"ބެސްޓް ބައި މޮބައިލް" ވިޔަފާރިއޭ ބުނުމުން އެ ތަން ނޭނގޭނެ މީހަކު މަދުވާނެ ކަންނޭނގެއެވެ. "ބެސްޓް ބައި މޮބައިލް" އަކީ ވަރަށް ގިނަ މީހުން މޮބައިލް ފޯން ގަނެ އުޅޭ ތަނެކެވެ. މި ފިހާރައިން މޮބައިލްގެ އިތުރުން އެހެނިހެން އިލެކްޓްރޮނިކް ސާމާނުތައް ވިއްކާ ހަދައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވިޔަފާރި ވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިއެވެ.

ކޮންމެ ވިޔަފާރިއެއްގެ ކާމިޔާބީގެ ފަހަތުގައި ވާނީ އެންމެ މީހެއްގެ މަސައްކަތެއް އެކަންޏެއް ނޫނެވެ. "ވަގުތު މައިޒާނު"ން މި ފަހަރު މި ގެނެސްދެނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިއެއްގެ ކާމިޔާބީގެ ސިއްރުތަކެވެ.

ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ޢަބްދުﷲ ޝަމީލް އަކީ މަޝްހޫރު "ބެސްޓް ބައި މޮބައިލް" ފިހާރަތަކުގެ މެނޭޖިން ޕާޓްނަރެކެވެ.

"ބެސްޓް ބައި މޮބައިލް" އައުޓްލެޓް

ސުވާލު: އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ޚިޔާލު އުފެދުނީ ކިހިނެއްތޯއެވެ؟

ޝަމީލް ބުނިގޮތުގައި ތައުލީމު ހާސިލުކުރުމަށްފަހު، އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރަން ގޮސްފައިވަނީ ރިޒޯޓަށެވެ. ރިޒޯޓްގައި އުޅުނުއިރު އޭނާ ވަނީ ކައިވެނިކޮށްފައިއެވެ. ޝަމީލް ބުނިގޮތުގައި ކައިވެންޏަށް ކުއްޖަކު ލިބުނު ހިސާބުން، އަމިއްލަ ވިޔަފާރިއެއް ފަށަން އޭނާއަށް ޚިޔާލު އުފެދުނު ކަމަށެވެ. އެއީ އޭނާ ޤަބޫލުކުރާގޮތުން އާއިލާއެއް ބިނާކުރެވޭ ހިސާބުން، ދަރިފުޅު ބޮޑުކުރުމުގައި ދަރިފުޅަށް އަޅާލުމުގައި އަންހެނުންނަށް އެހީތެރިވުމަކީ މުހިންމު ކަމެކެވެ. "ވައިފް އެއީ ޓީޗަރެއް. ވީމާ ވައިފް ވަޒީފާއަށް ދިއުމުން ބޭބީ ހުންނާނީ އެކަނި. އެހެންވީމަ، އައްޑޫގައި ދެ ފިހާރަ ހުރުމާއިއެކުއެކީގައި، ރިސްކްއެއް ނަގައިގެން ރިޒޯޓް ލައިފް ދޫކޮށްލީ" ޝަމީލް ބުންނެވެ.

އޭގެ ކުރީގައިވެސް އޭނާ ވަނީ ރިޒޯޓްގައި ވަޒީފާ އަދާކޮށް އުޅުމުގެ ތެރޭގައި މޮބައިލް ފޯން ގަނެގެން ވިއްކުމުގެ މަސައްކަތް ކޮށްފައިއެވެ. އެހެން ކަމުން، އޭނާއަށް މި މަސައްކަތަށް ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދުނެވެ.

" އެހެން ކެޓަގަރީގެ ސާމާނުތައް، މިސާލަކަށް ބެޑް ޝީޓްއާއި ގާމަންޓްސް އަންހެންކުދިންގެ ހެދުން، މި ތަކެތީގެ ވިޔަފާރިއެއްވެސް ކުރަން އެބަ ވިސްނަން. އަޅުގަނޑު ބޮޑަށް ޝައުގުވެރިކަން ހުންނަނީ ޓެކްނޮލޮޖީގެ ސާމާނުތައް ވިއްކުމަށް. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ޒުވާނުންނާއި ގުޅޭ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ޒުވާނުންނަށް އެންމެ އަގުހެޔޮކޮށް އަދި ކޮލިޓީ ތަކެތި އެމީހުންނާއި ހަމައަށް ގެނެސްދިނުމަށް" ޝަމީލް ބުނެފައިވެއެވެ.

