(މިއީ ދެކުނުގެ ރަށެއްގައި ދިރިއުޅެމުންދިޔަ ދެމަފިރިޔަކަށް ދިމާވި ހިތާމަވެރި ހާދިސާއެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވަނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.)

އާދައިގެ މަތިން ދުވަހެކެވެ. ހުޝާމާ އިނީ ދެ އަހަރުގެ ކުޑަ ދަރިފުޅު ނިންދަވާށެވެ. އާދަނު މަސްބާނައިގެން ގެޔަށް އައިސް ފެންވަރާލާ ހަދައިގެން ބޭރަށް ދިޔައެވެ. ހުޝާމާ އިނީ ބަލަހައްޓައިގެންނެވެ. މިހާރަކަށް އައިސް އާދަނަށް ބަދަލުތަކެއް އަންނަމުންދާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އާދަނު ބަދަލުވާން ޖެހުނު އެއްވެސް ސަބަބެއް ހުޝާމާއަކަށް ވިސްނާ ވިސްނާ ނޭގުނެވެ.

ހުޝާމާ އާއި އާދަނަކީ ވަރަށް އުފަލުގައި ދިރިއުޅެމުން އައި ދެމަފިރިއެކެވެ. ކައިވެންޏަށް 10 އަހަރު ފުރުނުއިރު އެދެމަފިރިންގެ ތިން ދަރިން ތިބެއެވެ. އާދަނަކީ މަސްވެރިއެކެވެ. މަސްވެރިކަމުން ލިބޭ އާމްދަނީން ތިން ކުދިންގެ ޚަރަދުތައް ބަލަހައްޓަން އުނދަގޫވެގެން ހުޝާމާ ވެސް އަވަށްޓެރިންނަށް ހެދުން ފަހައިދީ ގެންނާއި ކުދިންނަށް ގުރުއާން ކިޔަވައިދީގެން އާމްދަނީ ހޯދައެވެ.

ހަގު ދަރިފުޅަށް ބަނޑުބޮޑުވި ފަހުން އާދަނު އުޅެނީ ވަރަށް ދުރު ދުރުންނެވެ. ކުރިން އުޅުނު ހެން ލޯބިން ނޫޅެއެވެ. ކޮންމެ ގޮތެއް ވިޔަސް އާދަނަށް މި އައި ބަދަލު ހޯދަން ހުޝާމާ ބޭނުންވިއެވެ. ދަރިފުޅު ނިދުމުން ހުޝާމާ ނުކުތީ އާދަނު ވީ ތަނެއް ބަލާށެވެ. އަތިރިމަތީ ހޮޅުއަށީގައި އަނގަތަޅަން އިންނާނޭ ހިތާ އެތަނަށް ދިޔައިރު އާދަނު ފެންނަން ނެތުމުން ހުޝާމާ މާޔޫސްކަމާއެކު ގެޔާ ދިމާލަށް ހިނގައިގަތެވެ.

"ހުޝާމާ! މަޑުކޮށްބަލަ!" މީހަކު ގޮވާލިއަޑަށް ހުޝާމާ ފަސް އެނބުރި ބަލާލިއެވެ.

"ތި ހޯދަނީ އާދަނު ދޯ!" އެމީހާ އަހާލުމުން ހުޝާމާ ބޯ ޖަހާލިއެވެ.

"އޭނަ ހޯދަން މިތަނަށް ތިއައީ ހުޝާމާއަށް ނޭނގޭތަ އޭނަ ދަނީ ހުރާ ގޯތީ މާއިރާ ކައިރިޔަށް ކަމެއް؟ އެގެ ބަލާބަލަ. އެގޭގަ އިންނާނެ އާދަނު."

