އެއާ އިންޑިއާގެ ފްލައިޓްތަކުން ދަތުރު ކުރާ ފަސެންޖަރުންނަށް ދިމާވާ އެކި ކަންކަމުގެ ވާހަކަތައް މީސް މީޑިއާގައި ދެކެވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކުޑަކަމުދިޔަ މައްސަލަ އާއި އަންހެނެއްގެ ބެލޭންކެޓަށް ކުޑަކަމުދިޔަ މައްސަލަ ފެންމަތިވިއެވެ.

މިފަހަރު ފެންމަތިވެގެން އުޅެނީ ކާއެްްޗެހީގެ މައްސަލައެކެވެ.

އިންޑިއާ ނޫހަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ދާދި ފަހުން އަންހެން ނޫސްވެރިޔަކު އެ އާލައިންގެ ފްލައިޓެއްގައި ދަތުރުކުރަމުން ދަނިކޮށް އޭނާއަށް ލިބުނު ކާއެއްްހީގެ ތެރެއިން ކުޑަ ގާކޮޅެއް ފެނުނު ކަމަށެވެ.

އެކަން އެ ނޫސްވެރިޔާ ވަނީ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

ބީބީސީގެ ނޫސްވެރިޔާ ސަރްވަޕްރިޔާ ސަންގްވާން ވަނީ އެއާ އިންޑިއާ ފްލައިޓް 215އިން އޭނާއަށް ލިބުނު ރޭގަނޑުގެ ކެއުމުގެ ފޮޓޯއެއް ހިއްސާ ކޮށް، އެ ކެއުމުގެ ތެރެއިން ގާކޮޅެއް ފެނުނު ކަމަށް ބުނެފައެވެ.

އަދި އެކަން އޭނާ ކްރޫއަށް އެންގި ކަމަށްވެސް ބުނެފައި ވެއެވެ.

އެ ނޫސްވެރިޔާ އެކަން ޓްވިޓާގައި ހިއްސާ ކުރުމުން އެއާ އިންޑިއާއިން ޖަވާބު ދީފައި ވެއެވެ.

އެގޮތުން އެއާ އިންޑިއާއިން ބުނީ، މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި މިކަން މިހާރުން މިހާރަށް ކޭޓަރިން ޓީމްގެ ސަމާލު ކަމަށް ގެންނާނެ ކަމަށް ބުނެފައި ވެއެވެ.

"މިކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޝުކުރިއްޔާ".