ފުރަތަމަ ޑޭޓްއަކީ އާއްމުކޮށް އެންމެ ބޭނުންވާ ގޮތަށް ދާނެ އެއްޗެއް ނޫނެވެ. ބިރުން ހުރުމާއި، ހާސްވުން ފަދަ ކަންކަންވެސް ވެއެވެ. އެނޫންވެސް އެތައް އުނދަގޫތަކާއި ބައެއް މީހުން ތަހައްމަލު ކުރަން ޖެހެއެވެ. ބައެއް ފަހަރު އޮންލައިންކޮށް ދިމާވާ މީހުންނާއެކު ދާ ފުރަތަމަ ޑޭޓްގައި އެންމެ ހާސްވާ ކަމަކަށް ވެފައި އޮންނަނީ، ދެ މީހުން ބޭނުންވާ ކަހަލަ މީހަކު ނުވެދާނެތީއެވެ. ނޫނީ ފޮޓޯ އިން ފެންނަ މީހާ އާއި އަސްލު މިހާއާ އެއްގޮތް ނުވުން ފަދަ ކަންކަން ދިމާވެދާނެތީވެސް ހާސްވެއެވެ.

އެކަމަކު މިއީ ތަފާތު ފިރިހެނެކެވެ. އޭނާ ދިޔައީ ޑޭޓްއަށް ތިން ވަނަ މީހަކު ގޮވައިގެންނެވެ. އެއީ އޭނާގެ މަންމަ އެވެ. އޭގެ ވީޑިއޯވެސް މިހާރު ވަނީ ވައިރަލްވެފައެވެ.

އެގޮތުން ސިދޭޝް ލޮކަރޭ ނަމަކަށް ކިޔާ އެ ޒުވާނާ އިންސްޓަގްރާމްގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ، އޭނާ ވަނީ، މަންމަ އާއެކު ދިޔަ ޑޭޓްގެ ވީޑިއޯ ހިއްސާ ކޮށްފައެވެ. އޭގައި އެކަން ހިނގާދިޔަ ގޮތް ތަފްސީލުކޮށް ކިޔާދީފައި ވެއެވެ.

އެގޮތުން އޭނާ މީސް މީޑިއާ އެޕްއެއް މެދުވެރިކޮށް، އެކުގައި ވަގުތު ހޭދަ ކުރާނެ މީހަކު ހޯދަން ފެށި ކަމަށެވެ. އެގޮތުން ދިމާވި އަންހެނަކާއި، ބައްދަލު ކުރަން ދިޔައީ މަންމައާއި އެކުގައި ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އެ އަންހެން މީހާ ކައިރިން ރޭގަނޑު ކެއުމަކަށް ދާން ދައުވަތު ދީފައެވެ. އަދި މަންމަވެސް އެ ކެއުމަށް ދިއުމަށް ދައުވަތު ދިންއިރު، މަންމައަށާއި، އެ އަންހެން މީހާއަށްވެސް ވާން އުޅޭ ގޮތް ކުރިން ކިޔާދީފައި ނުވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި އެ އަންހެން މީހާއާ ރެސްޓޯރެންޓް އިން ދިމާވިިއިރު، ފިރިހެން މީހާ ވަނީ އޭނާގެ މަންމަ އެ އަންހެން މިހާއަށް ތައާރަފްކޮށްދީފައެވެ. އަދި އެ މީހުން ދިމާވި ގޮތާއި، ހުރިހާ އެއްޗެއްް ކިޔާދިންއިރު، އެ އަންހެން މީހާ މަންމަ އާއެކު ވަރަށް ބޮޑަށް "ކޮންފޮޓަބަލް" ވެގެން ހުންނަތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި އެއީ ވަރަށް ކާމިޔާބު ޑޭޓެކެވެ.