އަވިގަދަ ދުވަހެކެވެ. ގަލޮޅު ސަހަރާ ތެރެ ވަރަށް ހަލަބޮލިއެވެ. ހީވަނީ މިއަދުވެސް މީހަކު މަރުވެގެން އުޅޭހެންނެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން މާގިނައިރަކު އެތަނުގައި މީހުން މަޑެއްނުކުރެއެވެ. އެންމެންހެން ގޮސް ހުސްވެއްޖެއެވެ. އެހެނަސް އަރާހާ އަވީގައި ޖެހިބުދެއްހެން އާނާ ހުރީ ކަޅިވެސް ޖަހާނުލާ އެ މަހާނައަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު މަޑުފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ދިޔައެވެ. ގޮސް މަހާނަ ގަލުގައި ލިޔެފަ އޮތް ނަމުގައި އޭނަގެ އަތް ކާއްތާލިއެވެ.

"އާނާ!" ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އެއީ ނަބީލްއެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަބީލް ހުރީ ހިނިތުންވެފައެވެ.

" އާނާ! ނުރޮއި. ހުއްޓާލާ! ދުނިޔޭގަ އުޅޭއިރު އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައްވެސް އަންނާނެ. ކެތްކުރާތި! އަހަރެން ނެތަސް އަހަރެންގެ ހަނދާންތައް އާނާ އެކުވާނެ. އަހަރެމެންގެ މިގުޅުން ގިޔާމަތާ ޖެހެންދެން ދެމިއޮންނާނެ"!

އާނާއަށް ލޯހުޅުވުނު އިރު ނަބީލް ފެންނާކަށް ނެތެވެ. މަހާނަ ގަލުގައި ބޯއަޅައިގެން އޮވެ ރޯން ފެށިއެވެ.

" ނަބީލް! ނަބީލްއާ ނުލާ ކިހިނެއް އަހަރެން ދިރިއުޅޭނީ! ދެން ކާކު އަހަންނަށް އެހީތެރިވެދޭނީ. ކާކު އަހަންނަށް ހިޔާލު ދޭނީ، ކާކު އަހަރެން ކުރާ ޝަކުވާތައް އަޑުއަހާނީ…ނަބީލް! އަހަރެން އެކަނި ދޫކޮށްފަ ނުދޭ!ނުދޭ!.." އާނާ ގިސްލަ ގިސްލާފަ ރޮނީއެވެ.

މީހަކު އާނާގެ ކޮނޑުގަ ހިފުމުން އާނާ ފަސްއެބުރި ބަލާލިއެވެ. އެއީ އާނާގެ ފިރިމީހާއެވެ. އާނާ ރަޔާންގެ ގައިގަބާރަށް ބައްދައިގަތެވެ. ރަޔާން އާނާ ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން އާނާ ރޯތަން ފެނުމުން ރަޔާންއަށް ވެސް ރޮވުނެވެ. ރަޔާން އާނާ ގޮވައިގެން ގެޔަށް ދާން ހިނގައިގަތެވެ. އާނާ ފަސް އެނބުރި މަހާނަޔަށް ބަލަމުން ދިޔައެވެ. މަހާނަ ކައިރީގަ ނަބީލް ހުއްޓެވެ. ހިނިތުންވެފަ އާނާ އަށް ހަނާ އަޅަނީއެވެ.

ގެޔަށް ދިއުމުގެ ބަދަލުގަ ރަޔާން ދިޔައީ އާނާ ގޮވައިގެން ނަބީލްމެން ގެޔަށެވެ. އެގެޔަށް ދިޔަ އިރު ނަބީލްގެ އަންހެނުން ދީމާވެސް ރޮނީއެވެ. އާނާގޮސް ދީމާ ކައިރީ އިށީނެވެ.

" ދީމާ! ކެތްކުރޭ. ނަބީލް އަބަދުވެސް އަހަރެމެންނާއެކު ވާނެ. އަހަރެމެންގެ ހިތުގަ.. ދެންނު ރޮއި.. ދީމާ ތިހެން ރޮއި ހިތާމަ ކުރަންޏާ ނަބީލް ކިހާ ދެރަވާނެ..." މިހެން ބުނެފަ އާނާ ރޮމުން ބޭރަށް ދުއްވައިގަތެވެ. ފަހަތުން ރަޔާން ވެސް ނުކުތެވެ. އާނާގެ އެދުމުގެ މަތިން ރަޔާން އާނާ ގެޔަށް ގެންދިޔައެވެ. އެދުވަހަކީ އާނާގެ ހަޔާތުގަ އެންމެ ހިތާމަވެރި ދުވަހެވެ.

