ކޮވިޑް-19ގެ ލުއިތަކަށް ފަހު ޖިމްތަކުން ހިދުމަތް ދިނުމަށް ހުއްދަ ހޯދާނެ ގޮތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ލުއި ދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގެި ހިދުމަތް ދެމުންދ ޖިމްތައް އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދޭ ގޮތަށް ހުޅުވުމުގެ ފުރުސަތު ދެވިފައިވާ ކަމަށާއި އެ އުސޫލުން ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިދުމތް ދިނުމުގައި އަމަލު ކުރާނެ ގޮތް އިއުލާނު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެތަނުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭ މީހުންގެ އަދަދުގެ އިތުރުން އެޕޮއިންޓްމަންޓް ހެދުމަށް ކަނޑައަޅާގޮތް އެނގޭ ގޮތަށް މެއިލް ކުރުމަށް ވަނީ ބުނެފައެވެ.

އެ މައުލޫމާތުތައް މެއިލް ކުރުމަށް އެޗްޕީއޭއިން އަންގާފައިވަނީ [email protected] އަށެވެ.

އެޗްޕީއޭއިން ބުނީ، އެމައުލޫމާތާއި އެކު ހިދުމަތް ފެށުމަށް އެދި ހުށަހެޅުމުން އެޗްޕީއޭގެ އިންސްޕެކްޝަންތަކާއި ބެހޭ އިދާރާއިން ތަންތަނުން ހުށަހަޅާފައިވާ އުސޫލު ރިވިއުކޮށް ތަން އިންސްޕެކްޓް ކުރާނެ ކަމަށެވެ. އެގޮތުން ހިދުމަތް ފަށަންވާނީ އިންސްޕެކްޝަނަށް ފަހު ހިދުމަތް ފެށުމުގެ ހުއްދަ ދިނުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"ހުށަހަޅާ އުސޫޅު ރިވިއުކޮށް އިންސްޕެކްޝަން ހަދައި 48 ގަޑިއިރު ތެރޭގައި ހުއްދަ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ" އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 7264574 ނަންބަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 18:00 އަށް ގުޅެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.