އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީ ކޮށްފައިވާ ފަރުވާއެއް ކެންސަރު ބަލި މީހުންނަށް ދިނުމަށް ނިންމައިފިއެވެ. މިފަރުވާ އަކީ ކޮވިޑް-19 އަށް ފުރަތަމަ ވެކްސިނެއް ތައްޔާރުކުރި ޖަރުމަންވިލާތުގެ ބައޯއެންޓެކް އިން ތަރައްގީ ކޮށްފައިވާ ފަރުވާ އެކެވެ. ފުރަތަމަ ފަހަރަށް ވެކްސިނެއްގައި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކުރީ ބައޯއެންޓެކް އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ގައެވެ.

ކެންސަރަށް އެކުންފުނިން އުފެއްދި ފަރުވާ އަދި ދިނުމަށް ހަމަޖެހިފައި ވަނީ ތަހްލީލް ކުރުމުގެ ގޮތުންނެވެ. ތަހްލީލް މަރުހަލާފައިވާ ފަރުވާ ދޭނީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސިވިލާތުގެ ސަރުކާރާއި ބައޯއެންޓެކް އާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 2030 ވަނަ އަހަރާއި ހަމައަށް މިފަރުވާ 10000 މީހުންނަށް ދޭނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރާއި ބައޯއެންޓެކް އިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކޭމްބްރިޖްގައި ރިސާޗް ސެންޓަރެއް ވެސް ހުޅުވާނެއެވެ. މިސެންޓަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ކެންސަރަށް އަލަށް ދޭން ފަށާ އިމިއުނޯތެރަޕީގެ ކަންކަން ބަލައި، ދިރާސާ ރިޕޯޓްތައް ތައްޔާރުކޮށް، ނަތީޖާ އާއި ގުޅޭ ތަހްލީލްތައް ކުރުމެވެ. މި ސެންޓަރުގައި 70 މުވައްޒަފުން މަސައްކަތް ކުރާނެއެވެ.

އެމްއާރްއެންއޭ ޓެކްނޮލޮޖީ އަކީ ބޭސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ޓެކްނޮލޮޖީއެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. ހާއްސަކޮށް ކެންސަރާއި އެޗްއައިވީ ފަދަ ބަލިތަކަށް ފަރުވާއެއް ހޯދުމުގައި އެމްއާރްއެންއޭ ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވަރަށް ގިނަ ސައިންސްވެރިން އުއްމީދު ކުރެއެވެ.

ބައޯއެންޓެކް އިން އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންސަރަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް 2008 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިހާތަނަށް މިފަރުވާ ތަހްލީލް ކުރުމުގެ ގޮތުން ވަރަށް ގިނަ މީހުންނަށް ދެވިފައި ވެސް ވެއެވެ. ނަމަވެސް އާއްމުކޮށް މީހުން ބޭނުން ކުރުމަށް މިފަރުވާ ލިބޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެއެވެ.