ކަސްރަތު ކުރުމަކީ ސިއްޙީ ގޮތުން ވަރަށްވެސް ފައިދާ ހުރި ކަމެކެވެ. ސިއްޙީ ގޮތުން ކުރަން އެންމެ ފައިދާހުރި ކަމަކީ ކަސްރަތު ކުރުމޭ ބުނެވިދާނެއެވެ. ސަބަބަކީ ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ އެކި މަސައްކަތްތައް ކުރުމަށް ބާރަކަށްވެ، ހަށިގަނޑުގެ މަސައްކަތަށް އާރޯ ކަމެއް ލިބިގެން ދާތީއެވެ.

ނަމަވެސް ކަސްރަތު ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މީގެ ތެރޭގައި ކަސްރަތު ކުރަން ފެށުމުގެ ކުރިން ބޯ ބުއިންތަކާމެދު ވިސްނާލަން ޖެހެއެވެ. ބައެއް ކަހަލަ ބުއިންތަކަކީ ކަސްރަތު ކުރުމުގެ ކުރިން އެއްވެސް ގޮތަކަށް ބުއިން ރަނގަޅު ބުއިން ތަކެއް ނޫނެވެ. މީގެ ތެރެއިން ބައެއް ބުއިންތައް ތިރީގައި މިވަނީއެވެ.

ކިރުގެ ބާވަތްތައް

ކިރުގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕުރޮޓީންސާއި ކާބޯހައިޑުރޭޓްސް އަދި ފެޓްސްގެ މާއްދާ އެކުލެވޭ ތެކެއްޗެވެ. މިމާއްދާ ތަކަކަކީ ހަޖަމްވުމަށް ގިނަ ވަގުތު ނަގާ މާއްދާތަކެއް ކަމުން، ކަސްރަތު ކުރުމުގެ ކުރިން ކިރުގެ ބާވަތްތައް ތިމާ އެކަމަށް ކިތަންމެ ހިތް އެދުނު ކަމުގައި ވިޔަސް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް ކަސްރަތުކޮށް ނިމިގެން ކިރު އެކުލެވޭ ބާވަތެއް ބޭނުން ކުރުން އެންމެ ރަނގަޅެވެ.

އެނާޖީ ޑުރިންކްސް އަދި ފިޒީ ޑުރިންކްސް

އެނާޖީ ޑުރިންކްސް އަދި ފިޒީ ޑުރިންކްސްއަކީ ކަސްރަތު ކުރަން ފެށުމުގެ ކުރިން އަދި ކަސްރަތުކޮށް ނިންމާފައިވެސް ބޭނުން ކުރުން އެއްވެސް ގޮތަކަށް އެދެވިގެންވާ އެއްޗެއް ނޫނެވެ. އަދި މިބޭނުންކޮށްފިނަމަ ދަށް ބަނޑަށް ތަދުވެ، ގޭސްޓްރިކްގެ މައްސަލަތަކާއި ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.