ހުޝާމާ އަޅާ ވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ. އެމީހާ ދެއްކި ވާހަކަ ހުޝާމާއަށް ގަބޫލެއް ނުކުރެވުނެވެ. ގެޔަށް ދިޔަ މަގުމަތީގައި މާއިރާގެ ގެޔާ އަރާ ހަމަވުމުން ހުޝާމާ ހުއްޓިގަތީ އެގެ ބަލާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް ބަލާލުމުން ފެނުނު މަންޒަރުން ހީވީ ހިތަށް މީހަކު އަނިޔާއެއް ދިން ހެންނެވެ. ކުރިޔަށް ހިނގައި ގަނެވުނީ ބޭއިހްތިޔާރުގައެވެ. އެ މަންޒަރު ބަލަން ބޭނުން ނުވާތީއެވެ. އާދަނު އާއި މާއިރާ އަތާއި އަތްގުޅައިގެން ތިއްބާ ފެނުމުން ހުޝާމާއަށް ރޮވުނެވެ.

ގެޔަށް އައިސް ބޭރު ޖޯލީގައި ރޯން އޮތެވެ. އޭރު ގަޑިން 12 ޖަހަނީއެވެ. އަދިވެސް އާދަނު ގެޔަށް ނާދެއެވެ. މިރޭ އާދަނު އައިމަ ނޫނީ އެތެރެޔަށް ނުވަންނަން ޖޯލީގައި އޮއްވާ ހުޝާމާއަށް ނިދުނީއެވެ. ފިނި ވައިރޯޅިއެއް މޫނުގައި ބޮސްދިނުމުން ލޯހުޅުވާލުމާއެކު ކުރިމަތީގައި މީހަކު ހުއްޓާ ފެނުނެވެ. އާދަނު ގެޔަށް އައީއޭ ހިތާ އަވަހަށް ތެދުވެ ރަނގަޅަށް ލޯ ހުޅުވާލިއެވެ.

އެއްވެސް މީހަކު ފެންނަން ނެތުމުން ބިރުން އަވަހަށް ގެޔަށް ވަދެ ނިދީއެވެ. އާދަވެގެން ކޮންމެ ރެޔަކުވެސް އާދަނު ރަށަށް އައިސް ފެންވަރާލައިގެން ބޭރަށް ދާ ގޮތަށް ގެޔަށް އަންނަ އިރެއްވެސް ހުޝާމާއަކަށް ނޭނގެއެވެ.

ހުޝާމާ އާދަނަށް ފާރަލާތާ މިހާރު 4 ރޭ ވެއްޖެއެވެ. ކޮންމެ ރެޔަކުވެސް އާދަނު ފަޅާއަރުވާނަމޭ ހިތާ ދިޔަޔަސް އެ ހިތްވަރެއް ހުޝާމާއަކަށް ނުލިބެއެވެ. ރަށުތެރޭގައިވެސް މިހާރު ދައްކަނީ މާއިރާ އާއި އާދަނުގެ ގުޅުމުގެ ވާހަކައެވެ.

ކޮންމެ ރެޔަކުވެސް ހުޝާމާއަށް ނިދެނީ ރޮއިރޮއި އޮއްވާއެވެ. މިއީ ނިމުމެއް ނެތް ހިތާމައެކެވެ. އެހެންކަމުން ހުޝާމާ ނިންމީ ކޮންމެވެސް އެއްކޮޅަކު މިކަން ޖައްސާށެވެ.

އާދައިގެމަތިން އާދަނު މަހުން އައިސް ފެންވަރާލިއެވެ. ހުޝާމާ އިނީ ވާހަކަ ފަށަން ތައްޔާރަށެވެ.

"ހުޝާމާ! އަހަރެން މިއުޅެނީ މިރޭ ބޮލުގައި ރިއްސާތީ. އަންނާނަން ހޮސްޕިޓަލަށް ގޮސްލާފައި." މިހެން ބުނެ އާދަނު ދިޔައީއެވެ.

ހުޝާމާ އާދަނުގެ ފަހަތުން ނުކުމެގެން ދިޔައެވެ. އާދަނު މިސްރާބު ޖަހާލީ ހޮސްޕިޓަލާ ދިމާލަށެވެ. ހުޝާމާގެ ހިތަށް ފިނިކަމެއް ލިބުނެވެ. މިރޭ މާއިރާމެން ގެޔަށް އާދަނު ނުދިޔަީމައެވެ. އިރުކޮޅަކުން ހުޝާމާއަށް އާދަނު ގެއްލުނެވެ. ފަސް އެނބުރި ބަލާލިއިރު އާދަނު ހުއްޓެވެ.

