ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އަންކިތު ތިވާރީ ދިރިއުޅޭ އެޕާޓްމަންޓްގެ ގޯތިތެރެއަށް މީހަކުވަދެ އަމިއްލައަށް މަރުވާން އުޅެފި އެވެ.

އަންކިތްގެ ސަޕޯޓަރެއް ކަމަށް ބުނެ އެ މީހާ އެ ބިލްޑިންގެ ގޯތިތެރެއަށް ވަދެފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. އެމީހާ ބުނި ގޮތުގައި އޭނާ ބޭނުންވީ އަންކިތާއި ބައްދަލުކޮށްލުމަށެވެ.

ނަމަވެސް އެމީހާއަށް މާބޮޑަށް އެތެރެއަށް ނުވަދެވެނީސް ގާޑުން ވަނީ އޭނާ ހިފަހައްޓާފަ އެވެ. އޭނާ އެތެރެއަށް ދިއުން މަނާ ކުރުމުން އަތުގެ ނާރުތައް ބުރިކޮށްލައި އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

މިކަމާއި ގުޅޭގޮތުން އަންކިތް ބުނެފައި ވަނީ ލަޔަކިއުންތެރިއެއްގެ ހައިސިއްޔަތުން ކޮންމެ ދުވަހަކު ވެސް ތަފާތު މީހުނާއި ބައްދަލުވާ ކަމަށެވެ. ނަމަވެސް އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރެއަށް ވަދެ މީހަކު މަރުވާން އުޅުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

އެ މީހާ ގޯތިތެރެއަށް ވަނުމުން ބިރު ނުގަންނަ ކަމަށާއި ނަމަވެސް އަމިއްލައަށް މަރުވާން އުޅެން ފެށުމުން ވަރަށް ބިރުގަތް ކަމަށް އަންކިތު ބުނެފައި ވެއެވެ. އެއީ ގާޑު މީހާއަށާއި މަރުވާން އުޅުނު މީހާއަށް އަނިޔާއެއް ވެދާނެތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އަންކިތު އެ މީހާ އާއި ފަހުން ވާހަކަދެއްކުމުން ހުރިހާ ކަމެއް ވަނީ ހައްލުވެފަ އެވެ. އަދި އެ މީހާ ވަނީ އަމިއްލައަށް މަރުވާން އުޅެވުނީތީ މާފަށް ވެސް އެދިފަ އެވެ.