއްސުމާއި ނިޔަފަތީގައި ކުލަ ޖެއްސުމާއި ބުމަ ހެދުން ފަދަ ކަންކަން ހިމެނެއެވެ. އެފަދަ ކަންކަން ކޮށްދޭ ސެލޫންތައް ހިންގާ މީހުންނާއި ހިދުމަތް ހޯދާ މީހުން ހައްޔަރުކޮށް ޖަލަށް ވެސް ލާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.