"އަހަ! ދެންމެ ހޮސްޕިޓަލާ ދިމާލަށް ދިޔަ މީހާ ތީ. މިތާ ކީއްކުރަނީ.؟" ހުޝާމާ އަހާލިއެވެ.

އާދަނު އެއްވެސް އެއްޗެއް ނުބުނެ ހުޝާމާ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. ހުޝާމާ ދެވަނަ ފަހަރަށްވެސް އަހާލުމުން އާދަނު ޖަވާބެއް ނުދިނެވެ. އެހެންކަމުން އާދަނު ގޮވައިގެން ހުޝާމާ އައީ ގެޔަށެވެ.

ގެޔަށް އައި މަގުމަތީގައި ހުޝާމާއަށް ފެނުނީ މަރުވެފައި އޮތް ބުޅަލެއް ކާން އޮތް ބަކަރިއެކެވެ. އޭނަ ބިރުން އާދަނުގެ ގައިގައި ބައްދައިގަތެވެ. އަވަހަށް މިތަނުން ހިނގާށޭ ބުނެ ބާރަށް ހިނގައިގަތެވެ. ކުއްލިއަކަށް އިވުނީ ކާއްޓެއް ވެއްޓުނު އަޑެވެ. މިރެޔަކީ ރަނގަޅު ރެޔެއްހެން ހީނުވާތީ ހުޝާމާ އަޅާވެސް ނުލާ ދިޔައީއެވެ. ގެ ފެންނަ ހިސާބުގައި ތިއްބާ ފަހަތުން އާދަނު ގޮވާލި އަޑުއިވުނެވެ. ހުޝާމާ އެނބުރި ބަލާލިއެވެ. އާދަނު ފެނުމުން ހުޝާމާ ހައިރާންވިއެވެ. އޭނަގެ ފަހަތުގައި އެހެރީ އާދަނު ނަމަ އޭނައާއި އެކީ ގެޔަށް އެ އައީ ކާކު ހެއްޔެވެ. ކައިރީގައި ހުރި މީހާއަށް ހުޝާމާ ބަލާލިއެވެ. ހުޝާމާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ކައިރީގައި ހުރީ އާދަނެވެ. ކުރިމަތީގައި އެހެރީވެސް އާދަނެވެ. ހުޝާމާ ހޭނެތިގެން ވެއްޓުނީއެވެ.

ޖެހިގެން އައި ދުވަހު އާދަނު މަހަށް ދާން އުޅެފައި ރަށުގައި މަޑުކުރީ ހުޝާމާ ވަރަށް ގަދަޔަށް ހުން އައިސްގެން އުޅޭތީއެވެ. މުޅި ދުވަސް ހޭދަކުރީ ހުޝާމާ ކައިރީ ގޭގައެވެ. ރޭގަނޑުވުމުން އާދަނު ފެންވަރާލައިގެން ބޭރަށް ދާން އުޅުމުން ހުޝާމާ އޭނަ ހިފެހެއްޓިއެވެ. ނަމަވެސް ފިހާރައަކަށް ގޮސްފައި އެބަ އަންނަމޭ ކިޔާފައި އާދަނު ދިޔައީއެވެ.

ހުޝާމާ އާދަނު ފަހަތުން ދިޔައެވެ. އާދަނު ގެއިން ބޭރަށް ނުކުތިއްޔާ ހުޝާމާގެ ކަމަކަށް އޮންނަނީ ފާރަލުމެވެ. އެރޭ ފިހާރައަށް ވަނުމަށްފަހު އާދަނު އައީ ގެޔަށެވެ. ވަރަށް ލޯބިން ހުޝާމާއަށް ކާންދިނުމަށްފަހު ދަރިފުޅުވެސް ނިންދަވާފައި ހުޝާމާ ގެންގޮސް އެނދުގައި ބޭއްވިއެވެ. ފާއިތުވީ ދެ އަހަރުތެރޭވެސް އާދަނު އެހާ ލޯބިން ނޫޅެއެވެ. އެހެންކަމުން ހުޝާމާ ވަރަށް އުފާވިއެވެ. އާދަނު އައިސް ހުޝާމާ ކައިރީ އޮށޯތެވެ. ލޯބިން ފިރުމާލިއެވެ. އެރޭ ވެގެން ދިޔައީ ދެމަފިރިންގެ ދިރިއުޅުމަށް އައި ވަރަށް އުފާވެރި ރެޔަކަށެވެ. ހުޝާމާ އުފަލުން ފޮޅުނެވެ. ލޯބިވާ ފިރިމީހާ ރަނގަޅުވީއޭ ހިތާ އަރާމުގައި ނިދާލީ އާދަނު ގައިގައި ލޯބިން ބައްދައިގެން އޮވެއެވެ. ހުޝާމާއަށް ނިދެންދެން އާދަނު އޮތީ ފިރުމާލަ ފިރުމާލާއެވެ.

