ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން އިވެންޓެއްގެ ތެރޭގައި އޭނާގެ އަޑުން ކިޔާލި ލަވައަކަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.

އޮޓޯ އެކްސްޕޯއެއްގައި ބައިވެރިވުމަށް ފަހު، ޝާހުރުކް ވަނީ އޭނަގެ އަޑުން ލަވައިގެ ތަންކޮޅެއް ކިޔައިފައެވެ. އެ ލަވައަކީ 1995 ގައި ނުކުތް ހިންދީ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ" ފިލްމުން މަޝްހޫރުވި ލަވައެކެވެ. މިހާތަނަށް އައިއިރު ވެސް އެ ލަވައަކީ ޝާހުރުކް ކުޅެފައިވާ ހިޓް ލަވަތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ލަވައެކެވެ.

ހަތަރު އަހަރުގެ ބްރޭކަކަށްފަހު ޝާހުރުކް ޚާން ކުޅުނު އެންމެ ފަހުގެ ފިލްމު "ޕަތާން" ފިލްމުގެ ޕްރޮމޯއަށް އިވެންޓަށް އައިސް އެ ލަވަ ކިޔާލުމުން ފޭނުންގެ ހިތްތައް އުފަލުން ފޮޅުނެވެ. ޝާހުރުކް ލަވަކިޔަމުން ދިޔައިރު ފޮޓޯތަކާއި ވީޑިއޯތަކުން ފޭނުން ދިޔައީ މީޑީއާ ފުރާލަމުންނެވެ.

ސިދާތު އާނަންދު ޑައިރެކްޓުކޮށް ޔަޝް ރާޖު ފިލްމްސްގެ ބެނާގެ ދަށުން ނެރޭ މި ފިލްމުގެ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. މި އެކްޝަން ފިލްމުގެ ޓްރެއިލާ އިން ފެންނަނީ ކޮންޓްރެކްޓަށް މަސައްކަތް ކުރާ ނިރުބަވެރިންގެ ގްރޫޕަކުން ދޭން އުޅޭ ހަމަލާއެއް ނާކާމިޔާބުކޮށް ގައުމު ސަލާމަތް ކުރަން ކުރާ މަސައްކަތެވެ. ފިލްމުގައި ނިރުބަވެރިންގެ ގްރޫޕުގެ އިސް މީހެއްގެ ގޮތުގައި ފެންނަނީ ޖޯން އަބްރަހަމްއެވެ.

މި ފިލްމުގެ ޓްރެއިލާ އާންމު ކުރުމާއެކު ފޭނުން ވަނީ އެމީހުުންގެ ހިފެހެއްޓުމެއް ނެތް ލޯތްބާއި ތައުރީފު ޝާހު އަށް ބަންޑުން ކުރަން ފަށައިފައެވެ. ފިލްމުގައި ޝާހު ފެންނަނީ އަންޑަކަވާ ސްޕައިއެއްގެ ރޯލުންނެވެ.