މިނިވަން ދުވަސް ފާހަގަކުރަން ފޮޓޯ ނެގުމުގެ މުބާރާތެއް އިއުލާން ކޮށްފިއެވެ.

ހޯމް މިނިސްޓްރީ އާއި ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއެޝާން ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ތީމަކީ "މިނިވަން އުފާ" އެވެ. މި ތީމަށް ފޮޓޯ ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ސަގާފަތާއި އާދަކާދަ އާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ ރީތިކަމާއި، ގޮނޑުދޮއްތަކާއި، ތާރީޚީ ތަންތަން ވެސް ހިމެނެއެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކު ވެސް ތިން ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ.

މިމުބާރާތުގެ އެއްވަނަ އިނާމަކަށް -/15000 ރުފިޔާ، ދެވަނަ އިނާމަކަށް -/7000 ރުފިޔާ އަދި ތިން ވަނައަށްދާ ފަރާތަކަށް -/3000 ރުފިޔާ ލިބޭނެއެވެ. މުބާރާތުގެ ދެވަނައަށް ދެފަރާތެއް އަދި ތިންވަނައަށް ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ތަޖުރިބާކާރު ފޮޓޯގްރާފަރުންނެވެ.

މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގެ އޮންލައިން އެގްޒެބިޝަނެއް ޖުލައި 26 ވަނަ ދުވަހު ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއެޝަންގެ ވެބްސައިޓުން ފެންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ފޮޓޯތަކާއި ފާހަގަ ކުރެވޭ އެހެން ފޮޓޯތައް ހިމަނައިގެން ފިޒިކަލް އެގްޒެބިޝަނެއް ބާއްވާނެ ތާރީޚެއް ވެސް ޖުލައި މަހު އިއުލާން ކުރާނެއެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު އެސޯސިއޭޝަންގެ ވެބްސައިޓުން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މިނިމަންކަން ނެތް މިނިވަންދުވަސް ފާހަގަކުރަން ރާއްޖޭގައި އުޅޭ އިންޑިޔާ ސިފައިންގެ ފޮޓޯނަގާފައި ބަހައްޓާ