ދެކުނު އެފްރިކާއަށް ނިސްބަތްވާ ފޮޓޯގްރާފަރަކަށް މި ހަފްތާ ތެރޭގައި އަންނަނީ، އޭނާ ކުރިން ފޮޓޯނަގައިދިން ފަރާތެއްގެ މެސެޖްތަކެވެ. މީގެ ހަތަރު އަހަރު ކުރިން 2019 ވަނަ އަހަރު އޭނާ ނެގި ކައިވެނީގެ ހަފްލާއެއްގެ ފޮޓޯތައް މިހާރު ބޭނުން ނުވާ ކަަމަށް ބުނެ، އަންހެނަކު އޭނާގެ ގާތުގައި ޑިމާންޑް ކުރީ ފުލް ރީފަންޑެއް ދިނުމަށެވެ. އޭނާ ބުނާގޮތުން ނަމަ މިހާރު އެ ކައިވެނި ރޫޅިއްޖެއެެވެ.

ޖޮހަނެސްބާގްގެ ފޮޓޯގްރާފަރު ލާންސް ރޯމިއޯ ޕެޓާޕިކްސެލް އަށް ކިޔައިދިން ގޮތުގައި އެ ކްލައިންޓަކީ ކައިވެނީގެ ކުޑަ އިރުކޮޅެއް ކުރިން ބައްދަލުވި ރަހުމަތްތެރިއެއްގެ ރަހުމަތްތެރިއެއް ކަމަށެވެ.

"އެ ރަހުމަތްތެރިޔާގެ އެކުވެރިއެއްގެ ފަންދުވަހުގެ ޕާޓީގައި ފޮޓޯ ޝޫޓެއް ކުރަމުން ދިޔައީ،" ރޯމިއޯ ބުންޏެވެ.

"ދެން ރަހުމަތްތެރިޔާ ބުނީ ކައިވެންޏެއް ކުރާ ރައްޓެއްސެއް ހުރިކަމާއި، ފޮޓޯގްރާފަރެއް ބޭނުންވެގެންް އުޅޭ ކަމަށް. ދެން އަހަރެން ބުނިން، އެ މީހުންނަށް އަހަރެންގެ ނަމްބަރު ދިނުމަށް، އެރޭ އަހަރެން ގެއަށް އައިއިރު އެ އަންހެން މީހާ އަހަރެންނަށް ގުޅައިގެން ފޮޓޯގްރާފަރަކު ބޭނުންވާ ކަމަށް ބުނި. ކައިވެނީގެ ހަފުލާ އޮތީ ފިރިމީހާގެ އުފަން ރަށް ކަމަށްވާ ޑާބަންގައި ކަމަށް އޭނާ ބުނި".

މިއާއެކު ރޯމިއޯ ބުނީ އޭނާ ފޮޓޯ ނަގައިދެނީ 850 ޑޮލަރަށް ކަމަށެވެ. ނަަމަވެސް ވާހަކަދައްކައިގެން އޭގެ އަގު 650 ޑޮލަރަށް ތިރިވެސް ކުރިއެވެ. އަދި އެ ކައިވެނީގެ ހަފްލާގެ ފޮޓޯވެސް ނެގިއެވެ.

"ކައިވެނި ނިންމާފައި، އަހަރެން ގެއަށް އައިސް، އެ މީހުންނަށް ފޮޓޯވެސް ފޮނުވާ ހުރިހާ ކަމެއް ނިންމާލި".

އޭގެ ހަތަރު އަހަރުފ ފަހުން ރޮމިއޯއަށް މިދިޔަ ބުދަ ދުވަހު އަންނަނީ ވަޓްސްއެޕް މެސެޖްތަކެވެ. އެކަމަކު އޭނާއަށް ފުރަތަމަ ހީކުރެވުނީ، އެއީ އަނެއްކާ އިތުރު ފޮޓޯ ސެޝަންއަކަށް އޭނާ ބުކް ކުރަން އުޅެނީ ކަމަށެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ހިލާފަށް އެ އަންހެން މީހާ ފެށީ ކައިވެނީގެ ހަފްލާއެއްގެ ފޮޓޯތައް މިހާރު ބޭނުން ނުވާ ކަަމުގެ ވާހަކައެވެ. އަދި އޭނާގެ ކައިވެނި ރޫޅިފައިވާތީ އޭނާ އެކަމަށް ހަރަދު ކުރި ފައިސާވެސް ބޭނުންވާ ކަމުގެ ވާހަކަ އެވެ.

އަންހެން މީހާ ވަނީ އެއީ ވަރަށް ސީރިއަސް ވާހަކައެއް ކަަމަށްވެސް ބުނެފައެވެ.

އެހެން ނަމަވެސް ފޮޓޯގްރާފަރު ވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

"ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައި ވާހަކަ އަޑުއިވުމުން ވަރަށް ހިތާމަކުރަން. އެކަމަކު ތިއީ ކުރެވޭނެ ކަމެއް ނޫން. ފޮޓޯގްރަފީ އަކީ ނޮން ރިފަންޑަބަލް ހިދުމަތެއް. ނަގާފައި ހުރި ފޮޓޯތައް ނުނަގާ ފޮޓޯތަކަކަށް ނުހެދޭނެތީ ރިފަންޑް ނުކުރެވޭނެ. އަހަރެން ވާނީ ތި ފަރާތަށް އެ ހިދުމަތް ފޯރުކޮށްދީ، އަދި ފޮޓޯވެސްް ހަވާލު ކޮށްފައި".

މިއާއެކު އަންހެން މީހާ ވަނީ އޭނާއަށް އިންޒާރު ދީފައެވެ. އަދި އެ މައްސަލައިގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނެ ކަމަށްވެސް އަންހެން މިހާ ބުނެފައި ވެއެވެ.

ރޯމިއޯ ފަހުން ހީކުރީ، މިއީ "ޕްރޭންކް"އެއް ކަމަށެވެ.

އަދި އަންހެން މީހާ އޭނާ ގާތުގައި %70 ރީފަންޑް ކޮށްދޭންވެސް އެދުނެވެ. އަދި ފަހުން މާ މައްޗަށް މިކަންތައް ދާހެން ހީވާތީ ރޯމިއޯވަނީ އެ އަންހެން މީހާ ގާތުގައި ވަކީލު ލައްވާ އޭނާއާ ގުޅުމަށް އެދިފައެވެ.

ރޯމިއޯ ބުނީ، މީގެ ކުރިންވެސް ތަފާތު ކްލައިންޓުންނާއި ދިމާވެފައިވާ ކަމަށެވެ. ނަމަވެސް މިހިސާބަށް ކަންތައް ގެންދިޔަ އަންހެނަކާއި ދިމާ ނުވާ ކަމަށެވެ.