ރަޔާން އޮތީ ރޭގަނޑުގެ އަރާމް ނިދީގެ ތެރެއަށް ގެނބިފައެވެ. އާނާގެ ލޮލުގަ ނިދީގެ ކަންފުޅެއްވެސް ނެތެވެ. އާނާ ހުރީ ބެލްކަނީގައެވެ. މާލޭގެ ހަލަބޮލި މަގުތަކުގަ ދުއްވާއެއްޗެހި މަދެއްނުވެއެވެ. މިއޮތް ދަންވަރު ހިނގާފަ އުޅޭމީހުންވެސް މަދެއްނުވެއެވެ. ކުއްލިއަކަށް އާނާގެ ލޮލުގަ އަޅައިގަތީ މަގުގެ އެއްފަރާތެއްގަ ހުރި ކުޑަވަރެއްގެ ކަޑައެކެވެ. އާދަވެގެން ކޮންމެ ރެޔަކު ނަބީލް އެ ކަޑައަށް ކޮފީ ބޯން އަންނާނެއެވެ. ބައެއް ދުވަސް ދުވަހު އާނާ އާ ދެމީހުން އެތައް އިރެއްވަންދެން ވާހަކަ ދައްކަން ތިބެއެވެ. އެދުވަހަކު ކިތަންމެ ކުޑަ ކަމެއް ހިނގިޔަސް އެވާހަކަ އާނާ ނަބީލްއާ ޝެއާކުރެއެވެ.

އިޙްތިޔާރަކާނުލާ އާނާގެ ލޮލުން ކަރުނަ އޮހިގަތެވެ. ކުރިމަތިން ސިފަވެގެން ދިޔައީ އާނާގެ މާޒީއެވެ.

އާނާއަކީ އުފަން މާލޭ ކުއްޖެއް ނޫނަސް ކުޑައިރުއްސުރެ ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އާނާ އާ ނަބީލް ދިމާވީ ފިހާރައެއްގެ ތެރެއިންނެވެ. އެދުވަހު އާނާއަށް ނަބީލް އެނގެނީ އެ ފިހާރައިގަ އުޅޭ ސޭލްސް ބޯއި އެއްގެ ގޮތުގައެވެ. އާނާ ފިހާރައިން ނުކުންނަން އުޅެނިކޮށް ފިހާރަ ތެރެއިން މީހަކު ގޮވާލިއެވެ. އާނާ ބަލާލިއިރު އެމީހަކު އަތުގަ އާނާގެ ފޯނު އޮތެވެ. ހަނދާން ނެތިގެން ކައުންޓަރ މަތީ ބާއްވާފަ ނުކުމެވުނީއެވެ. އާނާ އެމީހާއަށް ޝުކުރު އަދާކުރިއެވެ.

"ނަބީލް!" މީހަކު ގޮވާލި އަޑަށް ނަބީލް އެތެރެއަށް ހިނގައިގަތެވެ. އާނާއަށް ނަބީލްގެ ނަން އެނގުނީ އެފަހުންނެވެ.

ޖެހިގެން އައި ދުވަހު އާނާ އޭނަގެ އެކުވެރިންނާއެކު ކޮފީއަކަށް ދިޔައިރު އެތަނުގައި ނަބީލް އިންދާ ފެނުނެވެ. އާނާ ނަބީލްއަށް ގޮވާލިއެވެ. ނަބީލް ހުރީ ހައިރާންވެފައެވެ. އޭނަގެ ނަން އެކުއްޖަކަށް އެނގުމުންނެވެ. އާނާ އައިސް އިނީ ނަބީލް އިން މޭޒުގައެވެ. ވަރަށް ގިނައިރު ވާހަކަ ދެކެވުނެވެ. އެކަކު އަނެކަކު ރަނގަޅަށް ދަސްވިއެވެ. ނަބީލް އަކީ މީހެއްގެ ފިރިއެއް ކަމާއި މާލޭގަ ދިރިއުޅެނީ ވަޒީފާ އަދާކުރަން ކަމެވެ. އޭގެ ފަހުން ނަބީލް އަކީ އާނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ދުވަހަކުވެސް ދެމީހުން ބައްދަލުކުރެއެވެ. މިގޮތުން ގުޅުން އައީ އިތުރަށް ބަދަހި ވަމުންނެވެ.