ހުޝާމާ ހޭލައިގެން ބަލާލިއިރު އާދަނެއް ނެތެވެ. ތެދުވަން އުޅުމުން ހަށިގަނޑުގައި އަޅާ ވޭނުން ކެތް ނުކުރެވުނެވެ. ހުޝާމާއަށް ރޮވުނެވެ. ހުޝާމާ ރޯއަޑަށް އާދަނު އައިސް ބަލާލިއެވެ.

"ހުޝާމާ! ކިހިނެއްވެފަ ތިއޮތީ؟" އާދަނު އަހާލިއެވެ.

"އާދަނާ! އަހަރެން ނަގާބަލަ." ހުޝާމާ ބަލި އަޑަކުން ބުނެލިއެވެ.

އާދަނު ހުޝާމާއަށް އެހީތެރިވެދިނެވެ. ތެދުވެގެން މަޑުމަޑުން ހިނގާފައިގޮސް ލޯގަނޑުން ބަލާލިއިރު ކަމަކުދާކަށް ނެތެވެ. މުޅިމީހާގެ ގައިގައި އޮތީ ބޮޑެތި ފިތްތައް ނަގައި، އެކިތަންތަން ފާރުވެފައެވެ. މޫނުގައިވެސް ހުރީ ފިތްނަގާފައެވެ. ބައެއް ތަންތަން ހީވަނީ ފިހިފައި ހުރިހެންނެވެ. ހަށިގަނޑުގެ އެކިތަންތަނުގައި ފާރުހެދި ފޮޅު ނަގާފައި ހުރުމުން ވަރަށް ވޭން އަޅައެވެ.

އާދަނު ސުވާލުކުރުމުން ދޭނެ ޖަވާބެއް ހުޝާމާއަކަށް ނޭނގެއެވެ.

"އަހަރެން މަހުން އައީ ފަތިސްވި ފަހުން. ގެޔަށް އައިއިރު ހުޝާމާ އޮތީ ނިދާފައި، އޭރު ރަނގަޅަށް އޮތީ. ކުއްލިއަކަށް ކިހިނެއް ތިވީ؟" އާދަނުގެ ސުވާލުން ހުޝާމާގެ ހިތުގައިވެސް އުފެދުނީ ސުވާލެކެވެ.

"މަހުން އައީ އޭ؟ އިއްޔެ މަހަށް ނުދަމެއްނު؟" ހުޝާމާ އަހާލިއެވެ.

"ނޫން. އަހަރެން މަހަށް ދިޔައިން. ފަތިހު ރަށަށް އާދެވުނީ. ދޯނީގެ އިންޖީނު ހަލާކުވެގެން ރަށަށް ނާދެވުނީ." އާދަނު ބުނެލިއެވެ.

ހުޝާމާ ވިސްނާލިއެވެ. އާދަނު ރޭގަ ރަށުގައި ނެތިއްޔާ އޭނަގެ ދާނުގައި އޭނަ ކައިރީ އޮތީ ކާކު ހެއްޔެވެ. އޭނައާ އެކީ ލޯބިން އުޅުނީ ކާކު ހެއްޔެވެ.

