ނާސާގެ ރޮބޮޓިކް އެސްޓްރަނައުޓް، ނާސާ އިންސައިޓްގެ ބެޓެރިން ޗާޖް ގޮސް، އެއުޅަނދުގެ އުމުރު ހަމަވާން ކައިރިވެއްޖެކަން އިއުލާން ކޮށްފިއެވެ.

ހަތް މަސް ދުވަހުގެ ދަތުރަކަށް ފަހު އިންސައިޓް އުޅަނދު މާސްއަށް ތިރިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ. އެއުޅަނދުގެ މައުލޫމާތުތައް އާއްމު ކުރާ ޓްވިޓާ އެކައުންޓުން މިއަދު މާސްގެ ފޮޓޯއަކާއި އެކު ކުރި ޓްވީޓްގައި ބުނީ މިއީ އެއުޅަނދުން ފޮނުވާ އެންމެ ފަހު ފޮޓޯއަށް ވުން ވަރަށް އެކަށީގެންވާ ކަމަށެވެ. ސަބަބަކީ އުޅަނދުގެ ޗާޖް ވަރަށް ބޮޑަށް ދަށަށް ދިއުން ކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ނާސާ އިން ވަނީ އިންސައިޓްގެ މަސައްކަތްތައް ހުއްޓުވާލާފައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ހާއްސަ ދުވަސްތަކާއި ގުޅިގެން އިންސައިޓް އިން ނަގާ ހާއްސަ ފޮޓޯތައް ނާސާ އިން އާއްމު ކުރަމުން ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި ހަތަރު އަހަރު އިންސައިޓް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެއުޅަނދުން ކުރި އެންމެ މުހިއްމު އެއް މަސައްކަތަކީ މާސްގެ 3ޑީ ކުރެހުމެއް ތައްޔާރު ކުރުމެވެ. މާސް އަށް ފޮނުވާ އުޅަނދުތައް މާސްގެ ބިމަށް ތިރިކުރުމަށް އެންމެ ރަނގަޅު 21 ސަރަހައްދެއް އިންސައިޓް އިން ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން މިއީ ކުރިއަށް އޮތްތަނުގައި ނާސާ އިން ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ.

ނާސާގައި ވައި ޖެހޭ އަޑު ފުރަތަމަ ރެކޯޑް ކުރެވުނު އުޅަނދަކީ ވެސް އިންސައިޓް އެވެ. އިންސައިޓް އިން ވަނީ މާސްގައި ވައި ޖެހޭ އަޑު 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހު ރެކޯޑްކޮށް އެއަޑު ދުނިޔެއަށް ފޮނުވާފައެވެ.

އަދި އޭގެ ފަހުން މާސްއަށް އައި ބިންހެލުމެއްގެ މައުލޫމާތު ވެސް އިންސައިޓް އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ ދުނިޔެއަށް ފޮނުވާފައެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހާއި ހަމައަށް އައިއިރު މާސް އަށް އައި 2200 އަށް ވުރެ ގިނަ ބިންހެލުމުގެ މައުލޫމާތު އިންސައިޓް އިން ދުނިޔެއަށް ފޮނުވާފައި ވެއެވެ.

އޭގެ އިތުރުން ވެސް އެެކި ދުވަސްމަތިން މާސްގެ ވަރަށް ގިނަ ފޮޓޯތައް އިންސައިޓް އިން ވަނީ ދުނިޔެއަށް ފޮނުވާފައެވެ.

އިންސައިޓް އަށް މައްސަލަތައް ދިމާވީ 2021 ވަނަ އަހަރު ވެލީގެ ތޫފާނެއްގައި އެ އުޅަނދުގެ ސޯލާ ޕެނަލްތަކަށް ވެލި އެޅި، ބެޓެރިތައް ޗާޖް ކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ. އިންސައިޓްގައި ހަރުކޮށްފައި ހުރި "އަތްތަކުން" ވެސް ސޯލާ ޕެނަލްގެ މަތި ސާފު ކުރުމުގެ މަސައްކަތް އެއްކޮށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިންސައިޓްގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައި ނަމަވެސް މާސް އަށް އިންސާނަކު ފޮނުވުމުގެ ކުރިން ހޯދަން ޖެހޭ ވަރަށް ގިނަ މައުލޫމާތު އިންސައިޓް މެދުވެރިކޮށް ލިބިފައިވާ ކަމަށް ނާސާ އިން ބުނެއެވެ.