ށ. މިލަންދޫގެ ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރު އަހްމަދު އަފްރަސް ހަލީމްއަކީ ވަރަށް ކުޑައިރުއްސުރެ ވެސް ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބި ކުރާ ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިންނާއި އަޅާ ބަލާއިރު ދީނީ ކަންކަމަށް ބަހައްޓާ ފަރުވާތެރިކަން އެ ރަށުގެ އެންމެނަށް ވެސް އެނގެއެވެ. އެހެން ކުދިން ކުޅިވަރާއި އެހެންކަންކަމުގައި އުޅުނަސް އަފްރަސްއަށް ދީނީ ކަންކަމަކީ އޭނާ އެންމެ ފުރަތަމަ އިސްކަންދޭ ކަންކަމެވެ.

އެކަން އެންމެ ބޮޑަށް ފާހަގަވީ މި ފަހުން މިލަންދޫގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އިމާމްވެ ނަމާދު ކުރަން ފެށުމުންނެވެ އެންމެ ދުވަހަކު ނޫނެވެ. އަފްރަސް ވަނީ ފަސް ދުވަސް ވަންދެން ފަސް ވަގުތު ވައްޓާ ނުލައި އެ މިސްކިތުގެ އިމާމްކަން ކޮށްފައެވެ. އުމުރުން ކިތަންމެ ހަގަސް އެއީ ކުރެވިދާނެކަމެއް ކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.

އަފްރަސްގެ އެ އަމަލު އެންމެ ފަހުން އޭނާ ކިޔަވަމުންދާ މިލަންދޫ ސްކޫލުންވެސް ވަނީ ބަލައިގެންފައެވެ. އަދި އިމާމްކަން ކޮށްދިނުމުން އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ސްކޫލުގެ ރަސްމީ ފޭސްބުކް ޕޭޖްއިންވެސް ވަނީ ޕޯސްޓެއް ވެސް ކޮށްފައެވެ.


"އިމާމަކު ނެތިގެން އިމާމްކަމުގެ ޒިންމާއާ ހަވާލުވިކަން މި ސްކޫލުން އުފަލާއެކު ބަލައިގަންނަން. މާތް ﷲ އަފްރަސްއަށް އިތުރަށް އިލްމު ލިބޭނެ ގޮތް މެދުކުރައްވައި އަދިވެސް އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު ދެއްވާށި" ސްކޫލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވެއެވެ.

ސްކޫލުން އަސްރަފްގެ އަމަލު ފާހަގަކޮށް ލިޔުނު ޕޯސްޓު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފޭސްބުކްގައި 90 އަށްވުރެ ގިނަ މީހުން އެ ޕޯސްޓު ޝެއާ ކުރިއިރު ކޮންމެ މީހަކު ވެސް އަފްރަސްއަށް ތައުރީފުގެ ބަހެއް ނޫން ބަހެއް ނެތެވެ.

އަފްރަސްގެ މަންމަ ފާތިމަތު ފިރާޝާ ވަނީ އަފްރަސްއަށް އިމާމްކަން އަދާކުރުމުގެ ފުރުސަތު ވަގުތީ ގޮތުން ލިބުނު ގޮތް ކިޔައިދީފައެވެ.

އަފްރަސްގެ މަންމަ ބުނީ އަފްރަސް އެންމެ ކުޑަކުޑައިރުއްސުރެވެސް ބަންގި ގޮވާ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އަދި ޔޫޓިއުބުން ބަލައިގެން ބޭރުގައި ބަންގި ގޮވާ މޮޅެތި ބޭފުޅުން ގޮވާ ގޮތަށް ބަންގި ގޮވަން އަފްރަސް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށްވެސް ބުންޏެވެ. އަދި އެންމެ ކުޑައިރުއްސުރެ ވެސް ނަމާދަށް މިސްކިތަށް ދާތީއާއެކު، އިމާމުންގެ ކަންކަން ފެންނަމުން ދިއުމާއެކު އެކަންކަން ނަކަލު ކުރަން އޭނާއަށް އޮތީ ދަސްވެފައި ކަމަށް ފިރާޝާ ބުންޏެވެ.