ހަށިގަނޑަށް އަޅާ ވޭންތަކަށް ކެތްނުވެގެން ޑޮކްޓަރަށް ދައްކާ ބޭސްކުރުމުންވެސް ހުޝާމާއަށް ލުޔެއް ނުލިބުނެވެ. ދުވަހެއް ދުވަހެއް ދިޔައީ ބަލިވަމުންނެވެ.

ކޮންމެ ރެޔަކު އާދަނު ހުޝާމާގެ ދާނުގައި އޭނަ ކައިރީ ލޯބިކޮށްލަން އޮވެއެވެ. ލޯބިން ފިރުމާލާ ހެދުމުން ހުޝާމާގެ ހަށިގަނޑުގައި އަޅާ ވޭން ރަނގަޅުވެދެއެވެ. ކަންތައްވަމުންދަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. ރޭގަނޑުވުމުން ވޭންތަކަށް ލުޔެއް ލިބެއެވެ. ދުވާލުވުމުން އެ ފަކީރު އޮންނަނީ އެނދުމަތިވެފައެވެ.

އާދަނު ފިކުރު ބޮޑުވެގެން މިކަމާ ފަންޑިތަ ހަދާ މީހަކާ މަޝްވަރާކޮށްލިއެވެ. ބެލިބެލުމުން އެނގުނީ ކޮންމެ ރެޔަކު އާދަނު ކަމަށް ހެދިގެން ހުޝާމާގެ ދާނުގައި އޮންނަނީ ޖިންނިއެއް ކަމެވެ. ހުޝާމާ ބަލިވާން ފެށީ އެ ޖިންނިއާއެކީ ރޭ ކުރި ފުރަތަމަ ދުވަހުން ފެށިގެންނެވެ. އާދަނު ހުޝާމާ ކައިރީ ނުނިދިޔަސް ކޮންމެ ރެޔަކު އާދަނު ކަމަށް ހެދިގެން އެ ޖިންނި ހުޝާމާ ކައިރިޔަށް އަންނަކަން އެނގުނެވެ.

އާދަނު ބޭނުންވީ އެ ޖިންނިގެ ކިބައިން ހުޝާމާ ސަލާމަތްކުރާށެވެ. އެހެންނަމަވެސް ފަނޑިތަ ހަދާމީހާ ބުނަނީ ދެން ހުޝާމާ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. ހުޝާމާގެ ބަނޑުގައި އެ ޖިންނިގެ ދަރިއެއް މިހާރު އެބައޮތް ކަމަށާއި ފަނޑިތަ ހެދިއްޔާ ހުޝާމާ މަރުވާނެ ކަމަށް އޭނާ ބުންޏެވެ.

އާދަނަށް ގޮތް ހުސްވިއެވެ. އެހެންނަމަވެސް އާދަނު ބޭނުންވީ ފަންޑިތަ ހަދާށެވެ. އެގޮތުން އެދުވަހު ހަވީރު ގެޔަށް އައިސް ހުޝާމާގެ އުނގުގައި ތަވީދެއް އަޅާލިއެވެ. އަދި އެ ތަވީދު ނުނެގުމަށް ހުޝާމާއަށް އަމުރުކުރިއެވެ.

އާދަނު މިރޭ އޮތީ ހުޝާމާ ކައިރީގައި ހޭލާއެވެ. ފާރައަށެވެ. ވާގޮތް ބަލާލާށެވެ. ހުޝާމާ އޮތީ ނިދާފައެވެ. ކުއްލިއަކަށް ހޭލައިގެން ރޯން ފެށިއެވެ. ހަށިގަނޑުގެ އެކިތަންތާ ވަކިއަޅައި ފާރުގަނޑުވެސް ހަންނޮޅާލައެވެ. ވޭން އަޅާވަރުން ރޮއިހޭރެން ފެށިއެވެ. އުނގުގައި އޮތް ތަވީދު ނަގަން އުޅުމުން އާދަނު ހުޝާމާ ހިފެހެއްޓިއެވެ. ނަމަވެސް ހުޝާމާ ތެޅިފޮޅެނީއެވެ. ހީވަނީ މުޅި ގައިގައި އަލިފާން ރޯވެގެން ތެޅެނީހެންނެވެ. މުޅިގައިން ދިލަ ނަގާތީ ރޮނީއެވެ. އާދަނުއަށް ނުހިފެހެއްޓި ހުޝާމާ ނުކުމެގެން ދުއްވައިގަތީ އުނގުގައި އޮތް ތަވީދުވެސް ނަގާ އެއްލާލާފައެވެ.