ޝަމީލް އެންމެ ފުރަތަމަ ވިޔަފާރި ފަށާފައިވަނީ އޭނާގެ ރަށުގައި މޭވާއާއި ތަރުކާރީ ވިއްކާ ފިހާރައެއް ހުޅުވައިގެންނެވެ. އެއީވެސް ރިޒޯޓްގައި މަސައްކަތްކުރަމުންނެވެ. އޭނާ އޭރު ވަނީ އައްޑޫގައި މި ބާވަތުގެ ތަކެތި ވިއްކާ ދެ ފިހާރައެއްގެ ވިޔަފާރިކޮށްފައިއެވެ.

"އަމިއްލަ ވިޔަފާރިއެއް ހުރުމުން، މީހާއަށް ވަރަށް ބޮޑަށް އަމިއްލަ ވިސްނުމުގައި ނިންމުންތައް ނިންމުމުގައި މިނިވަންކަން ލިބިގެންދޭ. އަދި އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭ" ވިޔަފާރިވެރިއަކަށް ވުމުން ލިބިދޭ ފައިދާއެއް ހާމަކުރަމުން އޭނާ ބުނެފައިވެއެވެ.

މިހާރު "ބެސްޓް ބައި މޮބައިލް"އިން މާލޭގައި ދެ ފިހާރަ އޮޕަރޭޓްކުރަމުންގެންދެއެވެ. އެއީ މާވެޔޮމަގު އަދި މަޖީދީމަގުގައި ހުންނަ ދެ ފިހާރައެވެ. ވިޔަފާރިކުރުމުގައި އައު ޚިޔާލުތައް ގެންގުޅުމަކީ ލިބޭ ކުރިއެރުމަކަށް ވާތީ، 3 ވަނަ އައުޓްލެޓްގައި ފޯނުގެ އިތުރަށް ޓެކްނޮލޮޖީގެ އެހެން ސާމާނުތަކުގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އެއީ ޓީވީ، ލެޕްޓޮޕް، ޑްރޯން އަދި ޕީއެސް ފަދަ ސާމަނުތަކެވެ.

މި ވަގުތު އޭނާގެ ވިޔަފާރީގެ އައުޓްލެޓްތައް ލޮކޭޓް ވެފައިވަނީ މާލޭގައިއެވެ. އޭގެ އިތުރަށްވެސް އޭނާ ދަނީ އަތޮޅުތެރޭގައި ހުރިހާ ރަށަކަށާއި ރިޒޯޓުތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި ޕްރޮޑަކްޓްސް ޑެލިވަރްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ބެސްޓް ބައި މޮބައިލް" އައުޓްލެޓް

ސުވާލު: ކަސްޓަމަރުންނަށް ފަސޭހަ އަދި ބޭނުންތެރި ޚިދުމަތެއް ފޯރުކޮށްދެނީ ކިހިނެއްތޯއެވެ؟

ޝަމީލް ބުނީ އޭނާ އެންމެ ބޮޑަށް އިސްކަން ދެނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިނުވާނެހެން، ވިޔަފާރި އޮޕަރޭޝަންސް ކުރިއަށްގެންދެވޭތޯއެވެ. އެގޮތުގެ މަތިން "ބެސްޓް ބައި"އިން ހުޅުވަން މަސައްކަތްކުރަމުންދާ ތިންވަނަ އައުޓްލެޓް ހުޅުވުމުގައި އޭނާ ވިސްނާފައިވަނީ ކަސްޓަމަރުންނަށް ފަސޭހަ ލޮކޭޝަނެއް އިޚްތިޔާރުކުރުމަށެވެ. " މަޖީދީމަގުގައި ޕާކްކުރުމުގައި ދަތިތަކެއް ދިމާވާތީ، ތިން ވަނަ އައުޓްލެޓް މާވެޔޮމަގުގެ ތަނަކުން ލިބޭތޯ މަސައްކަތްކުރަމުންދަނީ" ޝަމީލް މައުލޫމާތު ހިއްސާކޮށްދިނެވެ.

