ޖޯޖިއާއަށް ނިސްބަތްވާ 27 އަހަރުގެ ޑިންޒެލް ސިގާސް ނަމަކަށް ކިޔާ މީހަކު އޭނާ މާ ކުރު ކަމުން އަންހެން ކުދިންގެ ލޯބި ކާމިޔާބު ނުވާ ކަމަށް ބުނެ 81،000 ޑޮލަރު ހަރަދުކޮށްގެން އިސްކޮޅުން ދިގު މީހަކަށް ވެފައެވެ. މިގޮތުން ކުރިން އޭނާގެ އިސްކޮޅުގައި 5'5 ހުރިއިރު، އެ ފައިސާތައް ހަރަދުކޮށް 6 އަށް މިހާރު ވަނީ އިތުރު ވެފައެވެ.

ސިގާސް، 27، ނިއު ޔޯކް ޕޯސްޓަށް ފޮނުވި އީމެއިލްގައި ބުނީ މުޅި އުމުރު ދުވަހު ވެސް އަމިއްލައަށް އޭނާއަކީ ކުރު މީހެއްގެ ގޮތުގައި ބެލެވެވިފައި އޮތް ކަމަށެވެ.

"އެކަން ބަދަލުކުރަން އެތައް މަސައްކަތެއް ކުރި ނަމަވެސް އަބަދުވެސް ކުރެވެނީ އެފަދަ އިހުސާސެއް.".

އެހެން ނަމަވެސް ފައި ދިގު ކުރުމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުމާއ ދޭތެރޭ ދެކޭ ގޮތް ބަދަލުކުރުމުގެ ފުރުސަތު ލިބުނު ކަމަށް އޭނާ ބުންޏެވެ.

ޒުވާން އުމުރުގައި އޭނާ އެންމެ ގަޔާވި އަންހެން ކުއްޖާ އޭނާ "ރިޖެކްޓް" ކުރީ އޭނާ "ވަރަށް ކުރު އަދި ވަރަށް ޒުވާން" ކަމަށް ބުނެއެވެ.

އެންވައި ޕޯސްޓުގައި ވާގޮތުން ސިގާސް އޭނާގެ ދިގުމިން އިތުރުކުރާނެ ގޮތްތައް ހޯދަން އެތައް އަހަރެއް ވަންދެން ދިރާސާ ކުރި ނަމަވެސް އެކަމަށް އަލި މަގެެއް ނުފެނެއެވެ.

އެ މަސައްކަތުގެ ތެރެއިން އޭނާއަށް ފެނިގެން ދިޔައީ ފައި ދިގު ކުރެވޭނެ ގޮތެކެވެ. ވަގުތުން އެ އޮޕަރޭޝަން ކުރުމަށް ބުކް ކުރިއެވެ. އަދި އެކަން މިހާރު އޭނާ ވަނީ ކޮށްފައެެވެ.