މުސްކުޅިވުމުން ދިރިއުޅުން މަޑުޖެހުނީ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެކަމަކު މިއީ އެންމެންގެ ދިރިއުޅުމުގައި ވާ ކަމެއް ނޫނެވެ. އެންމެންގެ ދިރިއުޅުން މަޑެއް ނުޖެހެއެވެ. ބައެއް މީހުން އުމުރުން ދުވަސްވިޔަސް ވަރަށް ހަރަކާތްތެރިއެވެ.

އެގޮތުން ޕާކުތެރޭގައި އުމުރުން ދުވަސްވީ މީހުން ހިނގާލާތަން އާއްމުކޮށް ފެނިގެން ދެއެވެ.

އެކަމަކު ޖިމެއްގައި މުސްކުޅި ފިރިހެނަކު ބަރު އުފުލާތަން ފެނުމަކީ އާދަޔާ ހިލާފު ކަމެކެވެ- ހަމައެކަނި މުސްކުޅިއެއް ނޫން، 100 އަހަރުގެ ފިރިހެނެކެވެ.

ހީވަނީ ގަބޫލު ނުކުރެވޭ ވަރުގެ އަޑެއް ނޫން ހެއްޔެވެ؟، ނޫނެކެވެ. މިއީ ހަގީގީ ވާހަކައެކެވެ.

ޕެންސިލްވޭނިއާގެ ހަނޯވާއަށް ނިސްބަތްވާ ލެސް ސެވިނޯ ނަމަކަށް ކިޔާ 100 އަހަރުގެ ފިރިހެން މީހާ ބުނިގޮތުގައި، އޭނާ އަކީ ކަސްރަތު ކުރަން ވަރަށް ލޯބިކުރާ މީހެކެވެ. އޭނާ އެކަން ކުރުމުގައި 40 އަހަރުވެއްޖެއެވެ. އެހާ ދުވަސް ވަންދެން އޭނާ އެކަންކަން ކުރަމުން އަންނަނީ އެއް ރޫޓިންއެއް ކަމަށެވެ.

 

އެގޮތުން ހަފުތާއަކު ހަތް ދުވަހުގެ ތެރެއިން ފަސް ދުވަހު ޖިމަށް ގޮސް ބަރުދަން އުފުލާ، ކާޑިއޯ ވެސް ކުރެ އެވެ. އޭނާ ބުނާގޮތުން، ހެނދުނު 7:30 އިން 10:30 އަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާ ޖިމްގައެވެ.

1983 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ އެގޮތަށް މަސައްކަތް ކުރަމުންނެވެ. ކަސްރަތު ކުރުމުގެ އިތުރުން ކެއުމުގެ ބާވަތްތަކަށް ވެސް ވަރަށް ހަރުކަށި ކަމަށް އޭނާ ބުންޏެވެ. އޭނާ ކެއުމުގައި އިސްކަން ދެނީ ތަރުކާރީ އާއި ސީފުޑްއަށެވެ.

ޖިމްގައި ސަވީނޯގެ ރޫޓިންއެއް އޮވެއެވެ. އެގޮތުން ހޯމަ، ބުދަ އަދި ހުކުރު ދުވަހު އޭނާ ބަރުދަން އުފުއްލައެވެ.

މިއީ ހަމަ ޔަގީނުންވެސް ގިނަބަޔަކު ހައިރާންވާނެ ވަރުގެ ކަމަކަށް ވެގެން ދާނެއެވެ.