ޝަމީލް ބުނީ ކަސްޓަމަރުގެ ބޭނުންތަކަށް "ބެސްޓް ބައި މޮބައިލް" އިން ސަމާލުކަން ދޭ ކަމަށެވެ. އެގޮތުން، އޭނާގެ އައުޓްލެޓަކުން އެ ވަގުތަކު ކަސްޓަމަރ ބޭނުންވާ ޕްރޮޑަކްޓް ނުވަތަ މޮޑެލްއެއް ނެތިއްޖެ ޙާލަތެއްގައި އެހެން ގޮތެއް ކަސްޓަމަރަށް މަގުފަހިކޮށްދިނުމަށް އެހެން ފިހާރައަކުން އެ ޕްރޮޑަކްޓްއެއް ހޯދާދިނުމަށްވެސް މަސައްކަތްކުރާ ކަމަށެެވެ.

ސުވާލު: ވިޔަފާރި ކުރިއެރުވުމުގައި އެންމެ ބޮޑު ސަޕޯޓް ލިބިގެންދަނީ ކޮން ބައެއްގެ ފަރާތުންތޯއެވެ؟

މި ސުވާލަށް ޖަވާބުދެމުން، ޝަމީލް ބުނީ އޭނާއަށް ލިބުނު އެންމެ ބޮޑު ސަޕޯޓަކީ މައިންބަފައިންގެ ހެޔޮ ދުޢާކަމަށެވެ. އަމިއްލަ މައިންބަފައިންނެކޭ އެއްފަދައިން މައިދައިތައާޢި ބަފައިބެގެ ހެޔޮ ދުޢާވެސް ޝާމިލްވާކަމަށް އޭނާ ބުންޏެވެ. އަދި ހަމައެއާއިއެކު، އޭނާގެ ވިޔަފާރި ކުރިއެރުވުމުގެ އެއް މޭސްތިރިއަކީ ހަޔާތުގެ ބައިވެރިޔާ ކަމުގައި ޝަމީލް ފާހަގަކުރިއެވެ. ޝަމީލްގެ އަންހެނުންގެ ޚިޔާލުތަކާއި ދޭ އެއްބާރުލުމަށްޓަކައި އޭނާ ވަނީ އަންހެނުންނަށް ޙައްޤު ޝުކުރު އަދާކޮށްފައިއެވެ.

ކޮންމެ ފިރިހެނެއްގެ ކާމިޔާބީގެ ފަހަތުގައި ހަރުދަނާ އަންހެނެއް ވާނެއޭ ބުނާ ބުނުމަކީ ތެދެއް ކަންނޭނގެއެވެ. ހަމަ ގައިމުވެސް، ޝަމީލްގެ ވިޔަފާރީގެ ކާމިޔާބީގައި، އޭނާގެ އަންހެނުންނަކީ އެއް މޭސްތިރިއެވެ. "ފައިނޭންޝަލީވެސް ވަރަށް ބޮޑަށް ސަޕޯޓްދޭ އަޅުގަނޑުގެ އަންހެނުން. އެއީ ވައިފް އަކީ ވަރަށް ބޮޑަށް (ފައިސާ) ސޭވްކުރާ ހަރުދަނާ މީހެއް. ރަނގަޅު ނަސޭހަތްވެސް ދޭ" ޝަމީލް ކިޔާދީފައިވެއެވެ.

އެއަށްފަހު. "ބެސްޓް ބައި މޮބައިލް"ގެ ކާމިޔާބީގެ ފަހަތުގައި ވާ އަނެއް ތަނބަކީ އޭނާގެ ބިޒްނަސް ޕާޓްނަރ ޢަބްދުލް ޤައްފާރް ޢަބްދުﷲ ކަމަށް ޝަމީލް ބުންޏެވެ. ޤައްފާރަކީ މަސައްކަތުގެ ތަޖްރިބާހުރި ތޫނުފިލި މީހެއްގެ ގޮތުގައި ޝަމީލް ސިފަކޮށްފައިވެއެވެ.