އޭރު އާނާ އުޅުނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. ހޫދު އަކީ ރާއްޖެތެރޭ ރަށެއްގެ ކުއްޖެކެވެ. ހޫދުއާ އާނާ ބައްދަލުވީ ފޯނުންނެވެ. ދެކުދިން ރައްޓެހިވެގެން އުޅޭތާ މިވީ ހަމަހެވެ. އާނާ ހޫދުދެކެ ވަރަށް ލޯބިވެއެވެ. ހަމައެފަދައިން ހޫދުވެސް އާނާ ދެކެ ލޯބިވާ ކަމަށް ބުނަމުންގެންދިޔައެވެ. އާނާއާ ނުލާ ދިރިނުއުޅެވޭނެ ކަމަށެވެ. ހޫދު ގުޅާ ކޮންމެ ފަހަރަކުވެސް އާނާ ނަބީލްގެ ވާހަކަ ދައްކައެވެ. ނަބީލް އާނާއަށް ރަގަޅު ވާހަކައާއި ނަބީލްއާއެކު ކޮފީއަށް ދާ ވާހަކައާއި ނަބީލްއަކީ އާނާގެ ބެސްޓްފްރެންޑް ކަންވެސް އާނާ ހޫދު އަށް ކިޔައިދެއެވެ. އެއްވެސް ވާހަކައެއް ހޫދުއަށް ސިއްރުކުރަން އާނާ ބޭނުން ނުވާތީއެވެ. އެހެނަސް އާނާ މިހުރިހާ ވާހަކައެއް ހޫދުއަށް ކިޔައިދިނުމުން ހޫދު އެއިން ނުބައި މާނައެއް ނަގާނެ ކަމަކަށް އާނާ ހީވެސް ނުކުރެއެވެ. އާނާއާއި ނަބީލްގެ ގުޅުމަށް ހޫދު ޝައްކު ކުރާތީ އާނާ ނިންމީ ކުޑަދުވަސްކޮޅަކަށް ނަމަވެސް ނަބީލްއާ ދުރުގަ އުޅުމަށެވެ. ނަބީލްއާ ބައްދަލުނުކުރުމަށެވެ. އެހެންކަމުން އާނާ ގެއިންވެސް ނުނުކުމެއެވެ. ނަބީލް ގުޅިޔަސް ބަލީއޭ ކިޔާފަ ބަހަނާ ދައްކަނީއެވެ.

މިގޮތުގާ ދެމަސް ނިމިގެން ދިޔައިރުވެސް ނަބީލް އަކަށް އާނާގެ ހަބަރެއް ނުވެއެވެ. ނަބީލް ގުޅިޔަސް އާނާ އެއްވެސް ވާހަކައެއް ކިޔައިނުދެއެވެ. ހޫދުއާއި އޭނާގެ ގުޅުން މިހާރު ކުރިޔާ ހާސް ތަފާތެވެ. ހޫދު ބޭނުންވީ ދުވަސްކޮޅަކަށް ރަހުމަތްތެރިކަމުގެ ގުޅުން ބޭއްވުމަށެވެ. ހޫދު ޝައްކު ކުރާތީ އާނާ ނަބީލްގެ ވާހަކަ ނުދައްކައެވެ. ހޫދު ބޭނުންވިގޮތަށް ރަހުމަތްތެރިންގެ ގޮތުގަ ވެސް އާނާ ބޭނުންވީ ހުންނާށެވެ. ހޫދުއާ ވަކިން އުޅުމަކީ އާނާއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އެހެނަސް މިއިން އެއްވެސް ވާހަކައެއް އާނާ ނަބީލްއަށް ކިޔައިނުދެއެވެ. ނަބީލް އެހިޔަސް އާނާ ބުނަނީ ހުރިހާ ކަމެއްވެސް ރަގަޅުކަމަށެވެ. ފަހަކަށް އައިސް ހޫދު ބުނަމުން ދިޔައީ އާނާދެކެ ލޯބިވާ ވާހަކައެވެ. އާނާއާ ކައިވެނިކުރަން ބޭނުންވާ ވާހަކައެވެ. އާނާ ވަރަށް އުފާވިއެވެ. އާނާ ބޭނުންވީ ނަބީލް ކައިރީ މިވާހަކަ ބުނުމަށެވެ. އެހެންކަމުން ނަބީލްއަށް ގުޅާފަ ކޮފީއަކަށް ދާން އެދުނެވެ. އެދުވަހު އާނާ ނަބީލް އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހޫދު ބޭނުންވަނީ ކައިވެނިކުރަން ކަމަށާއި ކައިވެނީގެ ފަހުން އާނާ އުޅެންޖެހޭނީ ހޫދުގެ ރަށުގަ ކަމަށެވެ. އެގޮތަށް ވެސް އާނާ ރުހިގަބޫލެވެ.

