ހަކުރުބަލި ޖެހިފައި ތިބި މީހުން ރާއްޖޭގައި ކިތަންމެ ގިނަ ނަމަވެސް ބައެއް މީހުންނަށް ހަކުރު ބަލީގެ ނުރައްކާތެރިކަން އިހުސާސް ނުކުރެވެއެވެ. ޤަބޫލު ކުރެވޭ ގޮތުގައި މިހެންވަނީ ހަކުރު ބައްޔާއި ބެހޭގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބިފައިނެތުމުންނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހަކުރު ބައްޔަކީ ހަމައެކަނި ހަކުރު މަތިވުމާއި ދަށްވުންކަމުގައެވެ. ނަމަވެސް ހަކުރުބައްޔަކީ އެއަށްވުރެ މާ ފުޅާ، ފަރުވާކުޑަ ކޮށްލެވިއްޖެނަމަ، ވަރަށްވެސް ނުރައްކާތެރި ބައްޔެކެވެ.

ހަކުރުބަލީގެ ސަބަބުން ދިމާވާ ކަންތައްތައް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ އެމީހެއްގެ ގައިގައި ހަކުރު ބަލި ހުރި މުއްދަތަށާއި ހަކުރު ކޮންޓްރޯލް ކުރެވޭ މިންގަނޑަށެވެ.

ހިތުގެ ބައްޔާއި ސްޓްރޯކް

ލޭނާރުތަކުގައި ސަރުބީ ޖަހާ، ލޭނާރުތައް ބެދުމުގެ ފުރުސަތު ހަކުރުބަލީގެ ބަލިމީހުންނަށް ބޮޑެވެ. މިގޮތަށް ހިތުގެ ލޭނާރު ބެދި ހިތަށް އެކަށީގެންވާ ވަރަށް ލޭ ނުލިބުމުން ހާރޓްއެޓޭކެއް އަދި ސިކުނޑީގެ ލޭނާރެއް ބެދުމުން ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހަމަ އެއާއި އެކު އަތާއި ފައިގެ ނުވަތަ އިނގިލިތަކަށް ލޭ ފޯރުކޮށްދޭ ލޭނާރުތައް ބެދިއްޖެނަމަ އެ ހިސާބުތަކަށް ލޭ ނުލިބި އެ ތަންތަން މަރުވެ ބުރިކޮށްލަންޖެހޭ ފަހަރުތައްވެސް އާދެއެވެ.

މިކަންކަމުން ރައްކާތެރިވުމަށް ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމާއެކު، ލޭ މައްޗަށް ދާނަމަ އެކަމަށް އަދި ކޮލެސްޓްރޯލް މަތިނަމަ އެކަމަށް އެކަށީގެންވާ ފަރުވާ ހޯދުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތެއްނަމަ އެކަމުން ދުރުވުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ލޮލުގެ ބަލި

ހަކުރުބަލީގެ ސަބަބުން ލޮލުގެ ލެންސް ހަލާކުވުމުގެ އިތުރުން ލޮލުގެ އެތެރެ ފަށަލައިގައި ހުންނަ ކުދިކުދި ލޭނާރުތަށް ހަލާކުވެ ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. ލޮލުގެ ފެނުން ފުސްވެ ބައެއްފަހަރު ލޮލުގެ ފެނުން އެއްކޮށް ގެއްލިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިކަމުން ރައްކާތެރިވުމަށް އަދި ހަލާކުވެފައިވާ ކުދިކުދި ލޭނާރުތައް ބޮޑަށް ހަލާކުވިޔަ ނުދިނުމަށް ހަކުރު އަދި ލޭގެ ޕްރެޝަރ ވަރަށް ރަނގަޅަށް ކޮންޓްރޯލްކުރަން ޖެހެއެވެ.

ކިޑްނީ ބަލި

ހަކުރުބަލީގައި ގިނަ ދުވަސް ވާ ވަރަކަށް ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހަކުރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ މި ފުރުސަތު އަވަސްވެ ބޮޑުވެގެން ދެއެވެ. ކިޑްނީ ހަލާކުވަމުންގޮސް ކިޑްނީ އެންމެފަހުން ފެއިލްވެ، އާ ކިޑްނީއެއް ލައްވަން ޖެހެއެވެ.ކިޑްނީ ފެއިލްވެއްޖެނަމަ ކިޑްނީއެއް ނުލެއްވޭހާ ދުވަހަކު މެޝިނެއްގެ އެހީގައި ހަށިގަނޑުގެ ލޭ ސާފުކުރަންޖެހެއެވެ. މިކަމަށް ކިޔަނީ ޑަޔަލިސިސް ހެދުމެވެ. ހަފްތާއަކު ތިންހަތަރު ފަހަރު އެތައް ގަޑިއިރުތަކެއް މިކަމުގައި ހޭދަކުރަންޖެހެއެވެ.

ހަކުރުބަލީގެ ސަބަބުން ޖެހޭ ކިޑްނީބަލިން ރައްކާތެރިވުމަށް އޮތީ ހަކުރުބަލި ކޮންޓްރޯލްކުރުމާއެކު ލޭ މައްޗަށް ދާ މީހެއްނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމެވެ.

ކިޑްނީ ބަލީގެ މީހަކު ޑަޔާލިސިސް ހަދަނީ

ނާރުގެ ބަލި

ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ނާރުތައް ވެސް ހަލާކުވެއެވެ. ފުރަތަމަ އަސަރުކުރަނީ ފައިގެ ނާރުތަކަށެވެ. އެހެންކަމުން ފައިގެ އިހުސާސް މަޑުމަޑުން ކެނޑެމުން ދެއެވެ. ތަދާއި ފިނިހޫނުކަމުގެ އިހުސާސް ކެނޑެމުން ދިއުމުގެ ސަބަބުން ފަޔަށް އަނިޔާވުމުންވެސް ނޭނގެއެވެ. އަދި ހަލާކުވާ ތަންތަން ފަސޭހަނުވެ ޖަރާސީމު އުފެދި ވަރަށް ބޮޑަށްހަލާކުވާ ފަހަރު އާދެއެވެ.