ށ. މިލަންދޫ--

އަފްރަސް އިމާމްކަމަށް އޮންނަ ޝައުގުވެރިކަން މިލަންދޫގެ ބޮޑު މިސްކިތުގެ ވަގުތީ އިމާމް އަދި އޭނާއާ ތިމާގެ ކަންވެސް އޮންނަ މުހައްމަދު ރަފީގުއަށް އެނގެއެވެ. އަދި އަފްރަސްއަށް އެކަން ކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޭނާއަށް އޮވެއެވެ.

އެހެންވެ ރަފީގު ކޮންމެހެން ދާން ޖެހޭ ރަށަކަށް ދާން ޖެހުމުން އެ މިސްކިތާ ވަގުތީ ގޮތުން ހަވާލުވާނެ މީހަކު ނެތުމުން އެކަން ހުށަޙެޅީ އަފްރަސްއަށެވެ.

"ދެން ކައުންސިލްއިން ވެސް ގުޅީ ހަވާލުވާން އެދި. ދެން އަޅުގަނޑުމެންވެސް ވަރަށް އުފަލާއެކު އެއީ އަފްރަސްއަށް ވަރަށް ކުރިއެރުން ލިބުނުކަމެއްގެ ގޮތުގައި ބަލައި އާއެކޭ ބުނީ.". އަފްރަސްގެ މަންމަ ބުންޏެވެ.

އަފްރަސްގެ މަންމަ ބުނީ އަފްރަސްއަކީ ސްކޫލު ކުއްޖަކަށް ވާތީ ސްކޫލުގެ ފަރާތުން ވެސް އެކަމުގައި އެހީތެރިކަން ލިބުނު ކަމަށެވެ. އަފްރަސްއަކީ ހެނދުނު ސްކޫލަށްދާ ކުއްޖަކަށް ވާތީ މެންދުރު ނަމާދު ގަޑިއަށް ސީދާ ބަންގި ގޮވަން ދެެވޭނެ ގޮތް ހަދަން ސްކޫލުން ކުޑަވަގުތު ކޮޅެއް ކުރިން ވީއްލައިދިން ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ބަންގި ގޮވައި އަދި އިމާމްވެ ނަމާދު ކުރި އިރު މިލަންދޫގެ މީހުންނަށް އެންމެ ބޮޑަށް އަޅައިގަތީ އަފްރަސް ނަމާދުގައި ކީ ސޫރަތްތަކެވެ. އާންމުކޮށް އަފްރަސްގެ އުމުރު ކުދިން ކުރި ސޫރަތްތައް ހިތުން އެނގޭ އިރު އަފްރަސް ނަމާދުގައި ކިޔެވީ ދިގު ސޫރަތްތަކެވެ. އެހާ ކުޑަކުއްޖަކު ދިގު ސޫރަތްތައް ކިޔެވުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ.

ށ.އަތޮޅު މިލަންދޫ
ށ.އަތޮޅު މިލަންދޫ

އަފްރަސްގެ މަންމަ ބުނީ ގުރުއާން ދަރިފުޅު ހިފްޒު ކުރަން ފެށިތާ މިހާރު ހަތަރު އަހަރުވަރު ވެދާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަފްރަސްއަކީ އަޑު އަހައިގެން ވަރަށް ފަސޭހައިން ދަސްކުރާ ކުއްޖެެކެވެ، އަދި އެކަން ފާހަގަވެގެން ގުރުއާން ހިތުދަސް ކޮށްދޭން ފެށި ކަމަށްވެސް ބުންޏެވެ.

އަފްރަސްްއަކީ މިހާރުވެސް ރަށު ސްކޫލުގެ އެސެމްބްލީގައި ވަރަށް ގިނައިން ކިޔަވަމުންދާ ކުއްޖެކެވެ.

އަފްރަސްގެ މަންމަ ބުނީ ދަރިފުޅު ސްކޫލު ނިންމުމަށް ފަހު މުދިންކަމުގެ ކޯސް ހެދުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި އަދި އެ ވާހަކަ ދައްކައިއުޅޭ ކަމަށެވެ. އެކަމަށް އާއިލާގެ އިއުތިރާޒެއް ނެތެވެ.

