އެމެރިކާގެ އަންހެނަކު އޭނާގެ މުސްކުޅި މަންމަ އާއި ބައްޕަ އަށް ބަޑިން ހަމަލާދީ އެދެމަފިރިން މަރާލުމަށްފަހު ޗޭނުކީހަކުން އެމީހުންގެ ހަށިތައް ކުދިކުދިކޮށް ކޮށާލައިފިއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާ އަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ވެރިޓީ ބެކް މަރާލާފައި ވަނީ އޭނާގެ 73 އަހަރުގެ ބައްޕަ އާއި 72 އަހަރުގެ މަންމަ އެވެ.

ވެރިޓީ މިޖަރީމާ ހިންގިކަން އެނގުނީ އޭނާ އާއި އެއްބަނޑު އެއްބަފާ ޖަސްޓިން ބެކް މަންމަ އާއި ބައްޕަގެ ޚަބަރެއް ނުވެގެން އެމީހުން ދިރިއުޅޭ ގެއަށް ދިއުމުންނެވެ. ޖަސްޓިން މައިންބަފައިންގެ ގެއަށް ދިޔައިރު ގޭގައި ހުރީ ވެރިޓީ އެކަންޏެވެ. މަންމަ އާއި ބައްޕަ ފެންނަން ނެތުމުން ސުވާލު ކުރުމުން ވެރިޓީ ވަނީ މަންމަ އާއި ބައްޕަ ވީތަނެއް ނޭނގޭ ކަމަށް ބުނެފައެވެ.

ނަމަވެސް ޖަސްޓިން މަންމަ އާއި ބައްޕަގެ ކޮޓަރިއަށް ވަންއިރު ބެޑްޝީޓްގައި ލޭ ހުރުމުން އޭނާ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރިއެވެ.

ވެރިޓީއަށް އެންމެފަހުން މަންމަ އާއި ބައްޕަގެ ޚަބަރެއް ވެފައި ވަނީ މިމަހުގެ 07 ވަނަ ދުވަހު އެވެ. އެހެންވެ ފުލުހުން ވެސް މިހާރު ލަފާކުރާ ގޮތުގައި މުސްކުޅި ދެމަފިރިން މަރާލާފައި ވަނީ މިމަހުގެ 7 ނުވަތަ 8 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނާ ގޮތުގައި ވެރިޓީ އޭނާގެ މަންމަ އާއި ބައްޕަ މަރާލާފައި ވަނީ އެނދުމަތީގައި މަންމަ އާއި ބައްޕަ ތިއްބާ ވަރަށް ކައިރިން ބަޑި ޖަހައިގެންކަން މިހާތަނަށް ކަށަވަރު ކުރެވެއެވެ.

މަރާލުމަށްފަހު ހަށިގަނޑު ބުރިބުރިކޮށް ކޮށްލާފައި ހަށިގަނޑުގެ ބައެއް ބައިތައް ގެއިން ނެރެ ގެ ކައިރީގައި ހުރި ޑަސްބިންތަކަކަށް ވަނީ އަޅާފައެވެ. އަދި ހަށިގަނޑުގެ ބައެއް ބައިތައް ގޭތެރޭގައި ބެޑްޝީޓެއް އަޅާފައި ހުއްޓާ ވެސް ވަނީ ފެނިފައެވެ.

ފުލުހުން ބުނާ ގޮތުގައި ވެރިޓީ އޭނާގެ މައިންބަފައިން މަރާލި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިހާރު ޕްރޮސެކިއުޓަރުން ވަނީ ވެރިޓީގެ މައްޗަށް ގަސްދުގައި މީހުން މެރުމުގެ ދެދައުވާއެއް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު