ފަލަ މީހުން ބަރުދަން ލުއި ކުރަން އާދަޔާއި ހިލާފު ރަނގަޅު އެއްޗެއް ކަމަށް ބުނެ ހަކުރު ބަލީގެ މީހުން ޖަހަމުންދާ އިންޖެކްޝަނެއް އިސްތިހާރު ކުރަމުން އެބަގެންދާ ކަމަށާއި ނަމަވެސް ޑޮކްޓަރެއްގެ ލަފައެއް ނެތި އެއިންޖެކްޝަން ޖެހުމަކީ މަރު ވެދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.

ހަކުރު ބަލި މީހުންނަށް ޑޮކްޓަރުން ދެމުން ގެންދާ އިންޖެކްޝަނެއް ފަލަ މީހުން ބޭނުން ކުރުމުން އާދަޔާއި ހިލާފު އަވަސް މިނެއްގައި ބަރުދަން ލުއިވާކަމަށް ބުނެ ޓިކްޓޮކް އާއި އިންސްޓަގްރާމްގައި އަންނަނީ އިސްތިހާރު ކުރަމުންނެވެ.

ބަރުދަން ލުއިވާނެ ކަމަށް ބުނެ އިސްތިހާރު ކުރަމުންދާ އިންޖެކްޝަނަކީ Saxenda, Ozempic އެވެ.

ދުބާއީގެ ސްޕެޝަލިސްޓަކު "އަލް އަރަބިއްޔާ" އަށް މައުލޫމާތު ދެމުން ބުނީ ހަކުރު ބަލި މީހުންނަށް ވެސް ޑޮކްޓަރުން ފަރުވާ ދެނީ ބަލި މީހުންގެ ހާލަތައް ބަލައި، އިންޖެކްޝަން ޖަހަން ޖެހޭ ގޮތް ކަނޑައެޅުމަށް ފަހު ކަމަށެވެ. ޑޮކްޓަރެއްގެ ލަފައެއް ނެތި އެފަދަ އިންޖެކްޝަނެއް މީހަކު ބޭނުން ގޮތަކަށް ބޭނުން ކޮށްފިނަމަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެފްޑީއޭ އިން އެވެކްސިނަށް ހުއްދަ ދީފައި ވީނަމަވެސް ވެކްސިނަށް ހުއްދަ ދިން ބޭނުން ނޫން އެހެން ކަންކަމުގައި ވެކްސިން ބޭނުން ކުރުން އެއީ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑޮކްޓަރުން ދިން ނަމަވެސް މިފަދަ އިންޖެކްޝަނެއް ހަކުރުބަލި ނުހުންނަ މީހުން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަރުދަން އިތުރު މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އެއާއިއެކު ބަރުދަން ލުއި ކުރުމަށް އެކަށީގެންނުވާ ސަޕްލިމެންޓްތަކާއި ބޭސްތައް ބޭނުން ކުރުން ވެސް އަންނަނީ އިތުރުވަމުންނެވެ. އެފަދަ ކަންކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު