ޕާކިސްތާނުގެ ގައުމީ އެއަރލައިން ގެ ފްލައިޓް އެޓެންޑެންޓެއް ކެނެޑާއަށް ދިޔަ ގޮތަށް ފިލައިފި ކަމަށް އެ އެއަރލައިން އިން ބުނެފިއެވެ.

މިދިޔަ ހަފްތާގައި ކެނެޑާގެ ޓޮރޮންޓޯ އަށް ދަތުރުކުރި ބޯޓުގައި އެ ފުލައިޓް އެޓެންޑެންޓް ވެސް ވަނީ ކެނެޑާ އަށް ދަތުރުކޮށްފައި ކަމަށާއި، ކުރޫން ރެސްޓް ކުރުމަށް ހޮޓަލަށް ދިޔަފަހުން އެ މުވައްޒަފު ގެއްލިފައިވާ ކަމަށާއި އަދި ފަހުން ފުރަން އޮތް ގަޑިއާއި ހަމަ އަށް ވެސް އެ މުވައްޒަފު ޑިއުޓީ އަށް ރިޕޯޓް ކޮށްފައިނުވާ ކަމަށް ޕާކިސްތާނު އެއަރ ލައިންގެ ތަރުޖަމާނު އަބްދުﷲ ހަފީޒް ޚާން ވަނީ މީޑިއާ ތަކަށް ކަށަވަރު ކޮށްދީފައެވެ.

ޕާކިސްތާނު އެއަރ ލައިންގެ ތަރުޖަމާނު އަބްދުﷲ ހަފީޒް ޚާން ބުނި ގޮތުގައި ފައިޒާ މުކްތާރު ކިޔާ މި މުވައްޒަފު ކެނެޑާގެ ޓޮރޮންޓޯ އަށް ދަތުރުކުރީ ޕާކިސްތާނު އެއަރލައިންގެ ފުލައިޓް ނަންބަރު PK-781 އިން ޕާކިސްތާނުގެ ވެރި ރަށް އިސްލާމްއާބާދުންނެވެ. އަދި އޭނާ އެނބުރި އިސްލާމް އާބާދަށް އަންނަށް އޮތް ފުލައިޓް އޮތީ އޭގެ އަނެއް ދުވަހު ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް ހަބަރެއް އެއަރލައިނަށް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާނު އެއަރ ލައިންގައި މަސައްކަތް ކުރާ ފުލައިޓް އެޓެންޑެންޓުން ވަޒީފާ އަށް ފިލުމަކީ އާންމު ކަމަކެވެ. އަދި ހާއްސަކޮށް ކެނެޑާ އަށް ގޮސް ވަރަށް ގިނަ ފުލައިޓް އެޓެންޑެންޓުން ވަނީ ފިލާފައެވެ. އެ ގޮތުން 2023 ވަނަ އަހަރު އެކަނިވެސް 7 މުވައްޒަފުން ވަނީ މި ގޮތަށް ކެނެޑާއަށް ދިޔުމަށް ފަހު ވަކި އެއްޗެއް ނާންގާ ފިލާފައި ކަމަށް ޕާކިސްތާންގެ ގައުމީ އެއަރލައިން އިން މައުލޫމާތު ދެއެވެ.

ޕާކިސްތާނުގެ ގައުމީ އެއަރލައިން އިން މުވައްޒަފުން ފިލަނީ އެ ކުންފުނީގެ މުސާރަތައް ކުޑަކަމުންނާއި މުވައްޒަފުންނާއި ދޭތެރޭ ކަންތައް ކުރާ އިހާނެތި ގޮތުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ޕާކިސްތާން އެއަރލައިން ގައި މުވައްޒަފުންގެ ތެރޭގައި ތަފާތުކުރުން އިންތިހާ އަށް ބޮޑުކަަމަށް ވެސް އެ އެއަރލައިންގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް ޕާކިސްތާން އެއަރލައިނުން މި ތުހުމަތުތައް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު