މިއީ ރެޑިޓްގައި މީހަކު ހިއްސާ ކޮށްފައިވާ ވާހަކައެކެވެ.

އޭނާ މަސައްކަތް ކުރަމުން ދިޔައީ އެމްބިއުލާންސް އޮޕަރޭޓް ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ގެންގުޅޭ އެމްބިއުލާންސްތަކުގެ ތެރެއިން "ރިގް12" އަކީ ހޯންޓެޑް އެމްބިއުލާންސްއެއް ކަަމަށް އޭނާ ބުނެެއެވެ.

"ވަރަށް ގިނަ އެކަހަލަ ވާހަކަތައް މީގެ ކުރިން އަޑު އިވިފައި ހުރީ. އެކަމަކު އަހަރެންނަށް މީގެ ކުރިން އެފަދަ ކަމަކާއި ކުރިމަތި ނުވާތީ މިއީ ހަގީގަތެއް ކަމެއް ނޭނގޭ". އޭނާ ރެޑިޓް ޕޯސްޓްގައި ލިޔެފައި ވެއެވެ.

އޭނާ ކިޔާދީފައިވާގޮތުގައި، އެއީ އެއް ރެއެއްގެ ދަންވަރު ގާތްގަނޑަކަށް 3:00 ޖެހިހާއިރެވެ. އޭނާއާ ލޯބިވެރިޔާ މަސައްކަތް ކުރަމުން ގޮސްފައި މީހުން ވަރަށް މަދުން އުޅޭ ސަރަހައްދެއްގައެވެ. އަދި އެއީ ވަރަށް އަމާން އަދި އެހާމެ އަނދިރި ދުވަހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެމެން ތިބީ އެމްބިއުލާންސް ތެރޭގައި، ނިދި ޖެހިފައި ކަހަލަ ގޮތަކަށް ތިބީ. ކުއްލިއަކަށް އަހަރެންނަށް ހޭލެވެނީ މީހަކު ވާހަކަ ދައްކާ އަޑަށް. އަހަރެން ހީކުރީ އެއީ ލޯބިވެރިޔާ ވާހަކަ ދައްކަނީ ކަމަށް. އަހަރެން ބުނިން އޭނާ ކައިރީގައި އަހަރެން ނިދަން މަސައްކަތް ކުރަނީ ކަމަށް. އެހެން ބުނެފައި އަހަރެން ލޯ މަރާލިން".

އެކަމަކު ކުއްލިއަކަށް އޭނާއަށް އިވެނީ ފިރިހެނަކު ވާހަކަ ދައްކާ އަޑެވެ.

"އަހަރެން މަރުވަނީތަ..؟."، މިހެން ބުނި އަޑު އިވުނު ކަމަށް އޭނާ ކިޔާދިނެވެ. އެހެން ބުނެފައި ބާރަށް ނޭވާލާ އަޑުވެސް އިވުނު ކަމަށް އޭނާ ކިޔާދިނެވެ.

މިގޮތަށް ވުމާއެކު ދެ މީހުން އެއްކޮށް އެ އެމްބިއުލާންސްގެ ފަހަތު ސީޓަށް ބެލިއެވެ. އަޑު އިވުނީ އެތަނުން ކަމަށް ވާތީއެވެ.

އޭނާ ކިޔާދީފައިވާގޮތުގައި، އިރުކޮޅެއް ވަންދެން އެތަނުން އެއްވެސް އަޑެއް ނީވި ހުރެފައި ދެން އިވެނީ، އޮކްސިޖަން ފުޅިއަކުން ލީކް ވާ ކަހަލަ އަޑެއް އިވޭ ތަނެވެ. މިއާއެކު އޭނާ ބޮކިދިއްލާ އެތަން އަލި ކުރި ކަމަް ބުންޏެވެ.

"އެއީ އަހަރުމެން ނިދާފައި ތިއްބާ އޭގެ ތެރެއަށް މީހަކު ވަދެފައި ހުރެދާނެ ކަމަށް ބަލައި. އެކަމަކު ރަނގަޅަށް ގޮސް ބެލިއިރު، އޭގެ ތެރޭގައި އެއްވެސް މީހަކު ނެތް. އޮކްސިޖަން ފުޅިތައްވެސް ހުޅުވާފައެއް ނެތް".

އޭގެ ފަހުން އެ މީހުންނަށް އެރޭ ނުނިދޭ ކަމަށް އޭނާ ކިޔާދީފައި ވެއެވެ.