މިދިޔަ މަހުގެ 18 ވަނަ ދުވަހު އެންގޭޖްވެގެންދިޔަ ބޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯންސް ކައިވެނީގެ ކަންކަން ޕްލޭން ކުރަން ފަށައިފިން ކަމަށް ޕްރިޔަންކާ ބުނެފިއެވެ.

އެންގޭޖްމެންޓްގެ އުފަލުގައި ޕްރިޔަންކާއާއި ނިކް ވަނީ އާއިލާއަށާއި ރައްޓެހިންނަށް ވަނީ ކުޑަ ވަރެއްގެ ޕާޓީއެއްވެސް ބާއްވާފައެވެ. އަދި އެންގޭޖްވި އުފާވެރި ޚަބަރު އެ ދެ ލޯބިވެރިންވަނީ އެމީހުންގެ މީސްމީޑިއާ އެކައުންޓް ތަކުގައި އާންމުކޮށް އެ ހާއްސަ ހަފްލާއާއި ގުޅޭ ބައެއް ފޮޓޯތައްވެސް ޕޯސްޓް ކުރިއެވެ.

ކައިވެނީގެ ކަންކަން ޕްލޭން ކުރަމުން އަންނަ ކަމަށް ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ކުރިއަށް ހުރި މަސައްކަތަކުގެ ޚުލާސާއެއް ކިޔައިދެމުންނެވެ.

"ހަތަރު އަހަރަށްފަހު އަހަރެން އިންޑިއާގައި ފިލްމެއް ހެދުމުގެ މަސައްކަތް މި ކުރަނީ. އަދި ޔޫޓިބް ޓޯކް ޝޯއެއްގެ މަސައްކަތްވެސް ކުރިއަށް ގެންދަން ވިސްނާފައި އޮތީ. އެ ޓޯކް ޝޯގައި އަހަރެން ރޭންޑަމްކޮށް ދިމާވާ އެކިއެކި މީހުންނާއި ސުވާލުކުރަމުން ވާހަކަ ދައްކަމުން ދާނީ. މިއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެތީ އަހަރެން މި ހުރީ އުފަލުން. މިވަގުތު އަހަރެން މިދަނީ ފޮތެއްވެސް ލިޔުމުގެ މަސައްކަތް ކުރަމުން. އަދި އަހަރެންނާއި ނިކްގެ ކައިވެނީގެ ކަންކަންވެސް ޕްލޭން ކުރަމުން." ޕްރިޔަންކާ ބުނެފައިވެއެވެ.

ކައިވެނީގެ ޕްލޭންތަކާއި ގުޅޭ މާ ބޮޑު މައުލޫމާތެއް ޕްރިޔަންކާ ނުދިން ނަމަވެސް، އޭނާގެ މި ޚަބަރާއެކު އޭނާގެ ގިނަ ސަޕޯޓަރުން ތިބީ އުފަލުންނެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މި ދެ ލޯބިވެރިން ކައިވެނި ކުރާނެ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، މިިކަމާއި ގުޅިގެން ޕްރިޔަންކާ އަދި ނިކްވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.