25 އަހަރުފަހުން ސިލްވެސްޓަރ ސްޓޯލޯން އާ އޭނާގެ އަނބިމީހާ ޖެނިފަރ ފްލެވިން ވަރިވާން ކޯޓަށް ހުށައަޅައިފި އެވެ.

ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހޮލީވުޑްގެ ކާމިޔާބް އެކްޓަރާއި އޭނާގެ އަނބިމީހާ ޖެނިފަރ ފްލެވިން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައި މިވަނީ އެމީހުންގެ މެދުގައިމައްްސަލަތަކެއް ޖެހިގެން ކަމަށް ބެލެވެއެވެ. އެގޮތުން ސިލްވެސްޓަރ ވަނީ އޭނާގެ އަނބިމީހާ އާ މައްސަލަ ޖެހުނުފަހުން އަތުގައި ކުރަހާފައި ހުރި ޓެޓޫވެސް ބަދަލުކޮށްފައެވެ. އެއާއެކު ފޭނުންގެމެދުގައިވެސް މި ދެމީހުންގެ ގުޅުމާ ގުޅޭގޮތުން ސުވާލު އުފެދެން ފެށިއެވެ.

ޕޭޖް ސިކްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 76 އަހަރުގެ "ރޮކީ" ގެ ތަރިއާ ކައިވެނި ރޫޅާލުމަށް އުމުރުން 54 އަހަރުގެ ކުރީގެ މޮޑެލް ފްލޭވިން ކޯޓަށް މައްސަލަ ހުށައަޅާފައި ވަނީއޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ.

ޕީޕަލް އެންޑް ދަ ޑެއިލީ މެއިލްނޫހުން ރިޕޯޓްކުރާ ގޮތުގައި މި ހަފްތާގެ ކުރީކޮޅު ސްޓޯލޯން ހެޑްލައިންތަކުން ޖާގަ ހޯދީ އޭނާގެ އަތުގައި ފްލޭވިންގެ މޫނުގެ ބޮޑު ޓެޓޫއެއް ޖަހާފައި ހުއްޓާ އެ ފޮޓޯކުއްތާއެއްގެ ފޮޓޯއަކަށް ބަދަލުކުރުމުންނެވެ.

އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހު ފްލޭވިން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ވެސް ސްޓޯލޯން އާއި ފްލޭވިންގެ ކައިވެނި އޮތް ހާލަތާ މެދު ސުވާލު އުފެދެ އެވެ. އެ ފޮޓޯއިން ފެންނަގޮތުގައި ފްލޭވިން އާއި އެ ދެމީހުންގެ ތިން އަންހެން ދަރިން ބައްދާތަން ފެނެއެވެ. ފޮޓޯގެ ކެޕްޝަނުގައި ލިޔެފައި އޮތީމި އަންހެން ކުދިންނަކީ އަހަރެން އިސްކަންދޭ ކުދިން،" މިހެންނެވެ. އަދި އެހެން އެއްވެސް ކަމެއް މުހިންމު ނުވާ ކަމަށާއި އެ ހަތަރު މީހުން އަބަދަށްވެސް އެކީގައި ކަމަށްވެސް ލިޔެފައި ވެއެވެ.

ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފްލޭވިން މިހާރު އިންސްޓަގްރާމްގައި އޭނާގެ ފިރިމީހާ ފޮލޯވެސް ނުކުރެއެވެ.