"ދީނީ ގޮތުން ކުރިއަށް ދާން ކުރާ ކަންކަަމަކީ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ތާއިދު ކުރާކަންކަން. ނަމަވެސް ފަހަރެއްގައި އެ ހިޔާލު ހަމަ ބަދަލު ވެދާނެ. އެހެން ދާއިރާއަކުން ކިޔަވަން ބޭނުމިއްޔާ ވެސް އަޅުގަނޑުމެންގެ މައްސަލައެއް ނެޔް" އަފްރަސްގެ މަންމަ ބުންޏެވެ.

އަފްރަސްގެ ރަށުގެ މީހުންނަށް މިހާރު އޭނާ އަކީ ކުޅަދާނަ މުދިމެކެވެ. އެކަން އޭނާ ވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދީފަ އެވެ. އެހެންކަމުން އޭނާ ރަސްމީކޮށް އެ ރަށުގެ މުދިމެއްގެ ގޮތުގައި ފެނުމަކީ މިހާރު އެ ރަށުގެ ގިނަ ރައްޔިތުންގެ އުއްމީދެކެވެ. މިލަންދޫގެ މީހުން ބުނާގޮތުން އަފްރަސްއަކީ މިހާރު އެ ރަށުގެ ފަހުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. 2323

    ގިނަ ފަހަރު ކުއްޖަކަށް ނުވަތަ މީހަކަށް ތައުރީފްކޮށްކޮށް ، ތައުރީފް ލިބޭ ކުއްޖެއްގެ ނުވަަތަ މީހެއްގެ ވިސްނުން އެހެން ގޮތަކަށް ބައްޓަންވެދެއެވެ. މިކޮމެންޓް ބިނާވެފައިވާ ކަންކަމާމެދު އިތުރަށް އެއްޗެއް ދެންނެވުން ބުއްދިވެރި ނުވާނެތީ ކުރުކޮށްލަމެވެ.

    20
    1
  2. ހަސީ

    ސާބަހޭ ދަރިޔާ

    30
  3. ބޮސް

    މަރުހަބާ. ތިކަހަލަ ކުދިން މި މުސްލިމް މުޖުތަމަޢުއަށް ބޭނުންވަނީ. އަބަދު ކުޅިވަރުކުޅުމާއި މިވަގުތީ ދުނިޔޭގެ އުފަލާއި އަރާމް ހޯދުމަށް އުޅުމަށްވުރެ

    33
    0
  4. ހުވަދޫ

    މަސައްކަތް އަޒުމުގައި ކޮއްފިއްޔާ، އެންމެ މޮޅީ އެންމެ މަތިވެރި ހަމައެކަނި އިލާހު "ﷲ".

  5. ޙައްވަ

    މިގައުމަށް ބޭނުންވާޒުވާނުންނަކީ ތީ ތަންތާގަ ބިށްޖެހިފައިވާޒުވާނުން މިގައުމަށް ބޭނުމެއްނުވޭ

  6. ގަން

    މާޝާﷲ، ﷲ އިރާދަކުރެއްވިއްޔާ ސާބިތުކަން ދެއްވާށި.

  7. މިކަންއަބަދުވެސްހަނދާންކުރައްވާތި

    الله تعالى ވަޙީކުރައްވާފަ ވަނީ ތިމަންރަސްކަނލާންގެއައް
    އަޅުކަން ކުރަން މެނުވީ ތިމަންރަސްކަނލާންގެ އިންސީންނާއި ޖިންނީ ނުހައްދަވަމެވެ ﷲ تعالي އަފްރަސްގެ ދެދުނިޔެ ބާއްޖަވެރިކުރައްވާށި……امين

    14
  8. Anonymous

    މާޝާﷲ. އަފްރަސް އަށް ފާގަތި ކުރިމަގެއް ދެއްވާ ޢިލްމު އިތުރުކޮށްދެއްވާށި. އާމީން.