އަށް އަހަރުދުވަހުގެ މެދު ކެނޑުމަކަށްފަހު އަބީޝެކާއި އައިޝްވާރިޔާ އެކުގައި ދެން އެންމެ އަވަހަށް ފެނިގެންދާން މިއުޅެނީ މަޝްހޫރް ޕްރޮޑިއުސަރު އަނުރާގް ކަޝްޔަޕް ޕްރޮޑިއުސްކޮށް އަދި ސާވޭޝް މެވާރާ ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ގުލާބު ޖާމުން" އިންނެވެ. ލޯބީގެ އަސަރުގަދަ މި ފިލްމުގައި އައިޝްވާރިޔާއާއި އަބީޝެކް ކުޅުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ރޯލު ނޫންކަމުގައިވިޔަސް، އެދެ ފަންނާނުންވެސް ކުޅުމަށް ހަމަޖެހިފައިވަނީ މީގެކުރިން އަދި ކުޅެފައިވާ ނުވާ ފަދަ ރޯލެކެވެ.

މިހާރު ގިނަ ބަޔަކު އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ އައިޝްވާރިޔާއަށް ޑައިރެކްޓަރު ސަންޖޭ ލީލާގެ ފިލްމެއް ލިބުނު ނަމަވެސް އޭނާ އެ ފިލްމަށް އެއްބަސް ނުވެ، އަނުރާގުގެ "ގުލާބު ޖާން"އަށް އެއްބަސްވި ވާހަކައެވެ. ފަހަރުގައި "ގުލާބު ޖާން"ގައި ފިރިމީހާ އަބިޝެކްއާއެކު ކުޅުމުގެ ފުރުސަތު ލިބުމުން އައިޝްވާރިޔާ ނިންމި ނިންމުމެއް ކަމުގައިވެސް ވެދާނެއެވެ.

"އައިޝްވާރިޔާއަށް ލިބުނު ސަންޖޭގެ ފިލްމެއްވެސް. އެކަމަކު އެ ދެ ފިލްމު ކްލޭޝް ވާތީ އޭނާއަށް ޖެހުނީ ވަކި ފިލްމެއް އިޚްތިޔާރު ކުރަން. ދެން ފިރިމީހާ އަބީޝެކްއާއިއެކު ފިލްމެއް ނުކުޅޭތާ ގިނަދުވަސްވެފައި ވާތީ އައިޝްވާރިޔާ (ގުލާބު ޖާމުން)އަށް އެއްބަސްވީ." އައިޝްވާރިޔާގެ ގާތް ފަރާތަކުން ބުނެފައިވެއެވެ.

"ގުލާބު ޖާމުން"ގެ ސްކްރިޕްޓާއި ބެހޭގޮތުން އައިޝްވާރިޔާ މީގެ ކުރިން ބުނެފައިވަނީ ހަޤީޤީ ހަޔާތުގެ ދެމަފިރިން އެކުގައި ފެންނަ ފިލްމަކަށްވުމުން، ވަރަށް ރީތި ސްކްރިޕްޓަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ގުރޫ" ފަދަ ކުރީގެ ފިލްމުތަކުގެ ޝޫޓިންއިން ދިމާވެ، ލޯބީގެ ގެ ގޮތުން ގުޅި އަދި މިހާރު ކައިވެންޏަށްވެސް 11 ވަރަކަށް އަހަރުވެފައިވާ މި ދެމަފިރިން މިހާރު ދަނީ ފިލްމާއި ބެހެ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާއި ވާހަކަ ދައްކަމުންނެވެ. އަދި ހުރިހާ ކަމެއް ފައިނަލް ވުމުން ވަރަށް އަވަހަށް ފިލްމާއި ބެހޭ ގޮތުން ރަސްމީ އެންގުމެއްވެސް އަންގާނެ ކަމަށް ޑައިރެކްޓަރު ސާވޭޝް ވަނީ ބުނެފައެވެ.