ގިނަ ބެލުންތެރިންގެ ސަމާލުކަން ދަމައިގަތް މަޤްބޫލު "ދެކެދެކެވެސް ފިލްމް ޕްރޮޑަކްޝަން" އިން ޕްރޮޑިއުސް ކޮށްފައިވާ ދިވެހި ޑްރާމާ ސީރީޒް "ލަފްޒު"ގެ ސީޒަން 2 ވަރަށް އަވަހަށް މީޑިއާ ނެޓްގެ އެމް އެސް އޮރިޖިނަލްގައި އަޅުވަން ހަމަޖެހިފައިވާ ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ މި ސްކްރީން ޕްލޭގެ ޕްރޮޑިއުސަރަކީ މުހައްމާއެވެ. އަދި މި ޑްރާމާގެ ޑައިރެކްޓަރަކީ ކުރީގެ ސީޒަން 1ގެ 15 އެޕިސޯޑްވެސް ޑައިރެކްޓްކޮށްދީފައިވާ ފިލްމީ ތަރި އަޙްމަދު ނިމާލްއެވެ. މި ޑްރާމާގެ ފުރަތަމަ ސީޒަންގެ ތަރިންނާއިއެކު ދެ ވަނަ ސީޒަންގައި ޖުމްލަ 15 އެޕިސޯޑެއް ގެނެސް ދޭނެއެވެ.

މި ސީޒަންގެވެސް ލީޑް ބަތަލުންގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ އަދި ޢަލީ އާޒިމް (ދޮންއައްޔަ) ފެނިގެން ދާނެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ އާއިލާއެއްގެ ތެރޭގައި ކުޑައިރުއްސުރެން އަންހެންކުއްޖަކަށް ދިމާވާ ޖިންސީ އަދި ނަފްސާނީ އަނިޔާތަކުން އޭނާގެ ދިރިއުޅުމަށް ދިމާވާ ޙާލަތުގެ މައްޗަަށެވެ.

މުހައްމާ ވިދާޅުވީ، މި ފިލްމުގެ ވާހަކަ ތަފާތު ވާ ތަންކޮޅަކީ ސީރީޒްގެ ބަތަލާއަށް ދިމާވާ އަނިޔާތައް 4 މީހަކަށް ތުހުމަތުވާއިރު، އޭގެ ތެރެއިން ސުވާލު އުފެދޭ ބައިވަރު ސިއްރުތައް ހިމެނޭތީ ކަމަށެވެ.

އޭނާއަށް ގޯނާކުރަނީ ކާކުކަން ސީޒަން 1 ނިމޭއިރުގައިވެސް ވާހަކައިގެ ޝަހްސުތަކުގެ ތެރެއިން އެއްވެސް މީހަކަށް ނޭނގެއެވެ. ހަމަ އެއާއިއެކު، މި ޑްރާމާގައި އިސް ރޯލްތަކުން ފެނިގެންދާ ތިން މީހުންގެ ފަރާތުން ލޯބީގެ ވާހަކަތައްވެސް މި ފިލްމްއިން ފެނިގެންދާނެއެވެ.

ވަރަށް ގިނަ ތަރިން އެކުލެވިގެންވާ މި ޑްރާމާގެ ސީޒަން 1 ގައި ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކަށް މި ފަހަރު މި ނިކުންނަ ސީޒަން 2 އިން ޖަވާބު ލިބިގެންދާނެ ކަމަށް މުހައްމާ ވިދާޅުވިއެވެ.

"ލައިކާ އަލިބެ ދެކެ އެ ވަރަށް ބިރުގަންނަނީ ކީއްވެގެންކަން އިނގޭނެ. ސީޒަން 1 ނިމިގެންދިޔައިރު، ބަތަލާ ބަލިވެ އިނީ ކާކުގެ ދަރިއަކަށް ކަން. ބަތަލާ ދެކެ މައިންބަފައިން ރުޅި އަންނަނީ ކީއްވެގެންކަން. އަދި ޑްރާމާއަށް "ލަފްޒު" މި ނަން ކިޔަނީ ކީއްވެގެންކަންވެސް އެނގިގެންދާނެ"، މުހައްމާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުހައްމާ ވަނީ މި ޑްރާމާގެ މަސައްކަތުގައި އެހީވި އެކި ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. އޭގެ ތެރޭގައި ކެމެރާކުރުމުގައި ޝާމިލުވެ އަދި ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކުރަމުންދާ ފިލްމީ ތަރި ޔޫސުފް ޝަފީއު(ޔޫއްޕެ)ގެ ފުރަތަމަ ޕޯސްޓް ޕްރޮޑަކްޝަން އަދި ކެމެރާ މަސައްކަތް ކުރަމުންދާ ފަހަރުކަން މުހައްމާ ވަނީ ފާހަގަކުރައްވާފައެވެ.

މުހައްމާ ވަނީ މާކުރަތު ރައްޔިތުންގެ މެހެމާންދާރީ އަދި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ޑްރާމާގެ މަސައްކަތް ކޮށްފައިވާ މުޅި ޓީމަށް ކެއިންބުއިން އިންތިޒާމްކުރި މާކުރަތުގެ ރައްޔިތެއް ކަމަށްވާ ޝީޒާގެ ފުރިހަމަ އިންތިޒާމްތައްވެސް މުހައްމާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔ

    މައުމޫނުއިރުގަ މާރަގަޅު. މިކަހަލަވިޔާނުދާމީހުންޓީވީން ދެއްކުންމަނާކުރޭވިއްޔާ.

    16
    2