އާނާއާއި ހޫދުގެ ގުޅުމަށް އަހަރަކާއި ތިންމަސްވީއެވެ. އެއްދުވަހު އާނާ އޮތީ އެނދުމަތީގައި ފޮތެއްކިޔާށެވެ. އެހެންއޮތްވާ ހޫދު ގުޅިއެވެ. ހޫދުގެ ވާހަކަ ހުރިގޮތުން ކޮންމެވެސް ގޯހެއް އުޅޭކަން އާނާއަށް އެނގުނެވެ. އެތައްފަހަރަކު މަތިން އެހުމުންވެސް ވީގޮތް ނުބުންޏެވެ.

އާދައިގެމަތިން އާނާ އޮތީ ހޫދުގެ ފޯނުގެ އިންތިޒާރުގައެވެ. އެހެންއޮތްވާ ނިދިއްޖެއެވެ. ހޭލެވުނުއިރު ގަޑިން އެކެއް ޖަހަނީއެވެ. ލޯ ހަމަ ހުޅުވުމާއެކު ފޯނަށް ބަލާލިއެވެ. އަދިވެސް ހޫދު ނުގުޅައެވެ. އާނާ ގުޅުމުން ފޯނުކަނޑާލައެވެ. އާނާ ވަރަށް ކަންބޮޑުވިއެވެ. އިރުކޮޅަކުން ހޫދު ގުޅިއެވެ.

" އާނާ!"

"ކިހިނެއްވީ އަހަރެން ގުޅީމަ ފޯނުކަޑާލީ!"

"އާނާ! އަހަރެންގެ މަންމަގެ އެދުމުގެ މަތިން އަހަރެން މިއުޅެނީ ރަށު ކުއްޖަކާ އިންނަން. "

ހޫދުގެ މިޖުމްލަ އާނާގެ ކަންފަތުދޮށު ގުގުމާލިއެވެ.

"އެގޭ އާނާ ދެރަވާނެކަންވެސް މިހެންބުނުމުން. އެކަމަކު އަހަރެން އާނާއަށް އޮޅުވާލަން ބޭނުމެއް ނުން. އާނާ! އަހަންނަށް މާފްކުރޭ...އަހަރެން އާނާ ދެކެ ވަރަށް ލޯބިވޭ...އަބަދުވެސް ވާނަން.." ހޫދު މިހެންބުނުމުން އާނާ އެއްޗެކޭ ނުބުނެ ފޯނުބާއްވައިފިއެވެ.

އެރެޔަކީ އާނާގެ ހިތަށް ބޮޑުތޫފާނެއް އައި ރެއެކެވެ. ހިތް ކުދިކުދިވިކަހަލައެވެ. ރޮއިރޮއި ހަލާކުވެއްޖެއެވެ.

" ހޫދު! ކީއްވެ އަހަންނަށް ތިހެންތިހެދީ..ކޮބާ އަހަރެންގެ ކުށަކީ....ދެން ކީއްވެ.." އާނާ އަދިވެސް ރޮނީއެވެ. ހެދުނުވީ ކަމެއްވެސް ނޭނގެއެވެ.

ކޮޓަރީގެ ދޮރުގަ މީހަކު ޓަކިދިނުމުން އާނާ އެދުން ތެދުވެ ލޯފޮހެލިއެވެ. މަޑުމަޑުން ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީ ހުރީ މަންމައެވެ.

" އާނާ! ކިހިނެއްވެފަ ތިހިރީ..ރޭގަ ނުނިދަންތަ ؟"

"އާ މަންމާ! ރޭގަ ހޭލާއިނދެ ޕްރޮޖެކްޓް ހެދީ."

" އާދޭ މޫނުދޮވެގެން ސައިބޯން.."

މަންމަ ދިއުމުން އާނާ ދޮރުލައްޕާލިއެވެ. އާނާއަށް އަދިވެސް ރޮވެނީއެވެ. ރޮއިރޮއި އިންދާ ފޯނުރިންގުވާން ފެށިއެވެ. އާނާ ވަރަށް އުފާވިއެވެ. ޔަޤީން އެގުޅީ ހޫދުއެވެ. މިހެންހިތާ އަވަސް އަވަހަށް ގޮސް ފޯނު ނަގާ ހަލޯ ކިޔާލިއެވެ. އެވަގުތު އާނާގެ މޫނުމަތިން އެއުފާވެރިކަން ކެނޑިއްޖެއެވެ. ގުޅީ ނަބީލްއެވެ. ހެނދުނު ކޮފީއަށް ދާންވެގެންނެވެ.

" ހަލޯ! އާނާ! ހިނގާބަ ކޮފީއަކަށް ދަމާ!" އާނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ނަބީލް އާނާއަށް ގޮވާލިއެވެ.