ޝަމީލް "ވަގުތަށް" އިންޓަވިއު ދެނީ---ވަގުތު އިމޭޖަސް: އަޙްމަދު ޖައިޝަމް

މާކެޓިންގއަށް އަހައްމިއްޔަތުކަން ދެވެނީ ކިހާ މިންވަރަކަށްތޯއެވެ؟

"އަޅުގަނޑުގެ ކުޑަ އިރުގެ ބެސްޓް ފްރެންޑް ޤައްފާރް އެއީ އަޅުގަނޑުގެ ބިޒްނަސް ޕާޓްނަރ. ވަރަށް ޕޮޒިޓިވް ތިންކިންގއާއި ޚިޔާލުތައް އޭނާ ދޭނީ. އޭނާގެ ތަޖްރިބާގެ އަލީގައި އޭނާ ވަރަށް ބޮޑަށް ޤަބޫލުކުރޭ މާކެޓިންގއަކީ ވިޔަފާރިއަކަށް ކިހާ މުހިންމު އެއްޗެއްކަން. އެގޮތުން މިހާރު ބެސްޓްބައި އަކީ ވަގުތު، ރާއްޖެޓީވީ އާއި ޗެނެލް 13، ދައުރު އަދި ދިވެހިރާއްޖޭގެ އަޑު ފަދަ އެކި މީޑިއާތަކުގައި މާކެޓްކުރެވެމުންދާ ވިޔަފާރިއެއް" ޝަމީލް ހާމަކުރިގޮތުގައި މާކެޓިންގއަށް އެކަނި މަހެއްގެ މައްޗަށް ލައްކައެއްހައި ރުފިޔާއާއި ގާތްކުރާ އަދަދަކަށް ޚަރަދު ކުރެވިގެންދާ ކަމަށެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ވީހާވެސް ގިނަ ކަންކޮޅުތަކަށް "ބެސްޓް ބައި މޮބައިލް"ގެ މުދާތައް ތައާރަފްކުރުމެވެ. "އެކަން ވަރަށް ކާމިޔާބު. ޕްރޮގްރާމްތައް ސްޕޮންސަރ ކުރީމަވެސް ވަރަށް ބޮޑަށް އެ އިންވެސްޓްމަންޓްއިން އިރާދަކުރެއްވީތީ ބޮޑު ފައިދާ ލިބިގެންދޭ، ގިނަ މީހުންނަށް ބެސްޓް ބައި މޮބައިލް އިޝްތިހާރުވާ ވަރަކަށް" އޭނާގެ ޕާޓްނަރގެ ޚިޔާލު ފާޅުކުރަމުން އޭނާ ހާމަކޮށްފައިވެއެވެ.

ސުވާލު: މި ވިޔަފާރީގައި ދިމާވާ ގޮންޖެހުމަކީ ކޮބާތޯއެވެ؟

" އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަކީ 1 އަހަރުގެ ވޮރަންޓީއާއިއެކު ވިއްކާ ޕްރޮޑަކްޓްތައް. ޓެކްސް ދައްކައިގެން، ފިހާރައިގެ ކުލި ދައްކަމުން، ވިޔަފާރި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރ ކޮށްގެން ކުރިއަށް ގެންދަނީ. އޮންލައިން ވިޔަފާރި ކުރިއިރުވެސް، ޤަވާއިދާއި އެއްގޮތަށް ވިޔަފާރި ކުރިން އަޅުގަނޑު. އެހެން ނަމަވެސް، މިހާރު ވަރަށް ގިނަ އޮންލައިން ސެލަރސް ރަޖިސްޓަރ ނުކޮށް އަގުހެޔޮކޮށް މޮބައިލް ފޯނުގެ ވިޔަފާރިކުރޭ. ފޭކް ޕްރޮޑަކްޓްސްއާއި ވަގަށް ނަގާފައިވާ ގުޑްސްވެސް ވިއްކާ ހަދާ. މިހެން ވިއްކާ ޕްރޮޑަކްޓްސް ވަރަށް ގިނަ މީހުން ގަނޭ " ވިޔަފާރީގައި ދިމާވާ ބޭއިންސާފުވެރި ކަމެއްގެ ވާހަކަ ހިއްސާކުރަމުން ޝަމީލް ބުނެފައިވެއެވެ.

