ބަރުދަން ލުއިކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެއަށްވުރެވެސް އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަ ވެފައި އޮންނަނީ ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމެވެ. ހަށިގަނޑުގެ ހުރިހާ ހިސާބަކުން ސަރުބީތައް ވިރުވާލެވުނަސް، ބަނޑު ކުޑަވާ ހެނެއް ގިނަ ފަހަރު ހިއެއް ނުވެއެވެ.

ބަނޑުގައި ސަރުބީ ޖެހުމަކީ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެއްކަން އަހަރެމެން އެންމެނަށްވެސް އެނގެއެވެ. އޭގެ ތެރޭގައި ފަލަ ބައްޔާއި، ހަކުރު ބައްޔާއި، ހިތުގެ ބަލި ހިމެނެއެވެ. އެހެން ކަމުން ބަނޑުގެ ސަރުބީތައް ވިރުވާލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ދުޅަހެޔޮ ގޮތެއްގައެވެ. ރަނގަޅު، ދުޅަހެޔޮ އާދަތަކަކުން މި މަރުހަލާ އަވަސް ކޮށްދެއެވެ.

ނިއުޓްރިޝަނިސްޓެއް ކަމަށްވާ އަންޖަލީ މުކަރްޖީ ވަނީ ދުޅަހެޔޮ ގޮތެއްގައި ބަނޑު ހިންދާނެ ގޮތްތަކެއް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

ފައިބަރ ހުންނަ ކާނާ ގިނައިން ކެއުން

ފައިބަރ އިން އަވަހަށް ބަނޑު ފުރާލަދޭ އިރު، ހަޖަމު ކުރުންވެސް ރަނގަޅު ކޮށްދެއެވެ. އެއާއެކު ކާނާގައި ހުންނަ ކެލަރީތައް ޕްރޮސެސް ކުރަން މަގުފަހި ވެގެންދެއެވެ. ނިއްޓްރިޝަނިސްޓް ވަނީ މިކަމަށް އޯޓް ބްރޭން، އަދި ވީޓް ބްރޭން ބޭނުން ކުރުމަށް ހިޔާލު ދީފައެވެ. އެއީ އޯޓްސްއާއި، ގޮދަނުގެ ބޭރުގައި އިންނަ ތޮށިގަނޑެވެ. ފައިބަރ ގިނައިން ހުންނަ ކާނާގެ ތެރޭގައި ކެރެޓް، ބީޓްރޫޓް، ކޯލީ ފްލާވަރ، ބްރޮކޮލީ ފަދަ ތަރުކާރީ ހިމެނޭއިރު، އާފަލު، ދޮންކެޔޮ، ސްޓްރޯބެރީ ފަދަ މޭވާތައް ހިމެނެއެވެ. އަދި އެކި ވައްތަރު ނަޓްތަކާއި، ތޮޅިއާއި، މުގު، އަދި ގޮވާމުގެ ބާވަތްތައް ކަމަށްވާ އޯޓްސް އަދި ކީނުއާ ފަދަ އެއްޗެހީގައި ވެސް ގިނައިން ފައިބަރ ހުރެއެވެ.

ރިފައިންޑް ކާރބޯހައިޓްރޭޓްސް އާއި ދުރުވުން

ރިފައިންޑް ކާބްސްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހަކުރާއި، ޕްރޮސެސް ކޮށްފައި ހުންނަ ގޮވާމުގެ ބާވަތްތަކެވެ. ރިފައިންޑް ކާބްސްއިން ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައިސް، ބަރުދަން ލުއި ކުރަން އުނދަގޫވެގެން ދެއެވެ. އެހެންކަމުން ބަނޑު ހިންދަން ބޭނުންވާނަމަ، ކޭކު، ޕިއްޒާ، ހުދު ޕާން ފަދަ އެއްޗެހިން ދުރުވެ، ހޯލް ގްރެއިން، އޯޓްސް، ބްރައުން ބްރެޑް ފަދަ ދުޅަހެޔޮ ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗެހި ބޭނުން ކުރަން ނިއުޓްރިޝަނިސްޓު ލަފާ ދެއްވާފައި ވެއެވެ.

40 އަހަރުން މަތިވުމުން ކާބޯހައިޑްރޭޓްސް ބޭނުންކުރާ ވަރު މަދުކުރުން

އުމުރު މައްޗަށް ދާ ވަރަކަށް، ހާއްސަކޮށް 40 އަހަރުން މަތިވުމުން ހަށިގަނޑުން ހަކަތަ އުފެއްދުމަށް ކާބޯހައިޑްރޭޓްސް ބޭނުން ކުރުމުގެ ގާބިލުކަން ކުޑަވެއެވެ. ނިއުޓްރިޝަނިސްޓް ލަފާ ދެއްވަނީ 40 އަހަރުވުމުން، ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ކާރބްސް؛ ރަނގަޅު އަދި ނުރަނގަޅު ވިޔަސް 40 އިންސައްތަ މަދު ކުރުމަށެވެ.

ކާ ކެއުންތައް ކުޑަ ކުރުން

މަދުން ކާނާ ކެއުމަކީ ހަށިގަނޑު ކެލަރީ ޑެފިސިޓް އަކަށް ދާން މަގު ފަހި ކޮށްދޭ ކަމެކެވެ. ކެލަރީ ޑެފިސިޓް އަކީ ހަށިގަނޑުން އަންދާ ކެލަރީ އަށްވުރެ، އެތެރެ ކުރާ ކެލަރީ މަދުވުމެވެ. ކެލަރީ ޑެފިސިޓް އަކަށް ދިއުމުން ގައިގެ ސަރުބީތައް، ހާއްސަކޮށް ބަނޑުގެ ވަށައިގެން ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލަން އެހީތެރި ވެދެއެވެ. އެެހެންކަމުން ކޮންމެ ދުވަހަކު ބޮޑު ތިން ކެއުން ކެއުމުގެ ބަދަލުގައި ކޮންމެ ހަތަރު ގަޑިއަކުން ކުޑަ ކުޑަ ކެއެމެއް ކާން ނިއުޓްރިޝަނިސްޓް ލަފާދެއްވައެވެ.

ކޮންމެއަކަސް މިއީ އެއް ނިއުޓްރިޝަނިސްޓް ލަފާ ދެއްވާފައި ގޮތެވެ. އެކި އެކި ބަލިތައް ހުންނަ މީހުންނާއި، ބޭސް ބޭނުންކުރާ މީހުން ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ޑޮކްޓަރުގެ ނުވަތަ ނިއުޓްރިޝަނިސްޓެއްގެ ލަފާ ހޯދަން ޖެހޭނެއެވެ.