" ހޫމް.." އާނާ ދިނީ ކުރުޖަވާބެކެވެ. ފޯނު ބާއްވައިފިއެވެ.

ނަބީލް އިނީ އާނާމެންގޭ ކުރިމަތީ ހުރި ކަޑައެއްގައެވެ. އާނާގެ އިންތިޒާރުގައެވެ. ނަބީލް ފިހާރައަށް ދަނީ މެންދުރު ފަހު ކަމުން ހެދުނު އެއްކޮށް އުޅެނީ އާނާއެކީގައެވެ. މާދުރުން އިސްޖަހައިގެންހުރެ އާނާ އަންނަތަން ނަބީލްއަށް ފެނުނެވެ. އާނާ ފެނުމުން ނަބީލް ހައިރާންވިއެވެ. އާނާއަށް އައިސްފަ ހުރި ބަދަލުތަކަކުންނެވެ. އެއީކީ އިއްޔެ ނަބީލްއާ ބައްދަލުވި އާނާއެއް ނޫނެވެ. މުޅިން އާ މީހެކެވެ.

އާނާ އައިސް ނަބީލްގެ ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނީއެވެ. ނަބީލް އިނީ އާނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ކޮފީ ތަށިން ކޯވަރެއް ބުއިމަށްފަހު ކޮފީތަށި ބެހެއްޓީއެވެ. ދެންވެސް އާނާ އެއްޗެކޭ ނުބުނެއެވެ. އިސްޖަހައިގެން އިނީއެވެ. އާނާގެ ލޮލުން ފޭބި ކަރުނަ ތިކި ނަބީލްއަށް ފެނުމުން ނަބީލް އެ ކަރުނަތިކި ފޮހެދިނެވެ. އާނާ ނަބީލްއަށް ބަލާލިއެވެ.

” އާނާ! ކިހިނެއްވީ ތިރޮނީ. ބަލީތަ މިއަދު. ހާދަ ފާޑަކަށް ތި އިންނަނީ..އަނެއްކާ ކަމެއްވީތަ.." ނޫނެކޭ ބުނުމުގެ ގޮތުން އާނާ ދެއަތަށް ބޯ ހޫރާލިއެވެ.

" ނަބީލް! އަހަރެން ދެން ދަނީ. ކްލާހަށް ދާ ގަޑި ޖެހެނީ.." އާނާ ދާން ނުކުތުމުން ނަބީލްވެސް ބިލް ދައްކާފަ ނުކުތީއެވެ.

" އާނާ! މަޑުކޮށްބަލަ! ކޮންމެވެސް ކަމެއްވެއްޖެ. ނުބުނަން ތިއުޅެނީ..އަޅެބުނެބަލަ..މީ އާނާގެ ބެސްޓް ފްރެންޑް އެއްނުދޯ. ބުނެބަލަ.." ނަބީލް މިހެންބުނުމުން އާނާއަށް ރޮވުނެވެ.

" ނަބީލް! ހޫދު.."

" ކިހިނެއްވީ ހޫދުއަށް.. ހޫދު އެއްޗެކޭ ބުނީތަ.."

" ހޫދު. އޭނަގެ މަންމަގެ އެދުމުގެ މަތިން ރަށު ކުއްޖަކާ އިންނަނީ.."

އާނާއަށް ގަދައަށް ރޮވިއްޖެއެވެ.

ކަނޑުގައިވާ ކޮންމެ ގަލަކަށް މަހެއްވާނޭ ބުނެ ނަބީލް އާނާއަށް ހިތްވަރުދީ އެ ހަނދާންތަކާ އާނާ ދުރަށް ގެންދެވޭތޯ ވަރަށް މަސައްކަތްކުރެއެވެ. އެހެނަސް އާނާ އަބަދުހެން އިންނަނީ މާޒީގެ ކަނޑުތެރެއަށް ޤަރަގުވެފައެވެ. އެ ހަނދާންތަކާ ދުރަށްދާން ކިތަންމެ އުޅުނަސް ވަނީ ނާކާމިޔާބެވެ. އާނާގެ ހަޔާތުގެ ތިންއަހަރު ފާއިތުވެގެން ދިއައީ މިގޮތުގައެވެ. މިހާރު އާނާގެ ހުރިހާކަމަކީވެސް ނަބީލްއެވެ. ނަބީލްނޫނީ އާނާގެ އިހުސާސްތައް ދެނެގަންނާނެ ހަމަ އެކަކުވެސް ނެތެވެ. ނަބީލްގެ ބުރަމަސައްކަތުން އާނާގެ ހަޔާތަށް އެހެން މީހަކު ގެނައުމަށް އާނާ ނިންމިއެވެ.

