އެންމެ ގިނަ ބަޔަކު ބޭނުންކުރާ މީސް މީޑިއާ ވެބްސައިޓް ކަމަށްވާ ފޭސްބުކް ބޭނުންކުރުމުގައި ބައެއް ފަރާތްތަކަށް ދަތިތައް ދިމާވެއްޖެއެވެ.

ނަމަވެސް މައްސަލަ ދިމާވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ މައްސަލަ ހައްލުކޮށް އަލުން ކުރީގެ ހާލަތައް ހުރިހާ ކަމެއް ރުޖޫއަވެފައެވެ.

ބައެއް ފަރާތްތަކަށް ފޭސްބުކް އަށް ވަންނަން ވެސް ދަތިތައް ދިމާވަމުން ދާއިރު އެކަކު އަނެކަކަށް، ފޮޓޯ އާއި އިމޯޖީ އަދި ސްޓިކާ ފޮނުވުމުގައި ވެސް ވަނީ ދަތިތައް ދިމާވިއެވެ. މީގެ އިތުރުން ބައެއް ޕޭޖްތަކަށް ފޮޓޯ އަޕްލޯޑް ކުރަން ވެސް ދަތިތައް ދިމާވެފައިވެއެވެ.

ފޭސްބުކް އިން ވެސް ވަނީ މައްސަލައެއް ދިމާވިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ދިމާވި މައްސަލައިގެ ތަފްސީލެއް ނުދެއެވެ.

މިރޭ ފޭސްބުކް ބޭނުންކުރާ އެންމެނަށް މައްސަލަތައް ދިމާވިކަމެއް އަދި ކަށަވަރެއް ނުވެއެވެ. ގިނަ ބަޔަކު ވަނީ ފޭސްބުކް ބޭނުން ނުކުރެވިގެން ޓްވިޓާ އާއި ސްނެޕްޗެޓްގައި އެކަމުގެ ޝަކުވާތައް ކޮށްފައެވެ.

މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ފޭސްބުކް ޑައުންވެ، ފޭސްބުކް ބޭނުންކުރާ މީހުންނަށް ދަތިތައް ދިމާވެފައިވެއެވެ.

2004 ވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި ފޭސްބުކް އަކީ މީސް މީޑިއާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައި ވެބްސައިޓެކެވެ. މިހާރު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ދެބިލިއަނާއި ގާތް ކޮށްފައެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުތަކެއް ވިއްކާލި މައްސަލަ އާއި ފޭކް ނިއުސްގެ މައްސަލައިގައި ފޭސްބްކް އަށް މިދުވަސްވަރު ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އެމައްސަލަތައް ހައްލުކުރަން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފޭސްބުކް އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޑަ

    ހެޔޮނުވާނެ ތި ފޭސްބުކް ބޭނުން ކުރާކަށް. ތީ ސީދާ މުސްލިމުން މަގުފުރައްދަން ހަދާގެން އުޅޭ އެއްޗެއް..