މަދުންނަމަވެސް ނާރުތައް ހަލާކުވުމުގެ ސަބަބުން ދިމާވާ އަނެއްކަމަކީ ފައިތިލައަށް ނުވަތަ ކަށިމައްޗަށް ނުވަތަ ފަލަމަސްގަނޑަށް ވަރަށްބޮޑަށް ތަދުވުމެވެ. މިތަދު އެހާ ފަސޭހައިން ރަނގަޅެއްވެސް ނުކުރެވެއެވެ.

މީގެ އިތުރުންވެސް ނާރުތައް ރަނގަޅަށް މަސައްކަތްނުކުރުމުގެ ސަބަބުން ޖިންސީ ގުނަވަނުގެ ބާރު ދެރަވުންފަދަ ކަންކަންވެސް ދިމާވުން އެކަށީގެންވެއެވެ.

ހަކުރުބަލީގެ މީހެއްގެ ފައިގެ އިހުސާސްތައް ރަނގަޅުތޯ ބަލަނީ

އިންފެކްޝަންތައް

ހަކުރުބަލި ކޮންޓްރޯލް ނުކުރެވޭކަމަށްވާނަމަ އިންފެކްޝަންތައް ޖެހުން ވަރަށް ގާތެވެ. އެގޮތުން ހަމުގެ އިންފެކްޝަން، ދަތާއި ހިރުގަނޑުގެ އިންފެކްޝަން، އަދި އަންހެނުންގެ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ވަރަށް އާންމެވެ. އަދި ހަމަ އެހެންމެ ކަށީގެ އިންފެކްޝަން އަދި ނިއުމޯނިއާ އާއި ޓީބީ ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. އަދި ކުރިން ދެންނެވުނު ފަދައިން އަނިޔާވެފައިވާ ތަންތަންވެސް ފާރުވެ އެ ތަންތާނގައިވެސް ޖަރާސީމު އުފެދި ހަލާކުވުމުގެ ފުރުސަތުވެސް ހަކުރުބަލީގައި ބޮޑެވެ.

ފަރުވާކުޑަ ކޮށްލެވޭކަށް ނެތެއް ނޫންތޯއެވެ. މި ދަންނަވަނީ ހަކުރުބަލި ހުންނަ ކޮންމެ މީހަކަށް މިހުރިހާ ކަމެއް ދިމާވާނެއެކޭ ނޫނެވެ. ނަމަވެސް ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ މި ކަންތައްތައް ދިމާވުމުގެ ފުރުސަތު ބޮޑުވާހަކައެވެ.

ހަކުރު ބައްޔަކީ ދާއިމީ ބައްޔެކެވެ. އެތައް އަހަރެއް ވަންދެން ކޮންމެ ދުވަހަކު ދެއިރު ނުވަތަ ތިންއިރު ބޭސްކާން ޖެހުމަކީ އުނދަގޫކަމެކެވެ. ވަކިގޮތަކަށް ކެއުން ބައްޓަންކުރުމާއި ކޮންމެދުވަހަކު ކަސްރަތު ކޮށް ހެދުމަކީވެސް ފަސޭހަކަންކަމަށް ނުވެދާނެއެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ކުރަންޖެހޭ ކަންކަމެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކާ، ޓެސްޓުހަދާ ހަކުރު ކޮންޓްރޯލްކުރެވޭ ވަރު ބަލައި ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް ފަރުވާ ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    ގިނަ ޑޮކްޓަރުންގެ ތަޖްރިބާ އިން ދައްކާގޮތުންނާއި ގިނަ ދިރާސާތަކުން ދައްކަނީ ހުރިހާ ބައްޔެއްވެސް ގުޅިފައިވަނީ ބީ.އެމް.އައި އާއިއެވެ. ބީ.އެމް.އައި އަކީ ހަށިގަނޑުގައި އިސްކޮޅާއި އެއްވަރަށް ބަރުދަން ހުރުމެވެ. ކޮލެސްޓެރޯލް، ލޭ މައްޗަށް ދިޔުން، ހަކުރު ބަލީގެ ޓައިޕް 2 އަކީ ބަރުދަން ހަމަޔަކަށް އެޅުވުމުން ނެތިކޮށްލެވޭ ބަލިބައްޔެވެ. ނަމަވެސް އުނދަގޫ ކަމަކީ ބަރުދަން ލުއިކުރުމެވެ. ކަސްރަތުކޮށްގެން އަދި މަދުން ކައިގެން ބަރުދަން ލުއި ކުރެވިފައި ހުރީ ވަރަށްވެސް މަދުބަޔަކަށެވެ. ބަރުދަން ލުއިކުރަން އެންމެ ރަނގަޅު ގޮތަކީ ހާރު ކެއުމަށް 3 އޮށް ކަދުރު ބޭނުންކޮށް، ރޯދަ އަށް ހުރުމެވެ. އަދި ރޯދަ ވީއްލާ ގަޑީގައި ވެސް ބަލައިގެން ކެއުމެވެ. ހުރިހާ ކަމެއްގެ ޙައްލު ވެސް އަޅުގަނޑުމެންގެ މާތް ވެގެންވާ ދީނުގައި އަންގަވާފައި އެބައޮތެވެ. ރަނގަޅީ ވެސް ހަމައެގޮތެވެ.