ފޭކް ވިސާގައި އިންޑިއާއަށް އެތެރެވި އެމެރިކާގެ މީހަކު ދެއަހަރަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެރިކް ޑެނިއަލް ބެކްވިތް ނަމަކަށް ކިޔާ ފިރިހެނެކެވެ.

އިންޑިއާ ފުލުހުންގެ އެސިސްޓެންޓް ސުޕްރިޑެންޓް އޮފް ޕޮލިސް، އަތިޝް ކުމާރް ސިންގ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ އޭނާ ފޭކް ވިސާގައި އޭނާ އިންޑިއާއަށް އެތެރެވެފައިވަނީ ސަނޯލީ ސަރަހައްދުގައި ހުންނަ އިންޑިއާ-ނޭޕާލް ބޯޑަރު ކައިރިން ކަމަށެވެ. އެތަނުން އޭނާ ޗެކް ކުރުމުން އެއީ ފޭކް ވިސާކަން އެނގިގެން މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އޭނާ ހައްޔަރު ކުރި ކަމަށެވެ.

ފޭކް ވިސާ ހިފައިގެން ވަގަށް އެގައުމަށް އެތެރެވާން އުޅުނު އެ މީހާ ދެއަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް އިއްޔެ ހުކުމް ކޮށްފައިވާ ކަމަށާއި އެ ހުކުމުގެ އިތުރުން ވެސް 20،000 ރުޕީސްއިން އޭނާ ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެއަހަރުގެ ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، ޖޫރިމަނާ ފައިސާ ނުދެއްކިއްޖެނަމަ، އިތުރު 15 ދުވަހަށް ޖަލުގައި މަޑު ކުރަން ޖެހޭނެ ކަމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރަން ޖެހޭ އިދާރާތްތަކަށް މައުލުމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު