އިންޑިއާގެ ޖައިޕޫރަށް ނިސްބަތްވާ ބާރަތު ޓިވާރީ އަކީ ވަރަސް މަދުން ނޫނީ ނުފެންނަ އާދަޔާއި ހިލާފު ބައްޔެއް ތަހައްމަލް ކުރަމުން އަންނަ މީހެކެވެ. އުމުރުން ފަސް އަހަރުން ފެށިގެން އޭނާ އިސްކޮޅުން ދިގެއް ނުވެއެވެ. މިއީ ސީދާ ކޮން ބައެއްޔައް ކަން ވެސް ބުނާކަށް ޑޮކްޓަރުންނަކަށް ނޭނގެއެވެ. މިހާރު ބާރަތުގެ އުމުރުން 53 އަހަރު ވެއްޖެއެވެ.

ބާރަތުގެ ހަށިގަނޑުގެ ކަށިތައް އުފެދިފައިވާ ގޮތުން އޭނާ އެހެން އިންސާނުންނާއި ވަރަށް ތަފާތެވެ. އެހެންކަމުން އިންޑިއާގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެއީ "ކަލާންގެ ދެއްވާފައިވާ ނިއުމަތެކެވެ."

"އެއްވެސް މީހަކު އަހަރެންނާއި މެދު އިހާނެތި ގޮތަކަށް ކަންތަކެއް ނުކުރޭ. އެހެން އަވަށްތަކުން ވެސް މީހުން އާދޭ އަހަރެންނަށް އިހްތިރާމް އަދާކުރަން. ހުރިހާ އެންމެން ވެސް އަހަރެންނަށް އިހްތިރާމް ކުރޭ. ހުރިހާ އެންމެން ވެސް އަހަރެންނަށް އެހީތެރިވޭ." ބާރަތު ބުންޏެވެ.

ބާރަތު ބުނީ އޭނާ އަށް އާދަޔާއި ހިލާފު ބައްޔެއް ޖެހިފައި ވަނީ ކީއްވެކަން ބުނެދޭން ނޭނގޭ ކަމަށެވެ.

"އުމުރުން ފަސް އަހަރު ވަންދެން އަހަރެންނާއި އެހެން މީހުންނާއި ތަފާތެއް ނެތް. އޭގެ ފަހުން މިބަދަލު އައީ. ކީއްވެގެން ވީކަމެއްކަން އަހަރެންނަކަށް ނޭނގޭ. އަދި އެކަން އެނގޭ މީހަކު ނުވެސް ނެތް." ބާރަތު ބުންޏެވެ.

ބާރަތު ބުނީ އޭނާ އަށް ކުޅަދާނަވީ މިންވަރަކުން މިހާތަނަށް ވެސް އެތައް ޑޮކްޓަރުންނަކަށް ދެއްކިއްޖެ ކަމަށާއި ނަމަވެސް ފަރުވާއެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

"ފަރުވާއެއް ހޯދަން އަހަރެން މިކުރަނީ ހަނގުރާމައެއް. އުއްމީދަކީ އަހަރެންނަށް ކޮންމެވެސް ދުވަހަކުން ފަރުވާއެއް ލިބުން." ބާރަތު ބުންޏެވެ.

ނަމަވެސް ބާރަތުއަށް ފަރުވާއެއް ހޯދިދާނެ ކަމުގެ އުއްމީދެއް ޑޮކްޓަރުންގެ ނެތެވެ. އެއީ ސީދާ ކީއްވެ ދިމާވެފައިވާ ކަމެއްކަން އެނގިފައި ނުވާތީ އާއި އެފަދަ ހާލަތެއް ދިމާވެފައިވާ މީހަކު ރަނގަޅު ކުރެވިދާނެ ކަމުގެ ހެއްކެތް ވެސް އަދި ފެންނަން ނެތީތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މި ބޭބެއަށް އަވަސް ޝީފާއެއްދެއްވާށި. އާމީން

    • ކިޔާ

      އާމީން.

    • މީ

      އިންޝާﷲ

  2. ތިމަންނަ

    އިސްލާމް ދީނަށްވަދެ ހެއްދެވި ފަރާތަށް ، ބަލިން ޝިފާއެއް ހޯދުމަށް އެދޭށެވެ.