ސްޕޭނިޝް ސީރީސް އެއް ކަމުގައިވާ މަނީ ހައިސްޓްގެ ހިންދީ ފިލްމެއް ކުޅެން ބޮލީވުޑްގެ ތަރި ޝާހްރުކް ޙާން ތައްޔާރު ވަމުން އެބަ ގެންދެއެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ދެ ފިލްމް ވެސް ބޮކްސް އޮފީހުގައި ފްލޮޕަކަށް ވުމުން އޭނާ ވަނީ އެތައް ޕްރޮޖެކްޓް ތަކެއް ފަށާފައި ކަމަށް އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓް ކުރަމުން އަންނަ މި ދަނޑިވަޅުގައި މަނީ ހައިސްޓްގެ ހިންދީ ފިލްމެއް ނެރެން އޭނާ ނިންމުމުން އެތައް ބަޔަކު ވަނީ އެ ފިލްމަށް މިހާރުވެސް އިންތިޒާރު ކުރަން ފަށާފައެވެ.

މަނީ ހައިސްޓް އަކީ "ޕްރޮފެސާ" ކިޔާ ގޮތް ނޭނގޭ ލީޑަރަކު ބޭންކަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގުމަށްޓަކައި 8 ކުށްވެރިން ތަމްރީން ކުރުވާ ގޮތް ދައްކުވައިދޭ ސީރީސް އެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ސީރީސް ޝާހްރުކް އަށް ވަރަށް ކަމުދެއެވެ. އަދި އޭގެ ހިންދީ ފިލްމެއް ނެރެފި ކަމުގައި ވަނީ ނަމަ، އެއަށް ބޮޑު ތަރުހީބެއް ލިބޭނޭ ކަމަށްވެސް އޭނާ ގަބޫލު ކުރެއެވެ.

މި ފިލްމް ޕްރޮޑިއުސް ކުރަނީ ޝާހްރުކް ނަމަވެސް، ފިލްމުގެ ރޯލަކުން އޭނާ ފެނިގެން ދާނޭ ކަމެއް އަދި ނޭނގެއެވެ. ނަމަވެސް، ގިނަ ބަޔަކު އަންނަނީ ޕްރޮފެސާގެ ރޯލުން ޝާހްރުކް ފެންނަން ބޭނުންވާ ކަމަށް ބުނަމުންނެވެ.

ފާއިތުވެދިޔަ 7 މަސް ތެރޭގައި ބޮޑު ސްކްރީން ފިލްމަކުން ޝާހުރުކް ޙާން ނުފެނުމުން އޭނާގެ ސަޕޯޓަރުން ވަނީ "ވީ މިސް ޝާހްރުކް ޙާން އޮން ބިގް ސްކްރީން" ގެ ނަމުގައި މީސް މީޑިއާގައި އައު ޓްރެންޑެއް ފަށާފައި ކަންވެސް ފާހަގަކޮށްލެވެއެވެ.