މީގެ ކުރީގައި ކަސްޓަމަރަކަށް ދިމާވި ގެއްލުމެއްގެ ވާހަކަ ހަނދާންކުރަމުން، ޝަމީލް ބުނީ އޭގެ ފަހުން އޭނާ ވަނީ ކިއުއާރް ކޯޑް މެދުވެރިކޮށް ވިޔަފާރިކުރުން ހުއްޓާލާފައި ކަމަށެވެ. އެހެންވިޔަސް، މިހާރު ބީއެމްއެލް އިން ދަނީ އެފަދަ ގެއްލުންތައް ތަކުރާރުވިޔަނުދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ސުވާލު: މި ވިޔަފާރީގައި ޝަމީލް ގެންގުޅޭ އުސޫލުތަކަކީ ކޮބާ؟

ޝަމީލް ބުނީ އޭނާއާއި އޭނާގެ އަންހެނުންނަކީ އިސްލާމްދީނުގައި ވިޔަފާރިކުރުމަށް ހަދާފައިވާ އުސޫލުތައް ޤަބޫލުކޮށް އެ އުސޫލުތަކަށް ބޯލަނބަން މަސައްކަތްކުރާ ބައެއް ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ވިޔަފާރިކުރުމުގައި ލޯނެއް ނަގާފައި ނުވާނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ލޯން ދޫކުރުމުގައި ރިބާގެ ބޮޑު ޕަސެންޓްއެއް އެކުލެވިފައިވާތީ ކަމަށެވެ. "ރިބާ އެކުލެވިގެންވާ އެއްވެސް ވިޔަފާރިއެއް ކާމިޔާބު ނުވާނެ. އަޅުގަނޑުގެ މަންމައާއި އަންހެނުން އަދި ޕާޓްނަރ ޢަބްދުލް ގައްފާރް ޢަބްދުﷲ ނަސޭހަތްތެރިވި." ޝަމީލް ބުނެފައިވެއެވެ.

ވިޔަފާރިއެއް ހިންގުމުގައި ވެރިމީހާއާއި އެއްވަރަށް ފުޅާ ދައުރެއް އަދާކުރަމުންދާނީ އެތަނެއްގެ މުވައްޒަފުން ކަމަށް ޝައްކެއްނެތެވެ. މިއީ ޝަމީލްވެސް ދެކޭ ގޮތެވެ. އޭނާ ވަނީ އޭނާގެ މުވައްޒަފުންނަކީ ވިޔަފާރިއަށް ވަރަށް މުހިންމު ބައެއްކަން ފާހަގަކޮށްފައިއެވެ. އަދި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މުވައްޒަފުންނަށް އެކަށޭނަ މިންވަރެއްގެ މުސާރައެއް ދޭން ޖެހޭނެކަމަށް ޝަމީލް ބުންޏެވެ.

ބެސްޓް ބައިގެ ދެ ފިހާރައިގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ދިވެހި މުވައްޒަފުންނެވެ. މާލޭގައި ދިރިއުޅުމަކީ ޚަރަދު ބޮޑު ކަމެކެވެ. އެކަން ދަނެގެން "ބެސްޓް ބައި މޮބައިލް"ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެވްރެޖްކޮށް 10،000 ރުފިޔާ އާއި އެއަށްވުރެ މަތީ އުޖޫރައެއް މުސާރައިގެ ގޮތުގައި ދޭކަމަށް އޭނާ ހާމަކުރިއެވެ.

ޝަމީލް ބުނީ ކަސްޓަމަރުނެކޭ އެއް ހަމައިން މުވައްޒަފުންގެ ބޭނުންތަކަށް ކަމޭހިތުމަކީ އެއީ އޭނާ ދަމަހައްޓަން މަސައްކަތްކުރާ އެއް އުސޫލު ކަމަށެވެ. މި އުސޫލުގެ ސަބަބުން "ބެސްޓް ބައި މޮބައިލް"ގެ މުވައްޒަފުން އެ ފިހާރައިގެ ވަޒީފާ ދޫކޮށްފައި ނުދާކަން އޭނާ ފާހަގަކުރިއެވެ. މުވައްޒަފުންނަށް ޕަބްލިކް ހޮލިޑޭސްގައި ޗުއްޓީ ދިނުންވެސް އެއީ އޭނާ ގެންގުޅޭ އެއް އުސޫލެވެ. "ފިހާރަ ހުޅުވި ފަހުން އަޅުގަނޑާއި އެއްކޮށް އުޅުނު ގާތްގަނޑަކަށް ހުރިހާ ސްޓާފުން ވަޒީފާއިން ނުކެނޑޭ. 4 އަހަރު ވީއިރުވެސް." ޝަމީލް ފާހަގަކުރިއެވެ.

ޝަމީލްގެ ވާހަކައިން ދޭހަވާ ގޮތުގައި އޭނާ މަސައްކަތްކުރަނީ އޭނާގެ މުވައްޒަފުންގެ އިހްސާސްތައް ދަނެގެން މުވައްޒަފުން ބަލައިގަންނަ މީހަކަށް ވުމަށެވެ. އަދި މުވައްޒަފުންގެ ކުރިމަތީގައި ވެރިއަކަށް ވުރެ ބޮޑަށް ރަހުމަތްތެރިއަކަށް ވުމީ ޝަމީލް ޤަބޫލުކުރާ ވިސްނުމެކެވެ. އެ ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން "ބެސްޓް ބައި"ގެ މުވައްޒަފުން ވަޒީފާ އިން ވަކިވެގެން ނުދެއެވެ. އަދި ތަނުގައި ބިދޭސީންނަށްވުރެ ބޮޑަށް ދިވެހިން މަސައްކަތްކުރަމުންދެއެވެ.

" ބޭސް ފަރުވާވެސް ހަމަޖެހުމާއި ފެމެލީ ކަމެއް ދިމާވިޔަސް ހެލްޕްކޮށް އުޅެން. އެހެންވީމަ ދިވެހި ކުދިން އެހާ ގިނަ ދުވަހު ބެސްޓް ބައިގައި މަސައްކަތްކުރަނީ" 'ބެސްޓް ބައި'ގެ ފިހާރަތަކުގައި މަސައްކަތްކުރަނީ އެންމެ ބިދޭސީއެއް ކަމުގައި ބުނަމުން ޝަމީލް މައުލޫމާތު ހިއްސާކުރިއެވެ.

ޝަމީލް ބުނީ އޭނާ ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރާނީ ދިވެހި މުވައްޒަފުންނާއި އެއްކޮށް ކަމަށެވެ.

"ބެސްޓް ބައި މޮބައިލް" އައުޓްލެޓް

ސުވާލު: ކަމުދާ ބިޒްނަސް ރޯލް މޮޑެލްއެއްގެ ނަމެއް ކިޔާދެވިދާނެތޯއެވެ؟

ޝަމީލް ބުނިގޮތުގައި ރަހުމަތްތެރިންނާއިއެކީ ކުޑަ ވަރެއްގެ ވިޔަފާރިއެއް ފުޅާކޮށްފައިވާ ޖެކް މާ އަދި މާކް ޒަކަރބާގްއަކީ އޭނާގެ ރޯލް މޮޑެލުން ކަމަށެވެ. ޖެކް މާ އަކީ ޗައިނާގެ މަޝްހޫރު "އަލީ ބާބާ" ވިޔަފާރީގެ ވެރިޔާއެވެ. އަދި މާކް ޒަކަރބާގްއަކީ ފޭސްބުކް ތަޢާރަފްކުރި މީސް މީޑިއާގެ އެއް ބާނީއެވެ. ޝަމީލް ދެކޭގޮތުގައި ހަރުދަނާ ރަނގަޅު ރަހުމަތްތެރިންނަކީ ކާމިޔާބު ވިޔަފާރިއެއް ދެމެހެއްޓުމުގައި ވަރަށްވެސް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ.

"ޖެކް މާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއާއި އެއްކޮށް ފެށި ދަތުރު މިހާރު އެ ވަނީ ދުނިޔޭގެ އެއްވަނައިގެ ތެރޭގައި ހިމެނިފައި. އެއީ އަޅުގަނޑަށް އިންސްޕިރޭޝަނެއް" ޝަމީލް ބުންޏެވެ.

ޝަމީލް "ވަގުތަށް" އިންޓަވިއު ދެނީ---ވަގުތު އިމޭޖަސް: އަޙްމަދު ޖައިޝަމް

ސުވާލު: 5 އަހަރުތެރޭގައި ވިޔަފާރި ގެންދަން ބޭނުންވާ ތަސައްވުރަކީ ކޮބާ؟

"އަދިވެސް ބޭނުންވަނީ ވިޔަފާރި ފުޅާކުރަން. އިތުރު ސަރަހައްދުތަކަށް މި ޚިދުމަތް ފޯރުކުރަން. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައިވެސް ފިހާރަ ހުޅުވަން ގަސްދުކުރަން. އަދި ކިޗަން އެޕްލަޔަންސަސްއާއި ވީހާވެސް މީހުންނަށް ފައިދާ ވާ ސާމާނުތައް އަތޮޅުތެރެއަށްވެސް ފޯރުކުރަން ބޭނުން" ޝަމީލް ބުންޏެވެ.

ސުވާލު: ކިހިނެއްތޯ ވާދަވެރިންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރަނީ؟

"މާލޭގައި މޯބައިލް ވިޔަފާރި ކުރާ ހުރިހާ އެންމެނާއިވެސް އަޅުގަނޑު ރައްޓެހިވާނެ. އަޅުގަނޑުމެން ފިހާރައިގައި މިސާލަކަށް އެއްޗެއް އެވައިލަބަލް ނުވަންޏާ، ކަސްޓަމަރ އޭގެ އެއްޗެއް ބޭނުންވެއްޖެއްޔާ އަޅުގަނޑު އެ ފިހާރައަކަށް ގުޅާފަ، އެ ފިހާރައަކުން ގަނެގެން އެ ކަސްޓަމަރ އަތަށް އޭތި ޑެލިވަރކުރަން."މި ވިޔަފާރީގައި ހަރަކާތްތެރިވާ ވާދަވެރިންވެސް ކަސްޓަމަރުންނަށްޓަކައި އެކަކު އަނެކަކާއި އޮންނަ ޕްރޮފެޝަނަލް ގުޅުން ވަރުގަދަކަން ހާމަކުރަމުން ޝަމީލް ބުނެފައިވެއެވެ.

އޭނާ ބުނީ މި އަހަރު "ބެސްޓް ބައި"އަށްވެސް އެޕަލްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަމާއި ރީސެލަރއަކަށް ވުމުގެ ފުރުޞަތު މަގުފަހިވެގެންދާނެ ކަމަށެވެ.

ސުވާލު: ޒުވާން ވިޔަފާރިވެރިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބާ؟

ޝަމީލް ބުނީ ވިޔަފާރިއަކީ އޭގައި ނަފާއާއި ގެއްލުން ލިބޭ ފަހަރުތައްވެސް ހިމެނިގެންވާ އެއްޗެއް ކަމަށެވެ. އެހެންވިޔަސް، ވިޔަފާރީގައި އޮޅުވާލުން ނުހިމަނާ ކަސްޓަމަރުންނަށް ވީހާވެސް ތެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނީމާ، އޭގެ ނަތީޖާއެއްގެ ގޮތުން ކަސްޓަމަރުންގެ އިތުބާރު ހޯދަން ފަސޭހަވާނެ ކަމަށެވެ. " ނަމާދުކޮށް ދުޢާކޮށްގެން ތެދުވެރިކަމާއިއެކީ ކުރާ ކޮންމެ ކަމެއްގައި ބަރަކާތް ލައްވާނެ. ކަސްޓަމަރއަށް އެ ވިއްކާ އެއްޗެއްގެ ހަގީގަތް ހާމަކޮށް ފޭކް އެއްޗެހި ނުވިއްކާ." ޝަމީލް ބުންޏެވެ.