ރަޔާންއަކީ އަޚްލާގު ރަނގަޅު ހެޔޮލަފާ ވިސްނުން ތޫނު މީހެއްކަމުން އާނާގެ މާޒީ އެނގިހުރެ އޭނާ ، އާނާއާ ކައިވެނިކުރަން ރުހި ޤަބޫލުވިއެވެ. ރަޔާންއަކީ އާނާގެ މައިންބަފައިންގެ ހޮވުމެކެވެ. އެހެންކަމުން އާނާ މިކަމާ އާބަސް ބުނީއެވެ. ރަޔާންއާއި އާނާގެ ކައިވެނި ކުރަން ދެދުވަހަށްވެފައިވަނިކޮށް ހޫދު އާނާއަށް ގުޅިއެވެ. މާފަށްއެދި އޭނަގެ ހަޔާތަށް އެނބުރި އައުމަށް އާނާ ކައިރީ އެދުނެވެ. އެހެނަސް އާނާ ބޭނުންވީ ނަބީލްގެ މަޝްވަރާއެއް ހޯދުމަށެވެ.

ނަބީލްއަށް މިކަން އެގުމުން ނަބީލް އާނާއަށް ވިސްނުވައިދިނެވެ. އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުއްމާލާނެ ކަމާއި ރަޔާން އަކީ އާނާއަށް އެންމެ ރަގަޅު ބައިވެރިއެއް ކަމުގައެވެ. އާނާ ނަބީލްގެ ބަސް ޤަބޫލުކޮށް ހޫދު ގުޅިއަސް ފޯނުވެސް ނުނަގައެވެ. މިގޮތުގާ އާނާއާއި ރަޔާންގެ ކައިވެނި ކުރެވިގެންދިޔައެވެ.

މިރެއަކީ އާނާ އެންމެ ކުޑައިރުއްސުރެ އިންތިޒާރުކުރަމުން އައި ރެއެވެ. އާނާ އެންމެ އުފާވާނޭ ރެއެވެ. ރަޔާން ކޮޓަރިއަށް އައިސް ވަންއިރު އާނާ އިނީ ފިނިފެންމަލުން ފުރާފައިވާ އެނދެއްގެ މަތީގައެވެ. މިރޭ ރަޔާންއަށް އާނާ ފެންނަމުންދަނީ މާބަޤީޗާއެއްގައި ފޮޅިފައި އިން ތާޒާ ފިނިފެންމަލެއްގެ ސިފައިގައެވެ. މީރުވަހުން މުޅިކޮޓަރި ވަނީ ފުރާލާފައެވެ. ރަޔާން އައިސް އާނާއާ ކައިރިވުމުން އާނާ މަޑުމަޑުން ލޯމަރާލިއެވެ. އެވަގުތު ޖަންބުކުލައަރަމުންދިޔަ ކޯތާފަތުގާ ރަސްކަން ކުރީ ކަރުނައެވެ.

އާނާއަށް ހޭލެވުނީ ފެންބޮވައިގެންނެވެ. އާނާ އެންމެ ފުރަތަމަވެސް ބަލާލީ ކައިރީގައި ނިދާފައޮތް ރަޔާންއަށެވެ. ރަޔާންއޮތީ އަރާމު ނިންޖަކުން ނިދާފައެވެ. އާނާއަށް ގިސްލާ ރޮވުނެވެ. ވާނީވެސް އެހެންތާއެވެ. ހޫދު ނޫން އެހެންމީހަކު އާނާގެ ހަށިގަނޑުގައި ބީހުމަށް އާނާ ހިތްނޭދެއެވެ. ފަތިސްވެގެންދިޔައިރުވެސް އާނާއަށް އިނދެވުނީ ގިސްލަ ގިސްލާއެވެ.

ޖެހިގެން އައި ދުވަހު އާނާ ނަބީލްއާ ބައްދަލުކޮށް ހިތުގެ އުދާސްތައް ހާމަކޮށްލިއެވެ. އޭނަ ރަޔާންދެކެ ލޯބިނުވާ ކަމާއި އޭނައަށް ރަޔާންއާއެކީ ނޫޅެވޭނެކަމެވެ.

