ކޮންމެ ދުވަހަކު އެވްރެޖު ކޮށް ފޭސްބުކް ބޭނުންކުރި މީހުންގެ އަދަދު، މިދިޔަ ޑިސެމްބަރު މަހު 2 ބިލިއަނަށް އަރައިފިއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައެވެ.

ހަރަދުތައް ބޮޑުވެ، އިޝްތިހާރުތަކުން ލިބޭ އާމްދަނީ މަދުވަމުން ދިއުމާއެކު، ކަންބޮޑުވެފައިވާ ކުންފުންޏަށް މިއީ ލިބިގެން ދިޔަ ހިތްހަމަ ޖެހުމެކެވެ. 2023 ވަނަ އަހަރަކީ "އެފިޝަންސީ ގެ އަހަރެއް" ގެ ގޮތުގައި މާކް ޒަކަބާގް އިއުލާނުކުރުމަށްފަހު، ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާގެ ހިއްސާތައް ވަނީ 15 އިންސައްތަ އިތުރުވެފައެވެ. ޒަކަބާގް ބުނެފައިވަނީ މިހާރު އަމާޒު ހުރީ ހަރަދު ކުޑަކުރަން ކަމަށެވެ.

"އަހަރެމެން މިތިބީ މިހާރު ތަފާތު މާހައުލެއްގައި." މެޓާގެ އާމްދަނީ އަށް އިޝާރާތް ކުރަމުން ޒަކަބާގް ބުނެފައިވެއެވެ. އެތައް އަހަރަކުއްސުރެ 2 އަދަދުގެ ނަންބަރުތަކުން އިތުރުވަމުން ދިޔަ އާމްދަނީ އަށް ފަހު، 2022 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުންފުނީގެ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

" އަހަރެމެން ލަފައެއް ނުކުރަން މިގޮތަށް ކުރިއަށް ދާނެ ކަމަކަށް، ނަމަވެސް ކުރިން އޮތް ގޮތަށް އަލުން ބަދަލުވާނެ ހެނެއްވެސް އަހަންނަކަށް ހިއެއް ނުވޭ." ޒަކަބާގް ބުނެފައިވެއެވެ.

އިންސްޓަގްރާމާއި، ވަޓްސްއެޕްގެވެސް ވެރި މެޓާ އިން ވަނީ މިދިޔަ އަހަރު ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި، އޮފީސް ސްޕޭސް ކުޑަކުރުމާއި، 11000 ވަޒީފާ މަދުކުރުން، ނުވަތަ 13 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުން ހިމެނެއެވެ.

ކުންފުނިން ބުނެފައިވަނީ އެ ކަންތައްތަކަށް މިދިޔަ އަހަރު 4.6 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށާއި، ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވި ކުންފުނީގެ ފައިދާ އަށް އެކަމުން އަސަރު ކުރަމުންދާ ކަމަށެވެ. އާމްދަނީ ދަށްވި ނަމަވެސް، މެޓާއަށް މިދިޔަ އަހަރު 23،2 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ފަހު ތިން މަހު މެޓާއަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ އެ ދުވަސްތަކާއި އަޅައި ބަލާއިރު 4 އިންސައްތަ ދަށްވެފައިވާ ކަމަށް އިއުލާނު ކުރި ނަމަވެސް، އެއީ އެނަލިސްޓުން ލަފާކުރި ވަރަށް ވުރެ ރަނގަޅު އަދަދެކެވެ.

ކޮންމެ ދުވަހަކު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ފޭސްބުކްގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މަދުވި ކަން މިދިޔަ އަހަރު މެޓާއިން ހާމަކުރުމުންނާއި، އިންވެސްޓްމެންޓުތައް ވާޗުއަލް ރިއަލިޓީ، މެޓަވާސް އަށް އަމާޒުކުރަން ވިސްނަމުން ދާކަމަށް މެޓާއިން އިޝާރާތް ކުރުމުން އިސްވެސްޓަރުންނަށް ވަނީ ހާސްކަން ލިބިގެން ގޮސްފައެވެ.

ނަމަވެސް ޑިސެމްބަރު މަހު، ކޮންމެ ދުވަހަކު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އަދަދު ވަނީ އޭގެ ކުރީ އަހަރާއި ބަލާއިރު، 4 އިންސައްތަ އިތުރުވެފައެވެ.

ޒަކަބާގް ބުނީ ކުންފުނީގެ އާ ވީޑިއޯ ޕްރްޑަކްޓް، ރީލްސް ވެސް ވަރަށް ބޮޑަށް މަގުބޫލު ވަމުންދާ ކަމަށެވެ.

ކުންފުނިން ކުރިއަށް އޮތްތަނުގައި ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރަމުންދާތީ، ކުންފުނީގެ ހިއްސާތައްވެސް ވަނީ މައްޗަށް ޖެހިލާފައެވެ.