ސުވާލު: މުވައްޒަފުންނާއި ދޭތެރޭ ބުނެލަން ބޭނުންވަނީ ކީކޭތޯއެވެ؟

އޭނާގެ ވާހަކަ ނިންމާލަމުންވެސް ޝަމީލް އަޅުގަނޑަށް ހަނދާންކޮށްދިނީ "ބެސްޓް ބައި"ގެ މުވައްޒަފުންގެ ވާހަކަވެސް ހިމަނާލުމަށެވެ. އަދި ވަކިން ޚާއްސަކޮށް ޑެލިވަރީގެ މަސައްކަތް ކުރާ މުވައްޒަފުގެ މިން ނެތް މަސައްކަތް ފާހަގަކުރަން އޭނާ ބުންޏެވެ. "އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންވެސް ނަމާދަށާއި ގަޑިއަށް ފަރުވާތެރިވާނެ. އެހެންވެ، އަޅުގަނޑާއި އަޅުގަނޑުގެ ސްޓާފުންގެ ހުންނާނީ ވަރަށް ޚާއްސަ ގުޅުމެއް. ކޮންމެ ކަމެއް ދިމާވިޔަސް، އެކަން ޝެއާ ކުރީމާ އަޅުގަނޑަށް ވެވުނު ވަރަކުން އެހީވަން." 'ބެސްޓް ބައި'ގެ 12 މުވައްޒަފުންނަށް ޝުކުރު އަދާކުރަމުން ޝަމީލް ފާހަގަކުރިއެވެ.

"3000 ނުވަތަ 4000 ދިނީމަ މަސައްކަތްކުރަން ހިތްހަމަނުޖެހޭނެ. ކިހިނެއް ލައިފް މެނޭޖްކުރާނީ ކުލި ދައްކައިގެން އުޅެމުން، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭނެ. އެހެންވީމަ އަޅުގަނޑާއި އަޅުގަނޑުގެ ޕާޓްނަރ ވިސްނީ މި ވިޔަފާރިއަކީ އަޅުގަނޑުމެން ދެ މީހުން އެކަންޏެއް ނޫން. އެ ކުދިންވެސް ބުރަ މަސައްކަތްކުރޭ" ޝަމީލް ބުނީ ސްޓާފުންގެ ތެރޭގައި ވޯލްޑް ކަޕް ފޯރި ފަދަ މަޖާ ހަރަކާތްތައް ރާވާގެން، އެކުދިންނަށް މަސައްކަތްކުރާހިތްވާ ކަހަލަ މާހައުލެއް ފަހިކުރުމަކީ އޭނާއަށް ވިސްނިފައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭގެ ސަބަބުން މުވައްޒަފުން ތެރޭގައި ވަރަށް ރަނގަޅު 'ކޯޑިނޭޝަން'އެއް ހުރެފައި އެ ކުދިންގެ މަސައްކަތުން އެކަމުގެ ފައްސި އަސަރު ފެނިގެންދާ ކަމަށް ޝަމީލް ބުންޏެވެ.

މި ކިޔާދިނީ ކާމިޔާބު ވިޔަފާރިވެރިއެއްގެ ދުލުން ވިޔަފާރީގެ ސުލޫކުތަކެވެ. ޝަމީލް އެ ކިޔާދިނީ ތިމާއަށްވުރެ ބޮޑަށް އެހެން މީހުންނަށް އިސްކަންދިނުމުގެ ފައިދާތަކެވެ. އަދި ހަމައެއާއިއެކު، ވިޔަފާރީގައި މަސައްކަތްކުރާ މުވައްޒަފުން، ޕާޓްނަރ، ވާދަވެރިން އަދި އާއިލާގެ އިހްސާސްތަކާއި ބަސްތައް ޤަބޫލުކޮށް، އެއަށް އަމަލުކުރުމަކީ "ބެސްޓް ބައި މޮބައިލް" ގެ ކާމިޔާބީއެވެ.