ރަޔާން އާނާ ދެކެ ވަރަށް ލޯބިވެއެވެ. ރަޔާންއަކީ އާނާ ހީކުރި ވަރަށްވުރެވެސް ރަގަނޅު މީހެކެވެ. އާނާއަށް އެއްވެސް ކަމަކަށް މަޖްބޫރުނުކުރެއެވެ. އާނާ ހިތްއެދޭ ، އާނާ ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ ރަޔާން އަބަދުވެސް މަސައްކަތްކުރެއެވެ. ނަބީލްއަކީ އާނާގެ އެންމެ ގާތް އެކުވެރިޔާކަން ރަޔާންއަށް އެނގެއެވެ. އެހެންކަމުން އެދެމީހުންގެ ގުޅުމާ ރަޔާންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ރަޔާންގެ މިހިތްހެޔޮކަމަށް އާނާ އަބަދުވެސް ޝުކުރުކުރެއެވެ.

އާދަވެގެން ކޮންމެ ދުވަހަކު އާނާއާއި ނަބީލް ހެނދުނުގެ ކޮފީއަށް ބައްދަލުކުރެއެވެ. އެހެންދުވަސް ދުވަހު އާނާ އަންނައިރު ނަބީލް އިންނަނީ އާނާގެ އިންތިޒާރުގައެވެ. އެކަމަކު އެހެންދުވަސްދުވަހާ ޚިލާފަށް މިއަދު އާނާ އައިއިރު ނަބީލްއެއް ނެތެވެ. ނަބީލް އާދޭތޯ އާނާ ވަރަށްގިނައިރުވަންދެން އެކަޑާގައި އިނެވެ. ބައިގަޑިއިރު ވިއިރުވެސް ނައުމުން އާނާ ގަސްތުކުރީ ނަބީލްއަށް ގުޅާށެވެ. އެހެންހިތާ ދަބަހުގަ އޮތް ފޯނު ނެގިވަގުތު ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ނޭނގޭ ނަންބަރެކެވެ. އާނާއަށް ބުނެވުނީ ހަލޯ އެކަންޏެވެ. ދަބަހަކާ ދަބަހެއް ނުބަލާ ދުއްވައިގަތީއެވެ. އާނާ މިސްރާބުޖެހީ އޭ.ޑީ.ކޭ ހޮސްޕިޓަލާ ދިމާލަށެވެ. އާނާ ދިޔަގޮތަށް ގޮސް ވަނީ އައި. ސީ. ޔޫ އަށެވެ. ފެނުނު މަންޒަރުން އާނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމުނުހެންނެވެ. ނަބީލް އޮތީ އޮކްސިޖަން ގުޅާފައެވެ. އާނާ ފެނުމުން ނަބީލްގެ އަންހެނުން ދީމާ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ބާރަށް ރޯންފެށުމުން އެތަނުގައި ހުރި ނަރުހެއް ދީމާ ބޭރަށް ނެރުނެވެ.

އާނާ ނަބީލް އޮތް އެދު ކައިރިއަށް ހުއްޓުމުން ނަބީލް އާނާގެ އަތުގަ ހިފާލިއެވެ. ނަބީލް އެއްޗެކޭ ބުނަން އުޅޭހެން ހީވެގެން އާނާ ގުދުވެލިއެވެ.

" އާނާ! އާނާ އެކަނި ދޫކޮށްފަ ދާންޖެހޭތީ ވަރަށް ދެރަވޭ! އެކަމަކު ކީއްކުރާނީ، މިދުނިޔެއަކީ ފަނާވަނިވި ވަގުތީ މަންޒިލެއް. " ބަލިކަށި އަޑަކުން ނަބީލް މިހެން ބުނުމުން އާނާއަށް ރޮވުނެވެ.

" އާނާ! އަހަރެން އާނާ ކައިރީ ވާހަކައެއް ބުނަން އުޅޭތާ ވަރަށް ގިނަދުވަސް ވެއްޖެ. މިހާރު ނުބުނިނަމަ ދެން ނޭނގެ ބުނެވޭނެ ކަމެއްވެސް. އާނާ! އަހަރެން...އަހަރެން އާނާ ދެކެ ވަރަށް ލޯބިވޭ!"

އާނާ ނަބީލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ.

" އަހަރެންވެސް ނަބީލްދެކެ ވަރަށް ލޯބިވޭ. ނަބީލްއާނުލާ އަހަންނަށް ދެން ނޫޅެވޭނެ." އާނާ ނަބީލްގެ މޭގާ ބޯއަޅާލިއެވެ.

" އާ..ނާ!" މިއީ ނަބީލްގެ ދުލުން ބުނެވުނު އެންމެ ފަހުބަހެވެ.

" ނަބީލް!" އާނާގެ އަޑަށް ނިދާފައޮތް ރަޔާންއަށް ހޭލެވުނެވެ. ރަޔާން ބަލާލިއިރު އާނާ އިނީ ބެލްކަނީގަ ރޮއިރޮއިއެވެ.