ރަށު ރައްޔިތުން ނުކުމެ ހުޝާމާ ހޯދަން ފެށިއެވެ. ފަތިސް ނަމާދަށް ގޮވިއިރުވެސް ހުޝާމާ ނުފެނެއެވެ. އާދަނު ދެރަވެގެން ގޮތް ހުސްވެގެން ގެޔަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް މީހަކު ގޮވާލާފައި ބުނީ ހުޝާމާ ފެނިއްޖެ ކަމަށެވެ.

އާދަނު ދުވެފައިދިޔައިރު ހުޝާމާ އޮތީ ތުނޑީގައެވެ. އެތަނުގައި ތިބި މީހުން ބުނާއަޑު އިވެއެވެ. އެއީ ޖިންނިއެއްގެ ކަމެކެވެ. ހުޝާމާ އޮތީ ތުނޑީގައި ބަރަހަނާކޮށެވެ. އާދަނު ދުވެފައިގޮސް ހުޝާމާގެ ގައިގައި ޓީޝާޓު އޮޅާލިއެވެ. ބަލާލިއިރު ހުޝާމާ އޮތީ މަރުވެފައެވެ. މުޅި ގައިގައި އޮތީ ފިތް ނަގާ ފާރުވެފައެވެ.

"ޖިންނިއެއްގެ ދާނުގައި އޮތުމުން ވާނީ ތިހެން. ދެން ކުރާނެ ކަމެއް ނެތް." އެތަނުގައި ހުރި މީހަކު އެހެން ބުނެލުމުން އާދަނު ވަރަށް ދެރަވިއެވެ. ފަންޑިތަހަދާ މީހާ ބުނިގޮތަށް ހެދުނުނަމައޭ ހިތަށް އެރިއެވެ. ދަރިން ބިކަވެ މައެއްގެ ލޯބިން މަހުރޫމްވީ އާދަނުގެ ސަބަބުންނޭ ހިތަށް އެރިއެވެ.

ހުޝާމާ މަރުވުމުން އޭނަގެ ދަރިން އާދަނަށް ނަފްރަތުކުރެއެވެ. މަންމަ ރުއި ރުއިމާއި ކުރި ހިތާމަ އެންމެ ގާތުން ފެނުނީ ހުޝާމާގެ ދޮށީ ދަރިފުޅަށެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނދ

    ހުޝާމާ ގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އަދި ދޮށީ ދަރިފުޅައް ބުނެލަން އޮތީ އެކުދިންގެ ބައްޕަ އާދަނައް ނަފްރަތު ނުކުރާށޭ، އަދި އާދަނަށް ބުނެލަން އޮތީ ފުރިހަމަ ތައުބާއަކުން ތައުބާ ވުމާއެކު ފަންޑިތަ ނުހެދުމަށް ނަސޭހަތްތެރިވަމެވެ. ތަވީދާއި ފަންޑިތައަކީ ޝިރުކުގެ ތެރެއަށް ވަންނަ ތަކެތި. އެހެނީ ފަންޑިތަ ހެދޭނީ ޖިންނި ބޭނުން ކޮށްގެން ކަމަށް ވާތީ .. ނަމަވެސް ޝަރުޢީ ރުޔްޔާ ކީރިތި ޤުރްޢާން އާއި ސުންނަތުން ސާބިތުވާގޮތައް ހަދައިފިއްޔާ މާތްﷲ ގެ ރަޙްމަތްފުޅާއެކު ޝިފާލިބިގެން ދާނެއެވެ.

