ޕްރިންސް ހެރީ އޭނާގެ ހަޔާތާއި ގުޅޭ ގޮތުން ލިޔުނު ފޮތާއި ގުޅިގެން ޕްރިންސް ވިލިއަމް އާއި ސުވާލު ކުރުމުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނަވައިފިއެވެ. ވިލިއަމް އަކީ ހެރީގެ ބޭބެ އެވެ. ވިލިއަމް އަކީ މިހާރު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތާއި އެންމެ ކައިރީގައި ހުންނެވި ބޭފުޅާ އެވެ.

ހެރީގެ ފޮތުގައި ވަނީ މަންމަ ޑަޔާނާ އަވަހާރަވި ހާދިސާ އިން ފެށިގެން ދެން ތަޖުރިބާކުރަން ޖެހުނު ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. އަދި ވިލިއަމް އާއި ދެމެދު އުފެދުނު ދެބަސްވުންތައް ވެސް ލިޔެފައި ވެއެވެ. އެންމެ ހާއްސަ ގޮތެއްގައި ފާހަގަ ކުރެވުނީ މޭގަން އާއި ހެރީގެ ކައިވެންޏަށްފަހު ދެން އުފެދުނު ދެބަސްވުންތަކެވެ. ވިލިއަމް، ހެރީއަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ވެސް ފޮތުގައި ލިޔެފައި ވެއެވެ.

ހެރީ ފޮތް ނެރުނު ފަހުން ވިލިއަމް އާއި ކޭޓް އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އާއްމުންގެ ތެރެއަށް ނިކުމެފައެވެ. ޗެރިޓީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ދެކަނބަލުން ވަޑައިގަތުމުން ނޫސްވެރިންގެ ސުވާލަކަށްވީ ހެރީގެ ފޮތާއި ގުޅޭ ގޮތުން ވިލިއަމްގެ ހިޔާލަކީ ކޮބައިތޯއެވެ. އަދި އެފޮތުގެ ސަބަބުން އެއްވެސް ކަހަލަ އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހިފައިވޭތޯ ވެސް ނޫސްވެރިން ސުވާލު ކުރިއެވެ.

ނަމަވެސް އެއްވެސް ސުވާލެއް އަޑުއިވުނު ކަމަށް ވެސް ވިލިއަމް ނުހެދިއެވެ. އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނޫސްވެރިންނަކަށް ނުލިބުނެވެ.

ހެރީގެ ފޮތާއި ގުޅޭ ގޮތުން ޝާހީ އާއިލާ އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ އަށް ދުވަހަކު ވެސް މާފު ނުކުރަން މިހާރު ޝާހީ އާއިލާގެ މެންބަރުން ވަނީ ނިންމާފައެވެ.