" އާނާ ކިހިނެއްވީ!" ރަޔާން އާނާގެ ކޮޑުގަ ހިފާ ތަޅުވާލިއެވެ. އާނާއަށް ހޭވެރިކަންވީއިރު ކުރިމަތީގާހުރީ ރަޔާންއެވެ. ރަޔާން ވަރަށް ލޯބިން އާނާ ގެންގޮސް އެނދުގަ ބާއްވާ ރަޖާ އެޅިއެވެ. އާނާއަށް ނިދުނީ ވަރަށް އުނދަގުލުންނެވެ. ލޯމެރީމަ ކޮންމެ ފަހަރަކުވެސް ކުރިމަތިން ސިފަވެގެންދަނީ ހިނިތުންވެފާ ހުރި ނަބީލްއެވެ.

ރަޔާންއަށް ހޭލެވުނީ ހެނދުނު ހަތެއްވެސް ޖެހި ފަހުންނެވެ. އާނާ އޮތީ ގަދަނިދީގަކަމުން ނުހޭލައްވަން ވެގެން ރަޔާން އޮފީހަށް ދިޔައީ ސައިވެސް ނޮބޮއެވެ.

ގަނޑިން މެންދުރު ބާރަ ޖެހުމުން ރަޔާން އަވަސްވެގަތީ ކާގަޑިއަށް ގެއަށް ދިއުމަށެވެ. ރަޔާން ގެއަށް އައި އިރު ގެހުރީ ތަޅުލި ގޮތަށެވެ. ހީވަނީ އަދިވެސް އާނާ ނުހޭލަނީހެންނެވެ. ރަޔާން އެތެރެއަށް ވަދެ ބަލާލިއިރު އާނާއޮތީ ނިދާފައެވެ. ރަޔާން އާނާގެ މޫނުގަ ބޮސްދިނެވެ. އާނާގެ މުޅި ހަށިގަނޑު އޮތީ ފިނިވެފައެވެ. ނޭވާހުއްޓިފައެވެ. ރަޔާން ވަގުތުން އާނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރު ބުނީ މީގެ އެއްގަނޑި އިރުކުރިން އާނާ ވަނީ މަރުވެފަ ކަމަށެވެ.

" އިންނާ ލިއްލާހި، ވައިންނާ އިލައިހި ރާޖިއޫން!" ރަޔާންގެ ބޮލަށް އެނބުރުން އަރާގޮތް ވުމުން ޑޮކްޓަރު ރަޔާން ހިފެހެއްޓިއެވެ.

އާނާގެ ކަށުކަމާކެމީގެ ކަންތައް ނިންމާފަ ރަޔާން ގެޔަށް އައިސް ވަންއިރު މޭޒުމަތީގައި އާނާގެ ޑައިރީ އޮތެވެ. ރަޔާން ވަރަށް ޝައުގުވެރިކަމާއެކީ އާނާގެ ޑައިރީ ކިޔަމުން ދަނިކޮށް ރާޔާންގެ ލޮލުގަ އަޅައިގަތީ އޭގައި ލިޔެފައިވާ އިބާރާތް ކޮޅެކެވެ.

" ފޭދިގެން ނުމެދޭ ހަނދާންތައް ލިބުނުހާ ލޯތްބާ އުފާތައް

ހުއްޓަކަސް ދުރުގާ ތިބާޔާ ކައިރިއޭ ކަލާ އެހާވެސް

ކުރަމޭ އަބަދުހެން އިންތިޒާރު އެދިގެން ތިލޯތްބަށް ލޯބިވާ

އުއްމީދަކީ ކަލާއޭ ހަޔާތަށް އެނބުރި އަންނާށެ ޔާރު

ލޯބީގެ ކުލަ މިގުޅުމަށް ޖައްސާފައޭ ޔާރާ ވަނީ

ލޯބީގެ ފޮނިފޮނި ބަސްތަކުން އަދު ފެންވަރާށޭ ބޭނުމީ

ހިތުގާވެޔޭ ޔަޤީންކޮށް ދޫކޮށް އަޅާ މިދުނިޔެއަށް

ބިކަހާލުގާ ޖައްސާފަކާ ނުމެދާނެޔޭ މިތުރާ މަގޭ

ނެތްހިދު ފުރާނަ ދުނިޔޭން ތެދޭ ދިރި މިހެން އުޅެވޭނެހޭ

ހިތްފަނާވެ ދިޔަޔަސް ބުނަން ދެހަށިމީ އެއް ފުރާނައޭ "

"ނަބީލް!"

(ނިމުނީ)