    14
  2. Anonymous

    ފަންޑިތައޭ ބުނީމާ ބައެއް މީހުންނަށް ހީވަނީ އެއީ ސިހުރުހެދުމޭ.
    ފަހެ ފަންޑިތަ ދެބަޔަކަށް ބެހޭ. އެއީ ހުއްދަ ފަންޑިތައާއި ހުއްދަ ނޫން ފަންޑިތަ.
    ހުއްދަ ނޫން ފަންޑިތައަކީ ޖިންނި ޝައިޠާނުން ބޭނުންކޮށްގެން ސިހުރުހެދުން. މިސާލަކަށް އަތްބަލާ، ފާލުބަލާ، ކިހަވަށް އެލުވާ، އަކަކުރަހާ، ތަވީދުއަޅާ، އިސްތިރިވަރިތޮޅި މިފަދަ ކަންތައް ކުރުން. މިއީ ހައްތާވެސް ޝިރުކުގެ ބާބަށް ވަންނަ ތަކެތި. ސަބަބަކީ ﷲ ގެ ކިބައިން އެދެންޖެހޭ އެދުން ޖިންނި ޝައިޠާނުންގެ ކިބައަށް އަނބުރާލީމާ. މި ލިޔުމުގައި އެއޮތީ ހުއްދަ ނޫން ފަންޑިތަ ހަދާފައި. ﷲ އަށް ޝަރީކުކޮށްފައި.
    ފަންޑިތައިގެ ދެވަނަ ވައްތަރަކީ ހުއްދަ ފަންޑިތަ. އެއީ ޤުރުއާނުގެ އާޔަތެއް ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ޞައްޙަ މަގުން ސާބިތުވެފައި އޮތް ދުޢާއެއް ބޭނުންކޮށްގެން ހަދާ ފަންޑިތަ. މިއީ ޝަރުޢީ ރުޤުޔާ. މި ފަންޑިތަ ހުއްދަވާނީ ބަޔާންވެދިޔަ ދެ ކަމުގެ އިތުރަށް އެއީ ޢަރަބި ބަހުން ލިޔެވިފައި އޭގެ މާނަ އެނގޭ ވަރަށް އޮތިއްޔާ. މިއީ ދީނީ ދަންނަބޭކަލުންގެ ބަޔާންތަކުން އަހަންނަށް ފަންޑިތައިގެ ކަންތަކުގައި އެނގޭ ވަރު.
    ފަހެ ޝަރީޢަތުގައި މިކަމުގެ ގިނަގުނަ ތަފްސީލުތައް ޤުރުއާނާއި ސުންނަތުން ސާބިތުވާން އެބައޮތް.

  3. އަސްލު އާދަނު ބޭވަފާތެރިވީބާ؟

    ހުޝާމާ ފާރަލާން ގެއިން ނުކުންނާކަށް ނުޖެހުނީސް އާދަނު އަނބިމީހާއަށް ވަގުތުދީ އަޅާލާ 2މަފިރިން އެކީނިދާނަމަ. މާއިރާ ކައިރިޔަށް ރޭގަނޑު ވަގަށް ނުގޮސް ހުޝާމާ ވަރިކޮއްފަ ދާނަމަ، ނުވަތަ 2އަންބަށް އިނދެގެން އުޅޭނަމަ. ނޫނީ އާދަނުގެ ބަދަލުގަ އެޖިންނިބާ މާއިރާ ކައިރިއަށްގޮސް ރަށުތެރޭ ވާހަކަ ފެތުރެންފެށީ އާދަނު ވަގު ބިޓެއްނަގައިގެން އުޅޭކަމަށް. ކޮމިޔުނިކޭޝަން ދެމަފިރިން ދެތެރޭ އޮތްނަމަ ހުޝާމާ އަށް އެނގުނީސް އެގޭދޮށަށްދަނީ އާދަނު ނޫންކަންވެސް. މިވީގޮތުން ވީގޮތެއްނޭގޭ.ކުއްވެރީ ހުޝާމާބާ ނޫނީ އާދަނުބާ؟ޖިނަނިއާއެކީ ނިދިރޭ ހުޝާމާއަށް އެހާ ޚާއްސަވީ ފިރިއެއްހުރެ އެވަރަށް ލޯބި ނުދެވިފަ ހުރީމަދޯ. ޢެ ޖިންނީގެ ކިބައިން ސަލާމްތް ވެވޭނެ ގޮތްތަށް ހުންނާނެދޯ!